ENGLISH
21 އޭޕްރީލު 2025
ރޯދައިގެ ފަހު ދިހައެއްގައި މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް އިނާޔަތް ލިބޭނެ
20 މާރިޗު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ރަމަޟާން މަހުގެ ފަހު ދިހަ ދުވަހުގައި ސަރުކާރު އޮފީސްތަކުގައި އެ އޮފީސްތަކުން ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް މަސައްކަތަށް ނުކުންނަންޖެހޭ މުވައްޒަފުންނަށް އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތްތައް ޕޭ ފްރޭމްވޯކުގައި ހިމަނައި، ފްރޭމްވޯކު އިސްލާހުކޮށްފިއެވެ.
ޕޭ ފްރޭމްވޯކަށް ގެނައި ހަތްވަނަ އިސްލާހު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާއިރު، އެ އިސްލާހުގެ ދަށުން ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިމެނޭ ހުރިހާ ދުވަހަކީ ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ރަސްމީ ބަންދު ދުވަސްތައް ފަދަ ދުވަސްތަކެއްގެ ގޮތުގައި ބަލައިގެން ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރުމުން ލިބޭނެކަމަށް ގާނޫނުގައި ބަޔާންކޮށްފަައިވާ މުސާރައިން ދުވާލަކަށްޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އިނާޔަތެއް ލިބޭނެެއެވެ.
އޭގެ އިތުރަށް ރަމަޟާން މަހުގެ ފަހު ދިހައެއްގައި އިތުރުގަޑީގެ ފައިސާ ދިނުމުގައި ހިސާބުކުރަންޖެހޭނީ ރަސްމީ ބަންދު ދުވަސްތަކާ އެއްގޮތަށް ކަމުގައިވެސް އެ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
އޭގެ އިތުރަށް ރަސްމީ ކަލަންޑަރުގައި ކަނޑައަޅާފައިވާ ބަންދު ދުވަސްތަކުގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅާ ބަންދު ދުވަސްތަކުގައި އިތުރުގަޑީގެ ފައިސާ ދިނުމުގައި ހިސާބުކުރާނީ ރަސްމީ ބަންދު ދުވަސްތަކާ އެއްގޮތަށް ކަމުގައިވެސް އިސްލާހުގައި ބުނެފައިވެއެވެ.
އަދި މިހާރު ކަނޑައަޅާފައި އޮންނަ 10 އިންސައްތައިގެ ތެރޭގައި އެގޮތަށް ރައީސް އޮފީހުން ބަންދުކުރާ ދުވަސްތައް ނުހިމަނައި، އެ ދުވަސްތަކުގައި އިދާރާތަކުން މުވައްޒަަފުން ލައްވާ ކުރުވާ ހުރިހާ މަސައްކަތުގެ ވަގުތުތަކަށް އިތުރުގަޑީގެ ފައިސާ ދިނުމަށްވެސް އިސްލާހުގައި ހިމަނާފައިވެއެވެ.
އަދި ރޯދައިގެ ފަހު ދިހައެއްގައި ހުކުރު އަދި ހޮނިހިރު ދުވަސްތައް ނޫން އެހެން ދުވަސްތަކުގައި، ޕޭ ފްރޭމްވޯކަށް ބަދަލުކޮށްފައިވާ މުވައްޒަފުން އޮފީހަށް ހާޒިރު ނުވި ނަމަވެސް ހާޒިރީގެ އިނާޔަތް ދޭންވާނެ ކަމުގައި ކަނޑައަޅާފައިވެއެވެ.
އަޅުކަމުގައި ޝާމިލުވެގެން އުޅުން ފަސޭހަކޮށްދެއްވުމުގެ ގޮތުން ރޯދަމަހުގެ ފަހު ދިހަ ދުވަސް ސަރުކާރު ބަންދުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ވެރިކަމުގެ ފުރަތަމަ އަހަރުން ފެށިގެން ރައީސް ގެންދަވަނީ އެ ވައުދުފުޅު ފުއްދަވަމުންނެވެ.