ENGLISH
20 އޭޕްރީލު 2025
ޢީދު ބަންދަށް ޚާއްސަކޮށްގެން މޯލްޑިވިއަން އިން ދަތުރުތައް އިތުރުކޮށްފި
20 މާރިޗު 2025
|
މޯލްޑިވިއަންގެ ބޯޓެއް. އީދާ ދިމާކޮށް އިތުރު 30 ދަތުރު ކުރާނެކަމަށް އެކުންފުނިން ބުނޭ. ފޮޓޯ: މޯލްޑިވިއަން
މި އަހަރުގެ ފިތުރު އީދު ބަންދަށް ޚާއްސަކޮށްގެން ގައުމީ އެއާލައިން މޯލްޑިވިއަންއިން އިތުރު ދަތުރުތަކެއް ކުރާގޮތަށް ހަމަޖައްސައިފިއެވެ.
ރަމަޟާން މަހުގެ ފަހު ދިހައަކާއި އީދު ބަންދުގެ ދުވަސްތައް ހިމަނައިގެން މި އަހަރު 15 ދުވަހުގެ ޗުއްޓީއެއް ލިބެއެވެ. އެހެންވެ، އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު މާލޭން ބޭރަށް ވަނީ ދާން ފަށައިފައެވެ.
މޯލްޑިވިއަނުން ބުނީ އީދަށް ލިބުނު ބޮޑު ބަންދާ ދިމާކޮށް 11 ރަށަކަށް އިތުރު 30 ދަތުރުކުރަން ހަމަޖެހިފައިވާ ކަމަށެވެ.
އީދު ބަންދާ ދިމާކޮށް މޯލްޑިވިއަނުން އިތުރު ދަތުރުތައް ކުރާނީ މާރިޗު 29 އިން އޭޕްރީލް މަހުގެ 5 ވަނަ ދުވަހާ ހަމައަށެވެ. ފްލައިޓް އެންމެ ގިނައިން އިތުރުކުރީ ސ. ގަމަށެވެ. އެގޮތުން ގަމަށް 8 ދަތުރު ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
މޯލްޑިވިއަނުން ދަތުރުކުރަން ހަމަޖެހިފައިވާ އިތުރު މަންޒިލްތަކުގެ ތެރޭގައި، ހދ. ކުޅުދުއްފުށި، ހދ. ހަނިމާދޫ، ހއ. ހޯރަފުށި، ށ. ފުނަދޫ، ލ. ކައްދޫ، ގދ. ކާޑެއްދޫ، ގދ. މާވަރުލު، ގދ. ފަރެސްމާތޮޑާ އަދި ގއ. ކޫއްޑޫ ހިމެނެއެވެ.
މޯލްޑިވިއަންގެ ފްލީޓުގައި 25 ބޯޓު އޮވެއެވެ. އޭގެތެރޭގައި 11 ސީޕްލޭން ހިމެނޭއިރު، އީދު ބަންދާ ދިމާކޮށް ސީޕްލޭންގައި ވެސް ޚާއްސަ ދަތުރުތައް ކުރުމަށް އެކުންފުނިން ވަނީ ނިންމައިފައެވެ. މިހާތަނަށް ސީޕްލޭންގެ ދަތުރުތައް ކުރާގޮތަށް ހަމަޖެހިފައިވަނީ ބ. ފުޅަދޫ އާއި ފެހެންދޫއަށެވެ.
ޚާއްސަ ދުވަސްތަކުގައި ޑިމާންޑަށް ބަލައި މޯލްޑިވިއަން އިން އަބަދުވެސް ދަތުރުތައް އިތުރުކުރެއެވެ. އެކުންފުނިން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް ޑިމާންޑާ އެއްވަރަށް ދަތުރުތައް އިތުރުކުރާނެ ކަމަށެވެ.