ENGLISH

10 އޭޕްރީލު 2025

Advertisement

ޑައުން ސިންޑްރޯމް: ތަފާތުތަކާ އެކު އެއްހަމައެއްގައި ފުރުސަތުތައް ލިބިދޭންޖެހޭ

21 މާރިޗު 2025

|

ޝަރާ އަބްދުﷲ

"ލޮޓްސް އޮފް ސޮކްސް" ކެމްޕެއިންގެ ފޮޓޯއެއް.

މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ޑައުން ސިންޑްރޯމް ދުވަހެވެ. ކޮންމެ އަހަރެއްގެ މާރޗު މަހުގެ 21 ވަނަ ދުވަސް ޑައުން ސިންޑްރޯމް ދުވަހުގެ ގޮތުގައި ފާހަގަކުރަން އދ. އިން ނިންމާ، 2012 އަހަރުން ފެށިގެން ޑައުން ސިންޑްރޯމް ދުވަހުގެ ގޮތުގައި މާރޗް 21 އަންނަނީ ފާހަގަކުރަމުންނެވެ. 

ޑައުން ސިންޑްރޯމްއަކީ ކޮބާ؟

ޑައުން ސިންޑްރޯމް ނުވަތަ ޓްރައިސޮމީ 21، އަކީ ކްރޮމޮސޯމްގެ 21 ވަނަ ޖޯޑުގައި އިތުރު ކޮޕީއެއް އިނުމުގެ ސަބަބުން އުފެދުމުގައި އަންނަ ނުކުޅެދުންތެރިކަމެކެވެ. ދުނިޔޭގައި ކޮންމެ 1،000 މީހުންގެ ތެރެއިން އެކަކީ ޑައުން ސިންޑްރޯމް ހުންނަ މީހެކެވެ. ދުނިޔެއަށް ކޮންމެ އަހަރަކު ވެސް ޑައުން ސިންޑްރޯމް ހުންނަ 5،000 ވަރަކަށް ކުދިން އުފަންވެއެވެ. ނިސްބަތުން ބަލާއިރު ޑައުންސިންޑްރޯމް ހުންނަ މީހުންގެ އެންމެ ބޮޑު އާބާދީއެއް އޮންނަނީ އަޔަލެންޑްގައެވެ.

ޑައުން ސިންޑްރޯމް ހުންނަ މީހުންގެ ދުވަސް ފާހަގަކުރަނީ ކީއްވެ؟

ޑައުން ސިންޑްރޯމް ހުންނަ މީހުންގެ ދުވަސް ފާހަގަކުރާ މައިގަނޑު މަގުސަދަކީ ޑައުން ސިންޑްރޯމްއާ ބެހޭގޮތުން އާންމުން ހޭލުންތެރިކޮށް، ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކާއި އާއިލާތަކަށް އެހީތެރިކަންދީ އެއްބާރުލުން ދިނުމެވެ. މި ދުވަސް ފާހަގަކުރަމުން އަންނަނީ ޑައުން ސިންޑްރޯމް އިންޓަނޭޝަނަލް އާއި އަދި އެކި ގައުމުތަކުގެ އެސޯސިއޭޝަންތަކާ ޖަމިއްޔާތައް ގުޅިގެންނެވެ.

ޑައުން ސިންޑްރޯމް ހުންނަ މީހުންގެ ދުވަސް ފާހަގަކުރާނީ ކިހިނެއް؟

ބައިނަލްއަގުވާމީ ޑައުން ސިންޑްރޯމް ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "ލޮޓްސް އޮފް ސޮކްސް" ކެމްޕެއިނެއް ކޮންމެ އަހަރެއްގެ ޑައުން ސިންޑްރޯމް ދުވަހު ކުރިއަށްގެންދެއެވެ. މި ކެމްޕެއިނުގައި ކޮންމެ ޑައުން ސިންޑްރޯމް ދުވަހަކު ކުލަ ތަފާތު ކޮށްގެން އިސްޓާކީނަށް އަރައެވެ. އެއީ އިސްޓާކީނު ޖޯޑުގެ ދެ ކުލަ ހިމެނޭގޮތަށް ހަމަކޮށްގެންނެވެ. ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި ރަސްމީ އިދާރާތަކުން މި ކެމްޕެއިނުގައި ކޮންމެ އަހަރަކު ވެސް ބައިވެރިވެއެވެ. 

ރާއްޖެގައި ޑައުން ސިންޑްރޯމްގެ ހާލަތު

މި ކުޑަކުޑަ ދިވެހި ރާއްޖޭގައި ވެސް ޑައުން ސިންޑްރޯމް ހުންނަ މީހުން މަދެއް ނޫނެވެ. ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ޑައުން ސިންޑްރޯމް ހުންނަ ގާތްގަނޑަކަށް 600 އާއި 700 އާ ގާތްކުރާ އަދަދަކަށް މީހުން އުޅެއެވެ. ރާއްޖޭގައި ޑައުން ސިންޑްރޯމް ހުންނަ ކުދިންނަށް ބޭނުންވާ ޚާއްސަ ވަސީލަތްތައް ސަރުކާރުން ފޯރުކޮށްދެއެވެ. އެފަދަ ކުދިންނަށް ތައުލީމު ފޯރުކޮށްދިނުމަށް ސްކޫލުތަކުގައި ސްޕެޝަލް އެޑިއުކޭޝަން ފޯރުކޮށްދެއެވެ.

ޑައުން ސިންޑްރޯމް ހުންނަ ކުދިންނަކީ އިތުރު އަޅާލުމާއި އެހީތެރިކަމާއެކު، އެހެން ކުދިންނެކޭ އެއްފަދައިން އުޅެވޭނެ ކުދިންނެވެ. ޑައުން ސިންޑްރޯމް ހުންނަ ކުދިން ބާކީ ނުކޮށް އެހެން ކުދިންނެކޭ އެއްފަދަ ދިރިއުޅުމެއް އެކުދިންނަށް ހޯދައި ދިނުމަކީ އަހަރެމެން އެންމެންގެ ޒިންމާއެކެވެ. 

ކިޔުންތެރިންގެ ހިޔާލު