ENGLISH
21 އޭޕްރީލު 2025
އޮޕަރޭޝަން ކުރަނގި: ލައްކައަކަށް ވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު އެއްކޮށްފި
19 މާރިޗު 2025
|
ބިދޭސީންގެ މައުލޫމާތު އެއްކުރަނީ
ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން ހިންގާ "ކުރަނގި އޮޕަރޭޝަން" ގައި މިހާތަނަށް 100,000 އަށް ވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު އެއްކޮށްފި އެވެ.
މި މަސައްކަތަކީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތްތަކެކެވެ.
ދާޚިލީ ސަލާމަތާއި ފަނިއްޔާތާއި ބެހޭ ވުޒާރާ އިން މިއަދު ބުނި ގޮތުގައި މިދިޔަ 10 މަސް ދުވަސްތެރޭގައި 100,000 ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފަ އެވެ. މީގެ ތެރެއިން ގުރޭޓާ މާލެ ސަރަހައްދުން އެކަނިވެސް 65,000 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށް ބުންޏެވެ.
މިދިޔަ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އެއްކުރެވިފައި ވަނީ 40,000 އެއްހާ ބިދޭސީންގެ މައުލޫމާތުކަން ފާހަަގަކޮށް އެ ވުޒާރާ އިން ބުނީ ބިދޭސީންގެ މައްސަލަ މިހާބޮޑަށް ބޮއްސުންލައިގެން ގޮސްފައި ވަނީ ކުރީގެ ސަރުކާރުތަކުން އަމަލީ މަސައްކަތަށް މާބޮޑު ސަމާލުކަމެއް ދެއްވާފައި ނުވާތީ ކަމަށެވެ.
އެ ވުޒާރާ އިން ބުނީ އޮޕަރޭޝަން ކުރަނގި ނިންމާލެވޭއިރު ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށެވެ.
އަދި ބުނީ ބިދޭސީ މަސައްކަތްތެރީން ގެނައުމަށް މިހާރު އޮތް ހަރުކަށި އުސޫލުތަކަށް އޮޕަރޭޝަން ކުރަނގި ނިމުމުން، ނިމުން އަންނާނެ ކަމަށެވެ. އަދި ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން މިއަދާހަމައަށް އެ ބައެއްގެ މައުލޫމާތު ނުދީތިބި މީހުން އޭޕްރީލް 30 ގެ ކުރީން މައުލޫމާތު ހިއްސާ ކުރުމަށް ވަނީ އެދިފަ އެވެ.