ENGLISH
21 އޭޕްރީލު 2025
ގެދޮރުއިމާރާތް ކުރަން ދޫކުރާ ލޯނަށް އެދޭ މުއްދަތު އިތުުރުކޮށްފި
18 މާރިޗު 2025
|
"ހިޔާވަހި ފައިނޭންސިން ސްކީމް" ލޯނަށް އެދުމުގެ މުއްދަތު އަންނަ އެޕްރީލް މަހުގެ 30 ވަނަ ދުވަހަށް އިތުރުކޮށްފި އެވެ. މިދިޔަ ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހު ހުޅުވާލި އެ ފުރުސަތު ކުރިން އޮތް ގޮތުން އަންނަ މަހުގެ 8 ވަނަ ދުވަހު ހަމަވާނެ އެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ސަރުކާރު ގެޒެޓްގައި މިއަދު ކުރި އިއުލާންގައި ބުނީ ހިޔާވެހި ފައިނޭންސިން ޕްރޮގްރާމް" ގެ ދަށުން ގެދޮރު އިމާރާތްކުރުމަށް ދޫކުރާ އިސްލާމިކް ފެސިލިޓީއަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރީލް 30 ވާ ބުދަ ދުވަހުގެ ރޭ 23:59 ގެ ނިޔަލަށް ކަމަށެވެ.
މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ގެދޮރު އަލަށް އިމާރާތްކުރުމާއިި މަރާމާތުކުރުމާއި އަދި ހަދަން ފަށައި ނުނިމި ހުރި މަސައްކަތްތައް ކުރަން ކުޑަ އިންޓްރެސްޓް ރޭޓެއްގައި ދޫކުރާ ލޯނެކެވެ.
މި ފެސިލިޓީތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާފައި ވަނީ ހިޔާވެހި ޕޯޓަލް މެދުކޮށެވެ.
ހިޔާވެހި ފައިނޭންސިން" ސްކީމަށް ކުރިމަތިލުމުގެ ފުރުޞަތު ހަމަވާތާ ތިން މަސް ދުވަހުގެ ތެރޭގައި ލޯނު ދޫކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.
ހިޔާވެހި ފައިނޭންސްގެ ދަށުން ލޯން ދޫކުރަން ހަމަޖެހިފައިވާ ތިން ކެޓަގަރީ:
· އަތޮޅުތަކުގެ ރަށްރަށަށް ޚާއްޞަ ގެދޮރު ޢިމާރާތްކުރުމުގެ ލޯނު ސްކީމް: ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) މެދުވެރިކޮށް މި ސްކީމުން ލޯން ދޫކުރުމަށް ހަމަޖެހިފައިވާއިރު، އެއް މިލިޔަން ރުފިޔާއާ ހަމައަށް މިސްކީމުން ލޯނުލިބޭނެ. މިއީ އެއްވެސް އިކުއިޓީއެއް ދައްކަން ނުޖެހޭ ސްކީމެއް.
· ސަރުކާރުން އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާ ރަށްތައް: މި ސްކީމްގެ ދަށުން ލޯނު ދޫކުރަން ހަމަޖެހިފައިވަނީ ތިން މިލިޔަން ރުފިޔާއާ ހަމައަށް.
· މާލެއަށް ޙާއްސަކޮށްފައިވާ ސްކީމް: މި ސްކީމުން ހަ މިލިޔަން ރުފިޔާއާ ހަމައަށް ލޯން ދޫކުރާ ގޮތަށް ވަނީ ހަމަޖެހިފައި. މި ސްކީމަކީ ގެދޮރު ނުހެދިފައިވާ ހުރިހާ ފަރާތްތަކަށާއި، ހަދަން ފަށައި ނުނިމިހުރި ޢިމާރާތްތައް ނިންމުމުގެ އިތުރުން މާލޭގައި ހިމެނޭ ކުދި ބިންތައް އެއްކޮށްލައިގެން ޢިމާރަތްކުރުމުގެ ފުރުޞަތު ފަހިވާގޮތަށް އަމާޒުކުރެވިފައިވާ ސްކީމެއް. މާލެ ސަރަޙައްދަށް ހުލުވާލި ފުރުޞަތުގައި، ގޭގެ ބެހެނިވެރިންނާއެކު އެކުވެގެން ހަ މިލިޔަން ރުފިޔާއިން ފެށިގެން 10 މިލިޔަން ރުފިޔާއާ ދެމެދު ފައިނޭންސަށް އެދެވޭގޮތަށް އުސޫލު ވަނީ އެކުލަވާލާފައި.
ހިޔާވެހި ފައިނޭންސިން ސްކީމްގެ ދަށުން މާލީ އެހީ ފޯރުކޮށްދޭން މި އަހަރުގެ ބަޖެޓުގައި ވަނީ އެއް ބިލިއަން ރުފިޔާ ކަނޑައަޅައިފައެވެ. އެއް ބިލިޔަން ރުފިޔާ ބޭންކުތަކަށް ސަރުކާރުން މި ސްކީމަށް އިންވެސްޓްކުރި ނަމަވެސް، ބޭންކުތަކުން ލޯނު ދޫކުރާއިރު ޖުމްލަ ދެ ބިލިޔަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. މިއީ 25 އަހަރުން އަނބުރާ ދައްކާގޮތަށް ހަމަޖައްސައިދޭ ފައިނޭންސިން ސްކީމެކެވެ.
ސަރުކާރުގެ މެނިފެސްޓޯއާ އެއްގޮތަށް، 2028 ވަނަ އަހަރު ނިމޭއިރު، ބޯހިޔާވަހިކަމުގެ މަޝްރޫޢަކުން ފުރުޞަތު ނުލިބޭނެ އެއްވެސް ރައްޔިތަކު ނުހުންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެއްވައިފައެވެ. ހިޔާވެހި ސްކީމަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން މިހާތަނަށް ކުރިއަށްގެންދާ އެންމެ އަގުހެޔޮ، އަދި އެންމެ ބޮޑު ފައިނޭންސް ސްކީމެވެ.