ENGLISH

21 އޭޕްރީލު 2025

Advertisement

ހދ. އަތޮޅާއި ތ. އަތޮޅުގައި ޓޫރިޒަމް ފުޅާކުރަން ހާއްސަ މަސައްކަތްތަކެއް އަންނަ މަހު ފަށަނީ

20 މާރިޗު 2025

|

އަޙުމަދު ޙަމީދު

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރަގްރާމްގައި މިނިސްޓަރު ޠޯރިޤް އިބްރާހީމް ވާހަކަ ދައްކަވަނީ-- ފޮޓޯ/ އެމްއެމްޓީވީ

ހދ. އަތޮޅާއި ތ. އަތޮޅުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ހާއްސަ ޕްރަގްރާމެއް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޠޯރިޤް އިބްރާހީމް މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފަތުރުވެރިކަން ނެތް އަތޮޅުތަކަށް ފަތުރުވެރިކަން ގެންގޮސް ހުރިހާ އަތޮޅެއްގައި ފަތުރުވެރިކަން ފުޅާ ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.

އެ ވައުދުފުޅާ އެއްގޮތަށް މަަސައްކަތް ކުރެއްވުމަށް ޓޫރިޒަމާއި ބެހޭ ގާނޫނަށް ވަނީ މުހިންމު ބަދަލުތަކެއް ގެންނަވާފަ އެވެ. އެ ގާނޫނު މިއަދު ރައީސުލްޖުމްހޫރިއްޔާ ވަނީ ތަސްދީގު ކުރައްވާފަ އެވެ.

މިނިސްޓަރު ވިދާޅުވީ މިވަގުތު އެންމެ ރިސޯޓެއް އޮތް ދެ އަތޮޅަކީ ހދ. އަތޮޅާއި ތ. އަތޮޅު ކަމަށެވެ. އެހެން ކަމުން އެ ދެ އަތޮޅުގައި ޓޫރިޒަމް ތަރައްގީ ކުުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އެގޮތުން ހދ. އަތޮޅަށް ޚާއްސަކޮށްގެން ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓަރުން ހޯދުމަށް ހުޅުވާލާނެ ކަމަށާ އެ މަސައްކަތް އަންނަ މަހުގެ ކުރީކޮޅު ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ. އެކަމަށް ހާއްސަކޮށް ކުރިއަށް ގެންދާ ޕްރަގްރާމްގައި އިންވެސްޓަރުންނަށް ރަނގަޅު އިންސެންޓިވް ދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މި ޕްރަގްރާމް ލޯންޗު ކުރީމަ އަޅުގަނޑު ގަބޫލުކުރަނީ އިންވެސްޓަރުންނަށް ފަސޭހައިން އައިސް މި ސަރަހައްދުތަކުގައި މަސައްކަތް ކުރެވޭނެ،" މިނިސްޓަރު މިރޭ ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ތ. އަތޮޅަކީ ވެސް އެންމެ ރިސޯޓެއް އޮތް އަތޮޅެއް ކަމުން އިތުރު އިންސެންޓިވް ދީގެން އެ އަތޮޅުގައި ވެސް ފަތުރުވެރިކަން ތަރައްގީ ކުުރުމަށް އިންވެސްޓަރުންނަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ. މީގެ އިތުރުން ރައީސް މުޢިއްޒުގެ ތަސައްވުރާއި އެއްގޮތަށް ގއ. އަދި ގދ. އަތޮޅުގައި ވެސް ޓޫރިޒަމް ފުޅާ ކުރަން އިތުރަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ޓޫރިޒަމްގެ ގާނޫނަށް ގެނައި ބަދަލުތަކާއި ގުޅޭގޮތުން ވެސް ވަރަށް ތަފްސީލީ ގޮތެއްގައި ވާހަކަފުޅު ދައްކަވާފަ އެވެ. އެ ގޮތުން މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތައް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލުގެ އިހްތިސާސްގައި ހިމެނޭ ފަޅުރަށްރަށާއި ފަޅުތައް، ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރެވޭ ސަރަހައްދުތައް ކަނޑައެޅޭނެ އުސޫލާއި ފީއެއް ނެގުމަށްފަހު އެ ރަށެއް ނުވަތަ އެ ބިމެއް ނުވަތަ އެ ފަޅެއް ކުއްޔަށްދޫކޮށްފައިވާ މުއްދަތު އިތުރު ކުރެވޭނެ ގޮތް ކަނޑައެޅުމުގެ ބޭނުން ސާފުކޮށް ދެއްވި އެވެ.

ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކޮށް ހިންގަމުންދާ ތަންތަން ރީ-ޑިވެލޮޕްކުރުމަށް ބަންދުކުރުމުގައި އަދި ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި ރީ-ޑިވެލޮޕްމަންޓުގެ މަސައްކަތް ނިންމައި، ތަން ހުޅުވައި، ހިދުމަތް ދޭން ފައްޓައިފައި ނުވާނަމަ އަމަލުކުރާނެ އުސޫލެއް ހެދުމުގެ މުހިންމު ކަމާއި ޓޫރިސްޓް ހިދުމަތްދޭ ތަންތަނުގައި، އެތަނެއްގެ އެކި ދާއިރާތަކުގެ ސޭފްޓީ އަދި އޮޕަރޭޓިންގް ސްޓޭންޑަރޑްސް ކަނޑައަޅާ ކޮމްޕަލަޔަންސް ކޯޑެއް އެކުލަވައިލަން މުހިންމު ސަބަބުތައް ވެސް މިނިސްޓަރު ވަނީ ވިދާޅުވެ ދެއްވާފަ އެވެ.

އަދި މި ގާނޫނަށް ޢަމަލުކުރަން ފެށުމާއެކު، "ޓޫރިޒަމް ޓްރަސްޓް ފަންޑު" ގެ ނަމުގައި، ފަންޑެއް އުފެދި އަދި ކުރިން ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ ދަށުން ގާއިމުކޮށް ހިންގަމުން އައި "ފަތުރުވެރިކަމުގެ ސީނާއަތުގެ ޓްރަސްޓް ފަންޑު" އުވި، އެ ފަންޑުގައިވާ ފައިސާ ޓޫރިޒަމް ޓްރަސްޓް ފަންޑަށް ބަދަލުވުމުން ދެން އަމަލު ކުރާނެ ގޮތާއި އެ ފަންޑު ބޭނުން ކުރާނެ ގޮތް ވެސް މިނިސްޓަރު ސާފުކޮށް ދެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު