ENGLISH

21 އޭޕްރީލު 2025

Advertisement

އެއްބަސްވުމާ ހިލާފުވެ އިސްރާއީލުން ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

19 މާރިޗު 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި ފަލަސްތީނުގެ ރައީސް މަަހުމޫދު އައްބާސް، ފޮޓޯ: ރައީސް އޮފީސް

ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ޞިހުޔޫނީ އިސްރާއީލާއި ފަލަސްޠީނުގެ މުޖާހިދުންގެ މެދުގައި އެކުލަވައިލާފައިވާ އެއްބަސްވުމާ ހިލާފަށް އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ. 

ޚާރިޖީވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް ވައިގެ މަގުން ހަމަލާތައް ދީ، 400 އަށްވުރެ ގިނަ ފަލަސްޠީނު މީހުން މަރާލައިފައިވާތީ އެކަން ދިވެހި ސަރުކާރުން އެންމެ ހަރުކަށިކޮށް ކުށްވެރިކުރާ ކަމަށެވެ. 

އަދި އެ ހަމަލާތަކުގައި ގިނަ އަދަދެއްގެ މައުސޫމު ކުޑަކުދިން މަރުވެފައިވާކަން ދިވެހި ސަރުކާރުން ފާހަގަކުރިއެވެ. އަދި މި ބަރަކާތްތެރި ރަމަޟާންމަހު އިސްރާއީލުން ދިން މި ހަމަލާތަކަކީ ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފު، އަދި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ގާނޫނުތަކާއި، ބައިނަލްއަގުވާމީ އިންސާނިއްޔަތުގެ ގާނޫނުތަކާ ސާފުކޮށް ފުށުއަރާ އަމަލުތަކެއްކަން ދިވެހި ސަރުކާރުން ފާހަގަކޮށްފައިވެއެވެ. 

އަނިޔާވެރި އަމަލުތައް އިތުރަށް ފުޅާވިޔަނުދީ ހުއްޓުވުމަށް ދިވެހިރާއްޖެއިން ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވައިލިއެވެ. އަދި މައުސޫމު މަދަނީން ރައްކާތެރިކުރުމާއެކު، އިސްރާއީލުގެ އަމަލުތަކާމެދު ސިހުޔޫނީ ދައުލަތް ޖަވާބުދާރީކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރާއްޖެއިން އިލްތިމާސްކޮށްފައިވެއެވެ. 

ފަލަަސްތީނު ރައްޔިތުންގެ ޝަރުއީ ހައްގުތަކަށް ދިވެހިރާއްޖެއިން ދެގޮތަށްނުވެ ތާއީދުކުރާކަން ތަކުރާރުކުރުމާއެކު، 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ގާއިމުކުރެވިފައިވާ، ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް އޮންނަ،  މުސްތަގިއްލު ސިޔާދަތު ލިބިގެންދާ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމުގެ ހައްގަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަން ދިވެހި ސަރުކާރުން ހާމަކުރިއެވެ. 

އިސްރާއީލުން ޣައްޒާއަށް މިހާރު ދެމުންދާ ހަމަލާތަކަކީ ޖަނަވަރީ 19 ވަނަ ދުވަހު ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެއްބަސްވި ފަހުން އިސްރާއީލުން ޣައްޒާއަށް ދޭ އެންމެ ވަރުގަދަ ހަމލާތަކެވެ. މި ހަމލާތަކުގައި ފާއިތުވި 24 ގަޑިއިރު ތެރޭ އެތައް ސަތޭކަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފައިވެއެވެ. 

ސިހުޔޫނީން ބުނެފައިވަ ގޮތުން މިހަމަލާތަކަކީ ސުލްހައިގެ އެއްބަސްވުމުގެ މުއްދަތު ދަންމައިލުމުގެ ވާހަކަތަކުގައި ކުރިއެރުމެއް ނުލިބުމާ ގުޅިގެން ދޭ ހަމަލާތަކެކެވެ. 

އިސްލާމީ ގިނަ ގައުމުތަކުން އަންނަނީ އިސްރާއީލުގެ އުދުވާން ކުށްވެރިކުރަމުންނެވެ. އެގޮތުން ސައުދީ އަރަބިއްޔާއާއި އެކުވެރި އަރަބި އިމާރާތާއި ގަަތަރާއި މިސްރުން މި ހަމަލާތައް ކުށްވެރިކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު