ENGLISH
21 އޭޕްރީލު 2025
މުޅިން އަލަށް ހަތަރު ރަށެއްގައި އެކްސްރޭގެ ޚިދުމަތްދޭން ފަށަނީ
19 މާރިޗު 2025
|
ޒަމާނީ އެކްސްރޭ މެޝިނެއް--ފޮޓޯ:އެންއެޗްއެސް
ދިވެހިރާއްޖޭގެ ހަތަރު ރަށެއްގައި މުޅިން އަލަށް އެކްސްރޭ ޚިދުމަތް ފަށަން ސިއްހީ ވުޒާރާއިން ނިންމައިފިއެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން، ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށް ކުރައްވާ މަސައްކަތުގެ ދަށުން، އަލަށް އެކްސްރޭގެ ޚިދުމަތް ފެށުމަށް ނިންމާފައިވާ ރަށްތަކަކީ ނ. ހޮޅުދޫ އާއި އެ އަތޮޅު ވެލިދޫގެ އިތުރުން ށ. މިލަންދޫ، އަދި އދ. މާމިގިލީގައެވެ.
މި މަސައްކަތުގެ އިދާރީ އެންމެހާ މަސައްކަތް ނިންމާ، ޚިދުމަތް ދިނުމަށްޓަކައި އިމާރާތަށް ގެންނަންޖެހޭ ބަދަލުތަކާއި، މެޝިން އިންސްޓޯލް ކުރުން ފަދަ ކަންތައްތައް ކުރުމަށް ތައްޔާރުވަމުންދާ ކަމަށް ސިއްހީ ވުޒާރާއިން ބުންޏެވެ.
މި އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި މުޅި ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު ހިންގުން ހަރުދަނާކޮށް ތަރައްގީ ކުރުމަށް ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދީފައިވާކަން ފާހަގަވެއެވެ.
ސަރުކާރުން ވަނީ މި އަހަރުގެ މިހާތަނަށް އައިރު ވަރަށް ގިނަ ރަށްރަށުގެ ސިއްހީ ޚިދުމަތްދޭ ތަންތަނުގެ އާ އިމާރާތްތައް އެޅުމަށް ކުުންފުނިތަކާ ހަވާލުކޮށްފައެވެ. އަދި ބައެއް ރަށްރަށުގައި އެމްއާރުއައިގެ ޚިދުމަތް، ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަނީ ފައްޓަވާފައެވެ.
ރާއްޖޭގެ ސިއްހީ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށްޓަކައި ތެލަސީމިއާ ހޮސްޕިޓަލާއި ކެންސަރު ހޮސްޕިޓަލް ހިމެނޭހެން އިތުރު ފަސް ހޮސްޕިޓަލް ތަރައްޤީކުރުމަށް މި އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފައެވެ.
އަތޮޅު ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލްތައް އަދި ސިއްޙީ މަރުކަޒުތައް ތަރައްޤީކޮށް މާލެއަށް ބޭސްފަރުވާ ހޯދަން ދަތުރުކުރަންޖެހުން މަދުކުރުމަކީ ރައީސް މުޢިއްޒުގެ ތަސައްވުރެކެވެ.