ENGLISH
21 އޭޕްރީލު 2025
ޝަހީދުންގެ އާއިލާތަކަށް އިނާޔަތް ދޭން ފައްޓަވައިފި، މަހަކު 9000 ރުފިޔާ
19 މާރިޗު 2025
|
ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 3 ނޮވެމްބަރުގެ އުދުވާނީ ހަމަލާގެ ޝަހީދުންގެ ޢާއިލާތަކަށާއި އާދަޔާޚިލާފު ހިތްވަރާއި ސާބިތުކަން އެދުވަހު ދެއްކެވި ސިފައިންގެ ތެރޭން ދުނިޔޭގައި ތިއްބެވި ފަރާތްތަކަށް އިނާޔަތް ދޭން ސަރުކާރުން ފައްޓަވައިފި އެެވެ.
ޑިފެންސް މިނިސްޓްރީން ބުނީ ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއިން ދިވެހި ޤައުމާއި ރައްޔިތުން ސަލާމަތް ކުރުމުގައި ޖިހާދުކޮށް ޝަހީދުވެފައިވާ ސިފައިންނާއި، އަދި މި ޢުދުވާނީ ޙަމަލާގައި ދިވެހިރާއްޖެ ދިފާޢު ކުރުމުގައި އާދަޔާޚިލާފު ހިތްވަރާއި ސާބިތުކަން ދައްކުވައިދެއްވާފައިވާ ފަރާތްތަކުން އިސްލާމްދީނާއި، މި ލޮބުވެތި ވަޠަނާއި ދިވެހި ރައްޔިތުންގެ ޙައްޤުގައި ވެވަޑައިގަންނަވާފައިވާ ޤުރުބާނީ އާއި ކުރައްވާފައިވާ މަތިވެރި ޖިހާދުގެ އަގު ދިވެހި ރައްޔިތުންގެ ފަރާތުން، ރަމްޒެއްގެ ގޮތުން ސަރުކާރުން ވަޒަންކޮށް، ޝަހީދުންގެ ޢާއިލާތަކަށާއި އާދަޔާޚިލާފު ހިތްވަރާއި ސާބިތުކަން އެދުވަހު ދައްކުވައިދީފައިވާ ސިފައިންގެ ތެރެއިން ދުނިޔޭގައި ތިއްބެވި ފަރާތްތަކަށް އިނާޔަތް ދިނުމުގެ އުސޫލު އެކުލަވާލުމަށް ފަހު ގެޒެޓްކޮށްފައިވާ ކަމަށެވެ.
އެ ގޮތުން އެ އުސޫލުގައި ޢިނާޔަތް ދޭނެ މީހުންނާއި ދޭނެ ޢިނާޔަތުގެ މިންވަރު ވަނީ ކަނޑައަޅާފަ އެވެ. އުސޫލުގައި ބުނީ އިނާޔަތް ލިބޭނީ ނޮވެންބަރު ތިނެއްގެ ޝަހީދުންގެ އާއިލާތަކަށާއި އެ ދުވަހު އާދަޔާޚިލާފު ހިތްވަރު ފާހަގަކޮށް ޝަރަފުގެ ނިޝާން ދެވިފައިވާ ފަރާތްތަކަށް ކަމަށެވެ.
ޝަހީދުންގެ އާއިލާތައް ކަމަށް ބަލަނީ ޝަހީދުވި މީހާގެ މައިންބަފައިންނާއި އުފަން ދަރީންނާއި ހުވަފަތް އަނބިމީހާ ކަމަށެވެ. އެއިން ކޮންމެ މީހަކު ދުނިޔޭގައި ހުރިހާ ދުވަހަކު 9,000 ރުފިޔާގެ އިނާޔަތެއް ކޮންމެ މަހަކު ދިނުމަށް ވަނީ ނިންމައިފަ އެވެ.
އަދި އާދަޔާޚިލާފު ހިތްވަރު ފާހަގަކޮށް ހުރަވީ ރަން ޑެމަލް ދެވިފައިވާ ފަރާތްތަކަށް ވެސް އެ މީހަކު ދުނިޔޭގައި ހުރިހާ ދުވަހަކު 9,000 ރުފިޔާގެ އިނާޔަތެއް ކޮންމެ މަހަކު ދިނުމަށް ވަނީ ނިންމާފަ އެވެ. ހުރަވީ ރިހި މެޑަލް ދީފައިވާ ފަރާތްތަކަށް މަހަކު 8,000 ރުފިޔާ ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.
ޑިފެންސް މިނިސްޓްރީން ބުނީ ނޮވެންބަރު ތިނެއްގެ އުދުވާނީ ޙަމަލާގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކޮށް އާދަޔާ ޚިލާފު ހިތްވަރު ދައްކުވައިދިން ޤައުމީ ބަތަލުން އެކުރެއްވި ޚިދުމަތުގެ އަގު ވަޒަންކުރުމަކީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ޤައުމީ ލޯތްބާއި ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއްދެއްވާ ކަމަށެވެ.