ENGLISH
10 އޭޕްރީލު 2025
އެމްއެމްއޭއަށް އޮފީސް އިމާރާތެއް އަޅަން ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަނީ
21 މާރިޗު 2025
|
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އަޅާ އާ އޮފީސް އިމާރާތުގެ ޑިޒައިން އަދި ކޮންސްޓްރަކްޝަން ކޮންސަލްޓެންސީއަށް ބިޑް ހުޅުވާލައިފިއެވެ.
މި މަޝްރޫޢަށް ޝައުޤުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހަޅަންޖެހޭނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ 11:00 ގެ ކުރިން އެމްއެމްއޭގެ އީމެއިލް އެޑްރެހަށެވެ.
އެމްއެމްއޭ އިން މި މަޝްރޫޢަށް ހޯދަނީ އިމާރާތް ޑިޒައިންކޮށް ޢިމާރާތް ކުރުމުގެ ދާއިރާއިން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތެކެވެ. އަދި ބިޑަށް ކުރިމަތިލާ ފަރާތްތަކަށް އިތުރު މަޢުލޫމާތު ސާފުކުރުމުގެ ފުރުޞަތު އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވެއެވެ.
މި އިމާރާތް އެޅުމަށް އެމްއެމްއޭ އިން ވަނީ 2023 ވަނަ އަހަރު 211 މިލިއަން ރުފިޔާއަށް 43,400 އަކަފޫޓުގެ ބިމެއް ހުޅުމާލެއިން ގަނެފައެވެ. އާ އިމާރާތް އަޅަނީ ދައުލަތުގެ ޚަޒާނާގެ ރައްކާތެރިކަމާއި، ބޭންކުތަކުން ފައިސާ ގެނައުމުގައި ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ބޭނުންވާ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައި ކަމަށް އެމްއެމްއޭ އިން ކުރިން ބުނެފައިވެއެވެ.
މި މަޝްރޫޢަކީ ޤައުމުގެ މާލީ ދާއިރާގެ މުހިންމު އިދާރާއެއްގެ ހައިސިއްޔަތުން އެމްއެމްއޭގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.