ENGLISH
10 އޭޕްރީލު 2025
ފީނުމުގެ ދުނިޔޭގެ ރެކޯޑެއް ހަދަން ބ. އަތޮޅު ކައުންސިލް ތައްޔާރުވާން ފަށައިފި
22 މާރިޗު 2025
|
ބ. އަތޮޅު ކައުންސިލުން ފްރީޑައިވް މޯލްޑިވްސްއާ އެކު ވީ އެއްބަސްވުމުގެ ތެރެއިން. ފޮޓޯ: ބ. އަތޮޅު ކައުންސިލް
އެއްފަހަރާ އެންމެ ގިނަ މީހުން ފީނައިގެން ދުނިޔޭގެ ރެކޯޑް ފޮތަށް އެރުމުގެ މަސައްކަތް ބ. އަތޮޅު ކައުންސިލުން ފަށައިފިއެވެ.
ބ. އަތޮޅު ކައުންސިލުން ވަނީ އެ ރެކޯޑް ހެދުމަށް މިދިޔަ ބުރާސްފަތި ދުވަހު ފްރީޑައިވް މޯލްޑިވްސްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއްބަސްވުމުގައި ބ. އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރީ ކައުންސިލްގެ ރައީސް އަޙްމަދު އަފްރާހެވެ. ފްރީޑައިވް މޯލްޑިވްސްގެ ފަރާތުން ސޮއިކުރީ ފަހުދު ފާއިޒެވެ.
ރެކޯޑް ހެދުމަށް އަތޮޅު ކައުންސިލުން އަމާޒުހިފާފައި ވަނީ ދުނިޔޭގެ ޓޫރިޒަމް ދުވަހާއި ގުޅުވައިގެން އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހުއެވެ.
ދުނިޔޭގެ ރެކޯޑް ފޮތަށް އެރުމަށް 1000 އަށް ވުރެ ގިނަ މީހުން ފީނާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ފްރީޑައިވް މޯލްޑިވްސްއާ އެކު ކުރިއަށްގެންދާ އެ މަސައްކަތަށް ދީފައިވަނީ ނަމަކީ "ބާނި" އެވެ.
"ބާނި" ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެ އަތޮޅުގެ އަނގަފަރު ސަރަހައްދުގައެވެ. އެ ފުރުސަތު ބ. އަތޮޅާއި ރިސޯޓްތަކަށާއި މުޅި ރާއްޖެއަށް ވަނީ ހުޅުވާލާފައެވެ.
އަތޮޅު ކައުންސިލުން ބުނީ ޑައިވިން ރެކޯޑަށް ދިއުމުގެ މަސައްކަތް ފެށީ، ފަތުރުވެރިކަމުގެ ޝައުގުވެރި މަންޒިލެއްގެ ގޮތުގައި އެ އަތޮޅު އިޝްތިހާރު ކުރުމާއި ތިމާވެއްޓަށް މީހުން ހޭލުންތެރިކުރުވުމަށް ކަމަށެވެ.
ފީނުމުގެ ދުނިޔޭގެ ރެކޯޑެއް ރާއްޖޭން އެންމެ ފަހުން ހެދީ 2019 ވަނަ އަހަރުއެވެ. މާލެ އަތޮޅު ބަރޮސް ފަޅުތެރޭގައި ބޭއްވި އެ ހަރަކާތުގައި 600 އަށް ވުރެ ގިނަ ފްރީ ޑައިވަރުން ބައިވެރިވެފައިވެއެވެ.