ENGLISH
21 އޭޕްރީލު 2025
ރައީސްގެ ދަރިކަލުންގެ ކަރާމާތަށް އަރައިގެން މައްސަލާގައި ދަޢުވާ އުފުލައިފި
19 މާރިޗު 2025
|
ރައީސްގެ އާއިލާ ތަމްސީލު ކުރައްވާ ޤާނޫނީ ވަކީލް އާޒިމާ ޝަކޫރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުން ޢުމައިރު މުޙައްމަދު މުޢިއްޒަށް ނިސްބަތްކޮށް އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު، ދައްކާފައިވާ ވާހަކަތަކާ ގުޅިގެން އޭނާގެ މައްޗަށް ދައުވާ އުފުލައިފި އެެވެ.
މި މައްސަލާގައި ރައީސްގެ އާއިލާ ތަމްސީލު ކުރައްވާ ލޯފާމަކީ ރެހެންދި ޗެމްބާސް އެވެ. އެ ޗެމްބާސްގެ ފަރާތުން ކުރީގެ ބަންޑާރަ ނާއިބު އަލްއުސްތާޛާ އައިޝަތު ޢާޒިމާ ޝަކޫރު ވަނީ ބަޔާނެއް ނެރުއްވާފަ އެވެ.
އެ ބަޔާނުގައި އެކަމަނާ ވިދާޅުވީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން މާލޭގައި ބާއްވަމުންގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރޭގައި، އެޕާޓީގެ އެކްޓިވިސްޓެއް ކަމުގައިވާ މަރިޔަމް ޒުބައިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުން ޢުމައިރު މުޙައްމަދު މުޢިއްޒަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، ޢުމައިރުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނޭ ޙާލަތެއް މެދުވެރިކުރުވައި، ޢުމައިރުގެ ކިޔެވުމާއި މުސްތަޤްބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނޭ ޙާލަތެއް މެދުވެރިކޮށްފައިވާ ކަމަށެވެ.
މި ވާހަކަތަކުގެ ސަބަބުން، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ އިން ކަށަވަރު ކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ނަގާލާފައިވާ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.
އެހެން ކަމުން ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤު ނިގުޅައިގެންފައިވާތީ، ޢުމައިރުގެ މަންމަ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ފަރާތްޕުޅުން މިއަދު، މަރިޔަމް ޒުބައިރުގެ މައްޗަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.
ރައީސްގެ ދަރިކަލުންނާއި ގުޅޭގޮތުން އެމްޑީޕީގެ އެކްޓިވިސްޓުން ގެންދަނީ ތަފާތު އެކި ވާހަކަތައް ދައްކަމުންނެވެ. ހަޤީޤަތް އޮޅުވާލާ ސިޔާސީ ވަކި ބޭނުމެއްގައި ކުޑަކުއްޖެއްގެ ޙައްޤަަށް އަރައިގެން މައްސަލަ ވަރަށް ގިނަ ބަޔަކު ދަނީ ކުށްވެރި ކުރަމުންނެވެ.
ކުޑަކުދީންގެ ޙައްޤުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ އެ މައްސަލާގައި ދޫނުދީ ދަޢުވާ ކުރުމަށް ގޮވާލައިފަ އެވެ.