ENGLISH
10 އޭޕްރީލު 2025
ބިދޭސީއަކު ދޫކޮށްލައި، 530،000 ރުފިޔާ ޝަމްއާން ދިރިއުޅޭ ގެއަށް ވެއްދި: ފުލުހުން
21 މާރިޗު 2025
|
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމުން ރޭ ވަކިކުރި މުޙައްމަދު ޝަމްއާން ވަހީދު، އޭނާ މަގާމުގައި ހުރިއިރު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލައި، އެ ބިދޭސީ މީހާ އަތުން 530،000 (ފަސްލައްކަ ތިރީސް ހާސް) ދިވެހި ރުފިޔާ ހޯދިކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން ރޭ ވަނީ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. ފުލުހުން ރޭ ވިދާޅުވީ، އެ މައްސަލައިގެ ތުހުމަތުގައި އިމިގްރޭޝަނުގެ ތިން މުވައްޒަފަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މައްސަލައިގެ ތަހްގީގަށް ލިބުނު ކުރިއެރުން ހާމަކޮށް، މަގާމުން ވަކިކުރި ޝަމްއާނަށް ކުރެވޭ ތުހުމަތުތައް ފުލުހުން އާއްމުކުރީ މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ.
ފުލުހުންގެ ނޫސްބަޔާނުގައި ބުނެފައިވަނީ، ޤަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދާ ޑިޓެއިންކުރުމުގެ ޒިންމާ އާއްމުކޮށް ކުރަމުންދާ މުވައްޒަފުންތަކެއް، އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ގެއެއް ބަލައި ފާސްކޮށް، އެގެއިން އިމިގްރޭޝަަންގެ ބެލުމުގެ ދަށަށް ބިދޭސީންތަކެއް ނަގުދު ފައިސާއާއެކު ގެންގޮސްފައިވާކަމަށެވެ. އޭގެ އެއް ދުވަސް ފަހުން ޝަމްއާންގެ އަމުރަށް އެތަނުން 530،000 ދިވެހި ރުފިޔާއާއެކު އިމިގްރޭޝަނުގެ ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި ޑިޓެންޝަނުން ދޫކޮށްލާފައިވާކަން ތަހްގީގަށް އެނގިފައިވާކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނީ، ގެ ބަލައި ފާސްކުރި މުވައްޒަފުން، ދޫކޮށްލި ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކޮށް އެ ފައިސާތައް ހޯދި ކަމަށެވެ. އަދި، އެ ފައިސާތައް ހިފައިގެން 2025 މާރިޗު 21 ވަނަ ދުވަހާ ހަމައަށް ޝަމްއާން ދިރިއުޅޭ އިމާރާތަށް ފައިސާތައް ހިފައިގެން ވަދެފައިވާކަން ތަހްގީގަށް ފާހަގަވެފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މައްސަލައާ ގުޅިގެން މިހާރު ވަނީ 5 މީހުން ހުއްޓުވައި، ބަލައި ފާސްކޮށް އެމީހުންގެ އަތުން އިލެކްޓްރޯނިކް ސާމާނުތައް ތަހްގީގަށް ގެންގޮސްފައެވެ. އަދި، ޝަމްއާން ދިރިއުޅޭ ގެ ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއް ތަހްގީގަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޝަމްއާން މަގާމުން ވަކިކުރުމަށްފަހު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމް ކުރީގެ ޕޮލިސް ކޮމިޝަނަރު އަޙްމަދު ފަސީހް ރޭ ވަނީ އައްޔަނުކުރައްވައިފައެވެ.