ENGLISH

21 އޭޕްރީލު 2025

Advertisement

އެއާ އެމްބިއުލާންސް ޚިދުމަތަށް އަހަރެއް، 787 ދަތުރުކޮށް 931 ބަލިމީހުން އުފުލައިފި

18 މާރިޗު 2025

|

ޢަލީ ޝަހީމް

ރާއްޖޭގައި އަލަށް ތައާރަފްކުރި އެއާ އެމްބިއުލާންސްގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ބޯޓު. ފޮޓޯ: މުހައްމަދު/އެމްއެމްޓީވީ

ކުއްލި ހާލަތްތަކުގައި އަވަސް ފަރުވާދިނުމަށް ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށިތާ އަހަރެއް ފުރިފައިވާއިރު، މިދިޔަ އެއް އަހަރުތެރޭ އެއާ އެމްބިއުލާންސްގެ 787 ފްލައިޓް ދަތުރުކޮށް 931 ބަލިމީހުން އުފުލާފައިވާކަމަށް އައިލެންޑް އޭވިއޭޝަނު ބުނެފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ޚިދުމަތް ރަސްމީކޮށް ފެށީ 2024 ވަނަ އަހަރުގެ މާރިޗު 1 ވަނަ ދުވަހުއެވެ. އެދުވަހު ފެށި ޚިދުމަތަށް އަހަރެއް ފުރުމާއެކު، އެއާ އެމްބިއުލާންސް އޮޕަރޭޓްކުރާ ސަރަޙައްދަށް، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު އަމީނާއި ޞިއްޙީ ވުޒާރާގެ ވަޒީރު ޢަބްދުﷲ ނާޒިމް މިއަދު ވަނީ ވަޑައިގެންފައެވެ. 

ޚިދުމަތް ދޭ މޯލްޑިވިއަންއިން މިއަދު ބުނީ، އެއާއެމްބިއުލާންސްގެ ޚިދުމަތް 24 ގަޑިއިރު ފޯރުކޮށްދޭއިރު، މިހާރު ދޭ ޚިދުމަތުގައި އެއްފަހަރާ ތިން ބަލިމީހުން އުފުލުމުގެ އިތުރުން ސްޓްރެޗާގެ ޚިދުމަތް މިހާރު ލިބޭނެ ކަމަށެވެ. އެއާ އެމްބިއުލާންސްގެ ޚިދުމަތަކީ މެޑިކަލް އިމަޖެންސީގައި ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފައިވެއެވެ. 

އެ ސަރަޙައްދުގައި ހުންނަވައި، މީޑިއާތަކާ ވާހަކަދައްކަވަމުން ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ މީގެކުރިން ރާއްޖޭގައި އެ ޚިދުމަތް ދެމުންގެންދިޔައީ، މޯލްޑިވިއަންގެ ޝެޑިއުލަށް ވަގުތު ލިބޭ އިރަކުން ނުވަތަ އާއްމުކޮށް ދަތުރުކުރާ ފްލައިޓް ޝެޑިއުލްގައި ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާއެކު ފެށި ޚިދުމަތާއެކު، މެޑިކަލް އިމަޖެންސީގައި ބޭނުންވާ ހުރިހާ އާލާތްތަކާއެކު، މިހާރު އެއާ އެމްބިއުލާންސްގެ ޚިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. 

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސިޔާސީ ވިސްނުން ދޫކޮށްލައްވާފަ މިހާރު މި ދެމުންގެންދާ ޚިދުމަތުގެ ހަޤީގަތް ހެޔޮ ހިތަކުން ބަލާލައިފީޔާމު އަޅުގަނޑަށް ހަމަ ޔަގީންކުރެވޭ، ކޮމްޕެއާ ކޮށްލާފަ ނަމަވެސް ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ގެނެސްދެއްވި ބަދަލަކީ ހަމަ ވަރަށް ޒަމާނީ ވަރަށް ރަނގަޅު ހެޔޮ ބަދަލެއްކަން" -  ވަޒީރު މުޙައްމަދު އަމީން  

ވަޒީރު އަމީން އިތުރަށް ވިދާޅުވީ، ޚިދުމަތް ދެމުންގެންދަނީ އެކަމަށް ކަނޑައަޅާފައިވާ މެޑިކަލް ޓީމަކާއެކު، ކްރޫންނާއި، މަތިންދާބޯޓުތައް އަބަދުވެސް ތައްޔާރަށް އޮވެގެން ކަމަށެވެ. އަދި، ހާއްޞަ ހާލަތެއް ކުރިމަތިވެއްޖެނަމަ ސީޕްލޭން އޮޕަރޭޝަންސްގެ ބޯޓުތައް އޮޕަރޭޓް ކުރެވޭނެ ގޮތަށް ސަރުކާރުން ހަމަޖައްސާފައިވާކަމަށް ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ. 

ޞިއްޙީ ވުޒާރާގެ ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް އެއާ އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ޞިއްޙީ ނިޒާމުގައި ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. 

"އަޅުގަނޑުމެންގެ ޞިއްޙީ ދާއިރާގެ އެންމެ ބޮޑު އަމާޒަކީ އެއާލިފްޓް ކުރަންޖެހޭ މީހުން މަދުކުރުން. އެކަން އަޅުގަނޑުމެންނަށް ކުރެވޭނެ ގޮތަކީ އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތް ފުޅާކުރުން. އިރާދަކުރެއްވިއްޔާ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޞިއްޙީ ވައުދުތަކާ އެއްގޮތަށް އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށް މި ގެންދަނީ. ހަމައެއާއެކު އަޅުގަނޑުމެން ކުރަން ބޭނުންވާ ކަމަކީ ކޮންމެހެން އުފުލަންޖެހޭ މީހާ، އިމަޖެންސީކޮށް އުފުލުމަށްޓަކައި އެ ބަލިމީހާއަށް ދޭންޖެހޭ ޙިމާޔަތާއި ރައްކާތެރިކަން ދިނުމަށްޓަކައި އެއާ އެމްބިއުލާންސްގެ ސަރވިސް މިއަދަށް ވުރެވެސް އަދި ފުޅާކޮށް ކުރިއަށްގެންދިއުން " - ވަޒީރު ޢަބްދުﷲ ނާޒިމް  

އެއާ އެމްބިއުލާންސްގެ ޚިދުމަތަކީ ދިވެހި ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއްކަމަށް ވިދާޅުވެ، ވަޒީރު ޢަބްދުﷲ ނާޒިމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި، އެއާ އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މަސައްކަތްކުރާ އައިލެންޑް އޭވިއޭޝަނުގެ މުވައްޒަފުންނަށާއި، އެ ޚިދުމަތް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ޞިއްޙީ ދާއިރާގެ މުވައްޒަފުންނަށް ވަޒީރު ޢަބްދުﷲ ނާޒިމް ޝުކުރު އަދާކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު