ENGLISH
21 އޭޕްރީލު 2025
ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގަމުންދިޔަ ދެ މީހަކަށް ދައުވާކޮށްފި
20 މާރިޗު 2025
|
ދައުލަތުން ދައުވާ ކުރާ ދެ މީހުން
ފުވައްމުލަކު ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީލޯންޑާރ ކުރުމުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތު ކުރެވޭ ދެ މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.
ދައުލަތުން ދައުވާ އުފުލާފައި ވަނީ ފުވައްމުލައް، ދޫޑިގަން، ކަރަންކާވިލާ އަހުމަދު ނިއުޝާދު (34) އާއި، ފުވައްމުލައް، ދޫޑިގަން، ޒަމާނީގެ، ހަސަން އާޒިމް (29) އަށެވެ. މި ދެމީހުންގެ މައްޗައް ކުރަނީ ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ.
ދައުލަތުން މި ދެ މީހުންގެ މައްޗައް ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކުރަނީ މިދިޔަ އަހަރުގެ އޭޕްރިލް 27 ވަނަ ދުވަހު ފުވައްމުލަކު ގަސްދޮށުގެ ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުމާ ގުޅިގެން ތުހުމަތުކުރެވުނު ފަރާތްތަކުގެ ބޭންކު ސްޓޭޓްމަންޓުތައް ފުލުހުން ދިރާސާކުރިއިިރު އެކި އެކި ފަރާތްތަކުން ކުދި އަދަދުތަކުން ފޮނުވާ ފައިސާ ގަނޑުކޮށް، އާޒިމް އާއި ނިއުޝާދުގެ އެކައުންޓުތަކަށް ޖަމާކޮށްފައިވާކަން ފާހަގަވުމުންނެވެ. އަދި އެކަން އިތުރަށް ތަހުގީގުކޮށް ބެލިއިރު އާޒިމް އިސްވެހުރެ ނިއުޝާދު އާ އެކު މަސްތުވާތަކެތި ވިއްކުމަށްޓަކައި ފުވައްމުލަކުގައި ނެޓްވޯކެއް ގާއިމުކޮށް ހަރަކާތްތެރިވާކަމާއި އެކި ޑީލަރުންނަށް މުސާރަ ދީގެން ހަމަޖެހިފައިވާ ތަރުތީބެއްގެ ތެރެއިން އެކި ގަޑިތަކުގައި މަސްތުވާތަކެތި ވިއްކައިގެން ފައިސާ ހޯދާފައިވާތީ އާއި، އެކި ޑިއުޓީގައި ކްރެޑިޓަށް ދޫކޮށްފައިވާ މަސްތުވާތަކެތީގެ ހިސާބު ވަކި ތަރުތީބަކުން ބަލަހައްޓާ، މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އެ ނެޓްވޯކް ހިންގައި އެ ނެޓްވޯކުގެ އެކި ފަންތީގައި ހަރަކާތްތެރިވި މީހުންނަށް އިރުޝާދު ދީފާވާތީއެވެ.
މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ހަސަން އާޒިމްގެ މައްޗައް ކުރަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން 2024 ވަނަ އަހަރުގެ އޮގަސްޓު މަހުގެ އެއްވަނަ ދުވަހާއާ ދެމެދު، މަސްތުވާތަކެއްޗާއި ގުޅުންހުރި އެކި ފަރާތްތަކުން އޭނާގެ އެކައުންޓްތަކަށް ޖަމާކުރި 5.99 މިލިއަން ރުފިޔާ އަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ޝައްކު ކުރެވޭ ހާލަތުގައި އެ ފައިސާ އޭނާ އަތުގައި ބަހައްޓާ ބޭނުންކޮށްފައިވާތީއެވެ.
މަނީ ލޯންޑަރިންގެ ކުށުގެ ދަައުވާ ނިއުޝާދުގެ މައްޗައް ކުރަނީީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން 2024 ވަނަ އަހަރުގެ އޮގްސްޓު މަހުގެ އެއްވަނަ ދުވަހާ ދެމެދު މަސްތުވާތަކެއްޗާއި ގުޅުންހުރި އެކި ފަރާތްތަކުން އޭނާގެ އެކައުންޓުތަކަށް ޖަމާކޮށްފައިހުރި 21.8 މިލިއަން ރުފިޔާ އަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ޝައްކު ކުރެވޭ ހާލަތުގައި އެ ފައިސާ އޭނާ އަތުގައި ބަހައްޓާ ބޭނުންކޮށްފައިވާތީއެވެ.
މި ދެމީހުންގެ މައްޗައް ކުރާ ދެ ދައުވާއާއެކު އެ މީހުންގެ ބައެއް މުދަލާއި ފައިސާ ވެސް ދައުލަތަށް ނަގައިދިނުމަށް ކޯޓުގައި އެދިފައިވެެއެވެ.
ނިއުޝާދާއި އާޒިމަކީ ފުވައްމުލަކުގައި ހިންގާ ޑްރަގު ނެޓްވޯކްގައި އެންމެ އިސްކޮށް އުޅޭ ދެ މީހުން ކަމަށް ފުލުހުން ތުހުމަތުކޮށްފައިވެއެވެ.