ENGLISH

21 އޭޕްރީލު 2025

Advertisement

"ރައީސްގެ ޖަވާބު" ސިލްސިލާ: ވީޑިއޯ މެދުވެރިކޮށް ސުވާލު ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލައިފި

18 މާރިޗު 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ ފޯރަމެއް ގައި މައުލޫމާތު ދެއްވަނީ

ވީޑިއޯ މެދުވެރިކޮށް ރައްޔިތުން ހުށަހަޅުއްވާ ސުވާލުތަކަށް، ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވުމަށް ކުރިއަށް ގެންދެވާ "ރައީސްގެ ޖަވާބު" ސިލްސިލާގައި، ވީޑިއޯ މެދުވެރިކޮށް ސުވާލު ހުށަހަޅުއްވަން ބޭނުންވާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެ ފުރުޞަތު ޢާއްމުކޮށް ހުޅުވައިލައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ ވީޑިއޯ މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާއާ ސުވާލުކުރައްވަން ބޭނުންފުޅުވާ ރައްޔިތުން، ސުވާލު ރެކޯޑްކުރެއްވުމަށް ފަހު ހުށަހަޅުއްވާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އަދި ސިޓިޒެންސްވޮއިސް ޕޯޓަލް، https://citizensvoice.gov.mv ގެ ލިންކް މެދުވެރިކޮށް، ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށް ވެސް ކޮންމެ ރައްޔިތަކަށް ވެސް ސުވާލު ފޮނުއްވޭނެ އެވެ.

"ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށް ރައްޔިތުން ހުށަހަޅުއްވަމުން ގެންދަވާ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވަމުން ގެންދަވާނީ "ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިންނެވެ.

"ރައީސްގެ ޖަވާބު" ސިލްސިލާއަކީ، ވީޑިއޯ މެދުވެރިކޮށް ރައްޔިތުން ހުށަހަޅުއްވާ ސުވާލުތަކަށް، ސީދާ އެމަނިކުފާނު ވީޑިއޯ މެދުވެރިކޮށް ދެއްވާ ޖަވާބު ޢާއްމު ކުރައްވަމުން ގެންދަވާ ގޮތަށް، 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފެށްޓެވި ސިލްސިލާ އެކެވެ.

މި ސިލްސިލާގައި އޭރު ސުވާލު ކުރެވެމުން ދިޔައީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މީޑިއާ ޓީމަކުން ރައްޔިތުންނާ ބައްދަލުކޮށް، ވީޑިއޯ ސުވާލު ހުށަހެޅުމަށް ފުރުޞަތު ދީގެންނެވެ. ނަމަވެސް، މިގޮތަށް މިކަން ކުރިއަށް ގެންދިއުމުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ކަންކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާއި ސުވާލުކުރެއްވުމަށް ބޭނުންފުޅުވާ ހުރިހާ ރައްޔިތުންނަށް ހަމަހަމަގޮތެއްގައި ފުރުޞަތު ދެވެމުން ނުދާތީ، ކޮންމެ ރައްޔިތަކަށްވެސް ވީޑިއޯ ސުވާލު ހުށަހެޅޭނެ ޕޯޓަލްއެއް އުފައްދައި ބޭނުންކުރެވެން ފެށެންދެން "ރައީސްގެ ޖަވާބު" ސިލްސިލާވަގުތީ ގޮތުން މެދުކަނޑައިލެއްވީ އެވެ.

"ރައީސްގެ ޖަވާބު" ސިލްސިލާ އަލުން މި ފެށްޓެވީ، ވީޑިއޯ މެދުވެރިކޮށް ކޮންމެ ރައްޔިތަކު ކޮންމެ ވަގުތަކު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވަން ބޭނުންފުޅުވާ ކޮންމެ ސުވާލެއްވެސް، "ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށް ވަގުތުން ހުށަހެޅުއްވޭނެ އިންތިޒާމުތަކާ އެކު އެވެ.

ކިޔުންތެރިންގެ ހިޔާލު