ENGLISH
21 އޭޕްރީލު 2025
ފަހު ދިހައިގެ ބަންދުގައި އިކޮނޮމިކް މިނިސްޓްރީގެ ޚިދުމަތްތައް އޮންލައިންކޮށް ލިބޭނެ
19 މާރިޗު 2025
|
ފަހު ދިހައިގައި ސަރުކާރު ބަންދުުވިޔަސް، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އާއްމުންނާއި ވިޔަފާރިތަކަށް ދެމުންގެންދާ ޚިދުމަތްތައް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
ރަމަޟާން މަހުގެ ފަހު ދިހައިގައި ސަރުކާރު ބަންދުވާނީ މާދަމާއިން ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި، އީދު ބަންދާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކަށް ފަހު، ސަރުކާރު ހުޅުވޭނީ އޭޕްރީލް 6 ވަނަ ދުވަހުއެވެ.
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިއްޔެ ވަނީ، އެ މުއްދަތުގައި އެ ވުޒާރާގެ ވިޔަފާރިއާ ބެހޭ ޚިދުމަތްތަކާއި ފޮރިން އިންވެސްޓްމެންޓާ ބެހޭ ޚިދުމަތްތައް ލިބޭނެ ގޮތް އާއްމުކޮށްފައެވެ.
އެ ވުޒާރާއިން ބުނީ ބަންދުތެރޭގައި ވަންގަވް އަދި ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ޕްރޮސެސް ކުރެވޭނީ ހުކުރު އަދި ހޮނިހިރު ދުވަހުގެ ހެނދުނު 9:30 އިން 11:30 އާ ދެމެދު ކަމަށެވެ.
އެ މުއްދަތުގެ ތެރޭގައި ޚިދުމަތަށް އެދެމުންދާ މިންވަރު އިތުރުވެއްޖެނަމަ، އެ ވުޒާރާއިން އާއްމުކޮށްފައިވާ ސަރވިސް ޕްރޮސެސިންގ ވަގުތުތަކަށް ބަދަލު އަންނާނެ ކަމަށެވެ.
ވިޔަފާރި ރަޖިސްޓްރީކުރުމާ ގުޅޭ ޚިދުމަތްތަކާއިބެހޭ މަޢުލޫމާތު 1500 ކޯލް ސެންޓަރަށް ގުޅައިގެން ލިބޭނެކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
ފޮރިން އިންވެސްޓްމަންޓް އެޕްލިކޭޝަން އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. އަދި، ފޮރިން އިންވެސްޓްމަންޓާ ބެހޭގޮތުން މައުލޫމާތު ހޯދުމަށް، ނުވަތަ ހުށަހަޅާފައިވާ އެޕްލިކޭޝަނަކާއި ބެހޭގޮތުން މައުލޫމާތު، ހުކުރާއި ހޮނިހިރު ނޫން ދުވަސްތަކުގައި ލިބޭނެކަމަށް ބުނެފައިވެއެވެ. އެގޮތުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި ހެނދުނު 9:30 އިން 11:30 އަށް ނުވަތަ 3333181 / 3333182 އަށް ގުޅައިގެން ޚިދުމަތް ލިބޭނެކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
އެ ވުޒާރާއިން ބުނީ އޮންލައިން މީޓިން ހަމަޖައްސަން ބޭނުންވާ ފަރާތްތަކުން، [email protected] އަށް އީމެއިލް ކުރުމުން އެ އިންތިޒާމުތައް ހަމަޖެހޭނެ ކަމަށެވެ.
ރަމަޟާން މަހުގެ ފަހު ދިހައިގައި ސަރުކާރު ބަންދުވިޔަސް އޮންލައިންކޮށް ޚިދުމަތް ލިބޭނެ އިންތިޒާމުތައް ގިނަ ވުޒާރާތަކަކުން އަންނަނީ ހަމަޖައްސަމުންނެވެ.