ENGLISH

21 އޭޕްރީލު 2025

Advertisement

އެމްޑީޕީގެ ލީޑާޝިޕަށް އާދެވޭނީ ކުށްވެރިންނާއި އަނިޔާވެރިންނަށް: ފަލާހު

19 މާރިޗު 2025

|

އުމްނާ އިސްމާޢީލް

ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު (ފޮޓޯ/ ރައްޔިތުންގެ މަޖިލީސް)

އިދިކޮޅު އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވެވޭނީ ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންނާއި އަނިޔާވެރިންނަށް ކަމަށް ވިދާޅުވެ ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

ފަލާހު މިގޮތަށް ފާޑުވިދާޅުވެ ވާހަކަދެއްކެވީ، ޓޫރިޒަމްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލު ދިރާސާކުރުމަށްފަހު އެކުލަވާލި ކޮމިޓީ ރިޕޯޓަށް މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުންނެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރު ފަލާހު ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ އާއްމު ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާ އެތައް ކަމެއް، ހަރަކާތެއް އެމްޑީޕީން ހިންގާފައިވާ ކަމަށެވެ. އެ ހަރަކާތްތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ ރާއްޖޭގައި ކުށްކުރުމުގެ ވެއްޓެއް އުފެދި، އަދުލުގެ ނިޒާމަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ގެއްލުންތަކެއް ވުންކަން އޭނާ ފާހަގަކުރެއްވި އެވެ. މިކަން ފާހަގަކުރައްވަމުން ފަލާހު ވިދާޅުވީ އެމްޑީޕީގެ ލީޑާޝިޕަށް ވެސް އާދެވޭނީ ކުށްތައް ކުރަން ކެރޭ އަނިޔާވެރިންނަށް ކަމަށެވެ.

"އެމްޑީޕީގެ ލީޑާޝިޕަށް މި އާދެވެނީ ވަރަށް ބޮޑެތި ކުށްތައް ކުރަން ކެރޭ މީހުންނަށް. މީހުންގެ ޅަދަރީންނާ ވެސް ބެހެވޭ މީހުންނަށް. މީހުންނަށް އަނިޔާވެސް ކުރާނެ މީހުންނަށް. އެހެންނޫނީ އެމްޑީޕީގެ ލީޑާޝިޕަކަށް ނާދެވޭނެ،" ފަލާހު ވިދާޅުވި އެވެ.  

ފަލާހު އެހެން ވިދާޅުވުމާ އެކު، އޭނާ ދެއްކެވި ވާހަކަތައް ދޮގުކުރައްވައި ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު ނިޒާމީ ނުކުތާއެއް ނެންގެވި އެވެ. އެހެންނަމަވެސް ދޮގު ވާހަކައެއް މެމްބަރަކު ދައްކަވައިފިކަމަށް ވިދާޅުވާނަމަ އެއީ ސާބިތުކޮށްދޭންޖެހޭ ކަމެއް ކަމަށް ވިދާޅުވެ މެމްބަރު ނެންގެވީ ނިޒާމީ މައްސަލައެއް ނޫން ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމެވި އެވެ. އެއާއެކު މައުރޫފާއެކު އިދިކޮޅުގެ މެމްބަރުން ތަޅުމުގައި އަޑުގަދަކުރަން ފެއްޓެވި އެވެ.

އޭގެ ފަސް ވަރަކަށް މިނެޓުފަހުން ވާހަކަދައްކަވަމުން ފަލާހު ފެއްޓެވީ އެމްޑީޕީން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ދިން ގެއްލުންތަކުގެ މިސާލު ނަންގަވަމުންނެވެ.

" ޓޫރިޒަމް ދާއިރާއަށް ވަރަށް ބޮޑެތި ގެއްލުންތައް ދިން ޕާޓީއެއް އެމްޑީޕީއަކީ. ދެކޮޅެއް ނެހެދޭނެ. އެމްޑީޕީއަކީ ޓޫރިޒަމް ރިސޯޓުތަކުގައި ހިންގާ ސްޕާތައް މީހުން ފޮނުވައިގެން އެކަންތައް ހުއްޓުވި ޕާޓީއެއް. ރާއްޖޭގެ މައި ދޮރާށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޖީއެމްއާރަށް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ވިއްކާލާފަ ތިބި ބައެއް އެއީ. އެހެންމަ ހަގީގަތުގައި ރާއްޖެއަށް ދިން ހުރިހާ ގެއްލުމެއް، މިކަމާ މައުރޫފް ވެސް ދެކޮޅެއް ނުވާނެ،" ފަލާހު ވިދާޅުވި އެވެ.

އެމްޑީޕީން ވެސް ފަލާހުގެ ވާހަކަތަކާ ދެކޮޅު ނުހަދާނެ ކަމަށް ވިދާޅުވުމާ އެކު، ކުޑަ ވަގުތުކޮޅަކަށް މަޖިލީހުގެ ތަޅުން އަނެއްކާވެސް ހަލަބޮލިވެގެންދިޔަ އެވެ.

ކިޔުންތެރިންގެ ހިޔާލު