ENGLISH

21 އޭޕްރީލު 2025

Advertisement

ހަތަރު ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

19 މާރިޗު 2025

|

ޢަލީ ޝަހީމް

ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒުތައް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ޕީއެސްއެމް

މުޅި ރާއްޖޭގައި ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ހަތަރު ރަށެއްގައި، ރަށު ފެންވަރުގައި ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒުތައް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. 

މިއަދު ސޮއިކުރި އެއްބަސްވުމުގައި ހިމެނެނީ އއ. ހިމަންދޫ، އއ. ފެރިދޫ، އއ. ތޮއްޑޫ އަދި ކ. ކާށިދޫގައި ރަށު ފެންވަރުގައި ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒުތައް އިމާރާތްކުރުމެވެ. 

ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު މެންދުރު ފަހު އޮތީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުގައެވެ. އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ތާރިޤު އިބްރާހީމެވެ. 

ހަތަރު ރަށުގައި ކުނި މެނޭޖްކުރާ މަރުކަޒުތައް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރީ، ބިޑްތައް ކާމިޔާބުކުރި ސަނީލޭންޑް އިންވެސްޓްމެންޓާއެވެ.

އެ މަސައްކަތް ކުރާނީ ގްރޭޓަރ މާލެ އެންވަޔަރަމަންޓް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓުގެ ދަށުންނެވެ. އެއީ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި އެހެނިހެން ބޭރުގެ އެހީދޭ ފަރާތްތަކުގެ ހިލޭ އެހީ އާއި ލޯނު އެހީ ހިމެނޭގޮތަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ހިންގާ ޕްރޮޖެކްޓެކެވެ.

ޕްރޮޖެކްޓުގެ މައިގަނޑު މަގްސަދަކީ ޒޯން ތިނެއްގައި ހިމެނޭ ކ، އއ، އދ، އަދި ވ. އަތޮޅުގެ ރަށްތަކުގައި ދެމެހެެއްޓެނިވި އަދި ވަށައިޖެހޭ އުސޫލަކުން ކުންޏާއި ވަސީލަތްތައް މެނޭޖްކުރުމުގެ ނިޒާމެއް ގާއިމުކުރުމެވެ. 

މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެރަށަކާއި އެކަށޭނެ ކުނި މެނޭޖުކުރާ ނިޒާމެއް ޤާއިމުކޮށްދެއްވާނެކަމަށް، ރިޔާސީ ބަޔާން އިއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. 

ރައީސްގެ ވައުދުފުޅާ އެއްގޮތަށް ގިނަ ރަށްތަކެއްގައި ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒުތައް އިމާރާތް ކުރުމާއި އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކޮށްފައެވެ. އެގޮތުން ރާއްޖޭގައި 109 ރަށެއްގައި ކުންޏާއި ވަސީލަތްތައް މެނޭޖްކުރުމުގެ މަސައްކަތް ސަރުކާރުގެ ތިން ކުންފުންޏަކާއި މިހާރު ވަނީ ޙަވާލުކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު