ENGLISH

21 އޭޕްރީލު 2025

Advertisement

ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

19 މާރިޗު 2025

|

ޢަލީ ޝަހީމް

ގެދޮރުވެރިޔާ ސްކީމްގެ 4000 ފްލެޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އިތުރުކޮށްފިއެވެ. 

ފްލެޓް ލިބުނު ފަރާތްތައް އިއުލާން ކުރުމަށްފަހު އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ މާރިޗު 1 އިން 31 ގެ ނިޔަލަށެވެ. އެ ވުޒާރާއިން މިއަދު އާއްމުކުރި އިއުލާނުގައި ބުނީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ. 

މުއްދަތު އިތުރުކުރީ، ކުރިން ދީފައިވާ މުއްދަތުގައި ހިމެނޭ މާރިޗު 20 އިން މާރިޗު 30 ގެ ނިޔަލަށް އެއީ ސަރުކާރު ބަންދު ދުވަސްތަކަކަށް ވާތީ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. 

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ ފްލެޓްތަކާއި ގުޅޭ ޝަކުވާ އާއްމު ފަރާތްތަކުން އައީ އެކި ދުވަސްވަރު ހުށަހަޅަމުންނެވެ. ސަރުކާރުން އެންމެ ފަހުން ޕޯޓަލް މެދުވެރިކޮށް ފުރުސަތު ހުޅުވާލީ ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު އިއުލާން ކުރުމަށްފަހުއެވެ. 

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ، އެކި މަރުޙަލާތަކުގައި ކަންކަން ހިނގާފައިވާ ގޮތަށް ރިޢާޔަތްކޮށް، ވެރިފިކޭޝަނަށް ފަހު ނެރުނު ލިސްޓުގައި ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާ ޝަކުވާތަކަށް މިހާރު ބަލަމުންދާ ކަމަށެވެ.  

ސަރުކާރުގެ އިދާރާތަކުގައި ހުރި އެ ވުޒާރާއަށް ޗެކްކުރެވެން ހުރި މައުލޫމާތުތަކަށް ރިޢާޔަތްކޮށް، ޝަރުތު ހަމަވާކަން ސާބިތުވާނަމަ އެ ފަރާތްތަކަށް ޙައްލު ހޯދައިދޭނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. އެފަދަ ފަރާތްތަކުން ތަފްސީލާއެކު ޕޯޓަލަށް ޝަކުވާ ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.  

ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކުރިިއިރު، ޝަކުވާއަށް ހުޅުވާލިފަހުން، ޕޯޓަލްގައި ލިޔެވޭ މިންވަރު އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވަނީ އިތުރުކޮށްދީފައެވެ. އެގޮތުން އެންމެ ފުރަތަމަ ހުޅުވާލި ފުރުސަތުގައި 1500 ލަފްޒު ޝަކުވާގައި ލިޔެވޭއިރު، އެ އަދަދު މިހާރު ވަނީ 3000 ލަފްޒަށް އިތުރުކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު