ENGLISH

21 އޭޕްރީލު 2025

Advertisement

އެޑްވާންސްޑް ބެޓްރީ ސައިކަލް ރާއްޖެއަށް ތަޢާރަފްކޮށްފި

18 މާރިޗު 2025

|

އާމިނަތު މައިހާ

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ، ހުސެއިން ފަހުމީ / ފޮޓޯ: ރައީސް އޮފީސް

ޓައިވާނުގެ މަޝްހޫރު ގޮގޯރޯ ބްރޭންޑްގެ އެޑްވާންސްޑް ބެޓްރީ ސައިކަލް ސްޓެލްކޯ އިން ރާއްޖެއަށް ތަޢާރަފްކޮށްފިއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ، ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ދިވެހިންނަށް ތިމާވެއްޓާއި ރައްޓެހި އިލެކްޓްރިކް އުޅަނދު ގެންގުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަކަތައިގެ ސިނާއަތަށް ކަނޑައަޅުއްވާފައިވާ ތިމާވެއްޓާއި ރައްޓެހި ހަރުދަނާ ސިޔާސަތުތައް އޭގެ އެންމެ ފުރިހަމަގޮތުގައި ތަންފީޒުކުރުމަށް އެހީތެރިވެދިނުމަށްޓަކައި ކުރެވުނު މަސައްކަތެއް ކަމަށެވެ.

އަދި މި އެނާރޖީ މެނޭޖްމަންޓް ސިސްޓަމް ރާއްޖެއަށް ތަޢާރަފްކޮށް، އިލެކްޓްރިކް އުޅަނދު ޗާޖު ކުރެވޭނެ ނިޒާމެއް މިހާރު ޤާއިމްކޮށްދެވިފައިވާ ކަމަށް ވެސް އެމްޑީ ވިދާޅުވެފައިވެއެވެ. އެމްޑީ އިތުރަށް ވިދާޅުވީ މި ނިޒާމު ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މިހާރު ދަނީ މަސައްކަތް ކުރެވެމުން ކަމަށެވެ.

މި މަސައްކަތުގެ ތެރެއިން، މީގެ ބެޓެރި ސިސްޓަމްތައް މާލޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކުރެވުމާއެކު، އޭގެ ބެޓްރިތަކާއި ކޮމްޕެޓިބަލް ސައިކަލު ރާއްޖެ އެތެރެ ކުރުމުގެ ފުރުޞަތު އެ ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވިގެންދާނެކަމަށް ވެސް ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ފޮޓޯ: ސްޓެލްކޯ 

މި ބެޓްރީ ސިސްޓަމްތަކާއި، ކާރު ޗާޖްކުރުމަށް ޤާއިމް ކުރެވިފައިވާ އީވީ ޗާޖިންގ ސްޓޭޝަނާއެކު، އިލެކްޓްރިކް އުޅަނދުތަކަށް ލޯބި ކުރާ ފަރާތްތަކުން އެފަދަ އުޅަނދު ގެންގުޅުމަށް ދެކެމުންއައި ޒަމާނީ ހުވަފެންތަކުގައި ކުލަޖެހި، ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ނިޒާމެއް އެކަށައެޅުމަށް ސަރުކާރުން ކުރަމުންގެންދާ ހަރުދަނާ މަސައްކަތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމެއްގެ ގޮތުގައި އެމްޑީ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިފަދަ ސައިކަލުތަކުގެ ޓެސްޓް ރައިޑްކޮށް، އަޖުމަ ބަލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލުމުގެ ގޮތުންނާއި، އެފަދަ ތިމާވެއްޓާއި ރައްޓެހި ސައިކަލުތަކަށް ޝައުގުވެރިކަން އުފައްދައި، އެއަށް ބަދަލުވުމަށް ހިތްވަރުދިނުމުގެ ގޮތުން އޭގެ ސައިކަލުތަކެއް ރާއްޖެގެނެސް އެ ޓެސްޓް ކުރުމުގެ ފުރުޞަތު ފަހިކުރުމަށް އިންތިޒާމްތަކެއް ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރެވެމުންނެވެ.

ހަމައެހެންމެ އެނާރޖީ މެނޭޖްމަންޓް ސިސްޓަމާއި، އީވީ ޗާޖިންގ ސްޓޭޝަނަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީވެސް ތިމާވެއްޓާއި ރައްޓެހި ނިޒާމުތަކުގެ ތެރެއިންނެވެ. އެހެންކަމުން މިއީ ސަރުކާރުން އަމާޒުހިފާފައިވާ އިޔާދަކުރަނިވި ހަކަތައިގެ 33 އިންސައްތައަށް ވާޞިލްވުމަށާއި، ތަރައްޤީއާއި ތަހުޒީބުގެ މަގުގައި ރާއްޖެއިން ކުރިއަށް އަޅާނެ އިތުރު ފިޔަވަޅެއް ކަމުގައި ދެކޭކަމަށް އެމްޑީ ފާހަގަކުރައްވާފައިވެއެވެ.

މިފަދަ ތިމާވެއްޓާއި ރައްޓެހި، ރައްޔިތުންނަށް ފައިދާ ކުރަނިވި ބަދަލުތަކަށް ދިވެހިންނަކީ އަބަދުވެސް މަރުހަބާ ކިޔާނެ ބައެއްކަމަށާއި، މިކަމުގެ ސަބަބުން މާލެތެރޭގެ ވައި ތަޣައްޔަރުވުން ކުޑަކުރެވިގެންދާނެކަމަށް ވިދާޅުވެފައިވެއެވެ. އަދި މުޖުތަމަޢުގައި ދިރިއުޅޭ ފަރުދުންގެ ސިއްޙަތަށް ވެސް އޭގެ ފައިދާތަކެއް ކުރާނެކަމަށް ޕޯސްޓުގައި އެމްޑީ ފާހަގަކުރައްވާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު