ENGLISH
21 އޭޕްރީލު 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަނުކުރަން މަޖިލީހުން ރުހުންދީފި
19 މާރިޗު 2025
|
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް، ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދިނުމަށް މިއަދު ފާސްކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަންކުރަން ފެންނަ ކަމަށް ރައީސަށް ލަފާއަރުވާށެވެ. ރައީސް، މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ އިއްޔެ އެވެ. އެ މައްސަލަ ދިރާސާކުރުމަށްފަހު ކޮމިޓީން ޝަހީދަށް ރުހުން ދިނުމަށް ފާސްކުރި އެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ކޮމިޓީ ރިޕޯޓާ މެދު ވަނީ ވޯޓަށް އަހައިފަ އެވެ. އެ ވޯޓުގައި ޝަހީދަށް ރުހުންދޭން ފެންނަ ކަމަށް 64 މެމްބަރުން ވޯޓު ދެއްވި އެވެ.
ދެހާސް އަށާރަ ވަނަ އަހަރުގެ ޖުލައިގައި ފަނޑިޔާރުކަމުގެ ހުވާކުރެއްވި ޝަހީދު ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވީ 2022 ވަނަ އަހަރުގެ ނޮވެމްބަރު އެވެ. އެ ކޯޓުގެ އިސް ފަނޑިޔާރަކަށް އޭނާ އައްޔަނުކުރީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު އެވެ.
ފަނޑިޔާރަކަށް އައްޔަނުކުރެއްވުމުގެ ކުރިން ޝަހީދު ވަނީ ކްރިމިނަލް ކޯޓުގެ ލީގަލް އޮފިސަރުކަމާއި ފޭދޫ މެޖިސްޓްރޭޓްކަމާއި ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީކަން ވެސް ކުރައްވާފައެވެ.
ޝަހީދަކީ މިސްރުގެ އަލްއަޒުހަރު ޔުނިވަރސިޓީ އާއި ކުއްލިޔަތުއް ދިރާސާތުލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރެއްވުމަށް ފަހު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.