ENGLISH
21 އޭޕްރީލު 2025
ރޯދަ މަހުގެ ފުރަތަމަ 10 ދުވަހު ވައްކަމުގެ 147 މައްސަލަ ހުށަހެޅި
19 މާރިޗު 2025
|
މި ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު ވައްކަމުގެ 147 މައްސަލަ ރިޕޯޓްވެފައިވާކަމަށް ދިވެހި ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު ވަނީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގެ ކުށުގެ ތަފާސްހިސާބު އާއްމުކޮށްފައެވެ.
ފުލުހުންގެ އާއްމުކުރި ތަފާސްހިސާބުގައި ވައްކަމުގެ 147 މައްސަލައިގެ އިތުރުން ދެން ފާހަގަކޮށްލެވެނީ ޓްރެފިކް އެކްސިޑެންޓުތައް ނިސްބަތުން ގިނަކަމެވެ. އެގޮތުން ޓްރެފިކް އެކްސިޑެންޓުގެ 153 މައްސަލަ ވަނީ ހުށަހެޅިފައެވެ. އެހެން މައްސަލަތަކަށް ބަލާއިރު ގެވެށި އަނިޔާގެ 19 މައްސަލައާއި ކުޑަކުދިންނަށް އަނިޔާކޮށްގެން 16 މައްސަލަ އަދި ޖިންސީ ފުރައްސާރައިގެ 15 ވަނީ ހުށަހެޅިފައެވެ. މަސްތުވާތަކެތީގެ 110 މައްސަލަ ހުށަހެޅުނުއިރު ފޭރުމުގެ 8 މައްސަލައެއް ފުލުހުން ވަނީ ތަޙްޤީގުކޮށްފައެވެ.
މި ރަމަޟާން މަހު ވެސް ސްކޭމްގެ މައްސަލަތައް ގިނަކަން ތަފާސްހިސާބުތަކުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު ސްކޭމްގެ 70 މައްސަލަ ހުށަހެޅުނުއިރު ސައިބާކްރައިމްގެ 7 މައްސަލަ ވަނީ ރިޕޯޓްވެފައެވެ.
ފުލުހުންގެ ތަފާސްހިސާބުގައި ބުނެފައިވަނީ މި ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު 692 ހާދިސާ ހިނގައި، އޭގެތެރެއިން 148 މީހުން އެކި ކުށްތަކުގައި ހައްޔަރުކުރި ކަމަށެވެ.