ENGLISH
21 އޭޕްރީލު 2025
އުފާވެރިކަން ހާސިލްކުރެވޭނީ އެންމެން ގުޅިގެން: ރައީސް
19 މާރިޗު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
އުފާވެރިކަމަކީ ހަމައެކަނި ފަރުދީގޮތުން ހާސިލްކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ އެންމެން ގުޅިގެން ކަށަވަރުކުރެވޭނެ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އެފަދައިން ވިދާޅުވީ މާދަމާ ފާހަގަކުރާ ބައިނަލްއަޤްވާމީ އުފާވެރިކަމުގެ ދުވަހާއި ގުޅިގެން މީސްމީޑިއާގައި މިއަދު އާއްމުކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިތުރަށް ވިދާޅުވީ، ދެމެހެއްޓެނިވި އުފާވެރިކަން ހާސިލްކުރުމަށް އިންސާނިއްޔަތުކަން ހިއްސާވެ އެއްބައިވަންތަކަމާއެކު މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
ދުނިޔޭގެ އުފާވެރިކަމުގެ ދުވަސް މިއަހަރު ރާއްޖޭގައި ފާހަގަކުރުމަށް، ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން އުފާވެރިކަމުގެ ދުވަހާއި ގުޅުވައިގެން ގިފްޓް ޕެކް ހަވާލުކުރުމާއި، ދުވަހާއި ގުޅޭ ހާއްސަ ކާޑުތައް ބެހުމުގެ އިތުރުން ދުވަހުގެ ތަހުނިޔާ ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ހާއްސަ ވީޑިއޯ މެސެޖުތަކެއް ގެނެސްދޭގޮތަށްވެސް ހަމަޖެހިފައިވާކަމަށް ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
ދިވެހިންގެ އުފާވެރިކަން މިންކުރުމަށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު ޚިދުމަތްތަކާއި ބެހޭ މިނިސްޓްރީއިން އެކުލަވާލުމަށް ފަށާފައިވާ ހެޕިނަސް އިންޑެކްސް، ނުވަތަ އުފާވެރިކަން މިންކުރުން މިދިޔަ ފެބްރުވަރީ މަހުގެ ދެވަނަ ދުވަހު ވަނީ ރަސްމީކޮށް އިފްތިތާހް ކޮށްފައެވެ.
ދިވެހިންގެ އުފާވެރިކަން ހުރި ވަރު ވަޒަންކުރުމަށް ރާއްޖޭގެ "ހެޕިނަސް އިންޑެކްސް" އެއް ކަނޑައެޅުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ 2024 ވަނަ އަހަރުގެ މެއި މަހު އެވެ.