ENGLISH
21 އޭޕްރީލު 2025
އެސްއީޒެޑްގެ ދަށުން ނ. އަތޮޅުގައި މަތީފަންތީގެ މަޝްރޫއެއް ހިންގަން ހުއްދަދީފި
19 މާރިޗު 2025
|
ނ. ދިގުފަރު ފަޅާއި ނ. ދެކެނަންފަރު: މި ދެ ފަޅާއި ނ. ކުރަމާދޫގައި ޓައުންޝިޕް މަޝްރޫއުއެއް ހިންގުމަށް ހުއްދަ ދިނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް-- ފޮޓޯ/ ގޫގުލް އާތު
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ޤާނޫނުގެ ދަށުން ނ. އަތޮޅުގައި ޓައުންޝިޕް މަޝްރޫއުއެއް ހިންގުމުގެ ހުއްދަ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ދީފިއެވެ.
ނ. އަތޮޅުގައި ފެންވަރު ރަނގަޅު ވަސީލަތްތަކާއެކު އެ މަޝްރޫއު ހިންގާނީ ނ. ދިގުފަރު ފަޅާއި ނ. ދެކެނަންފަރު އަދި ކުރަމާދޫގައެވެ. އެ މަޝްރޫއު ހިންގުމުގެ ހުއްދަ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ދިނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށެވެ.
އެ މަޝްރޫއުއަށް ދީފައިވާ ނަމަކީ "ޕްރޮޖެކްޓް އައީލާ" އެވެ. އެ ވުޒާރާއިން މިއަދު އާއްމުކުރި ބަޔާނުގައި ބުނީ، އެ ކުންފުންޏަށް މަޝްރޫއު ހިންގުމުގެ ހުއްދަދޭން ނިންމީ، ހުށަހެޅުންތައް ރިވިއުކުރުމަށް ފަހު ކަމަށެވެ.
ބަޔާނުގައި ބުނެފައިވާ ގޮތުން، އެ ސަރަހައްދު ތަރައްގީވެގެން އަންނައިރު މަތީފަންތީގެ ބޯހިޔާވަހިކަމާއި ބައިނަލްއަގްވާމީ ފެންވަރުގެ ސިއްހީ ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށެވެ. އަދި، އެ މަޝްރޫއުގައި އިރުން ހަކަތަ އުފައްދާ ނިޒާމް ގާއިމުކޮށް، އިމާރާތްތަކުގައި 60 އިންސަތަ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެ ނިޒާމުން ކަމަށް އިގްތިސާދީ ވުޒާރާއިން ބުނެފައިވެއެވެ.
މަޝްރޫއުގެ ދަށުން ތަރައްގީކުރުމަށް ހަމަޖެހިފައިވާ އެހެނިހެން ވަސީލަތްތަކުގެ ތެރޭގައި، ދަނޑުވެރިކަމުގެ ވަސީލަތްތަކާއި، އެކުއާކަލްޗާގެ މަސައްކަތްތައް ހިމެނެއެވެ. އަދި، މުވައްޒަފުންނާއި، މުވައްޒަފުންގެ އާއިލާތަކަށް ދިރިއުޅެވޭނެ ބޯހިޔާވަހިކަން ގާއިމުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ހުއްދަ ލިބުމާއެކު ކްރިސްޓަލް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑުން 180 ދުވަހުގެ ތެރޭގައި ހުރިހާ އެސެސްމަންޓެއް ތައްޔާރުކޮށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއަށް ހުށަހަޅަން ޖެހެއެވެ. އެގޮތުން ފީސިބިލިޓީ އެސެސްމަންޓާއި އިންފްރާސްޓްރަކްޗަރ މާސްޓަ ޕްލޭން އަދި އިންޖީނިއަރިންއާއި ތިމާވެށީގެ ދިރާސާތައް އެކުންފުނިން ފުރިހަމަކުރަން ޖެހޭނެއެވެ.
އެސްއީޒެޑް ގާނޫނުގެ ދަށުން ރާއްޖޭގައި ހިންގާ ފުރަތަމަ ބިޔަ ޕްރޮޖެކްޓަކީ ފްލޯޓިން ސޯލާ ޕެނަލް ހަރުކުރުމުގެ މަޝްރޫއުއެވެ. މާލެ އަތޮޅު ފަޅެއްގައި ކުރިއަށްގެންދާ އެ މަޝްރޫއު ހިންގުމަށް މިދިޔަ ފެބްރުވަރީ މަހު ހުއްދަދިނީ ކެނެޑާގެ އެބްރަކްސަސް ޕަވަރ ކޯޕަރޭޝަނަށެވެ.