ENGLISH

21 އޭޕްރީލު 2025

Advertisement

އަލަށް ހައްޖުގެ އަޅުކަން އަދާކުރާ މީހުންނަށް އިސްކަންދޭ ގޮތަށް އުސޫލު ބަދަލުކޮށް އާންމުކޮށްފި

18 މާރިޗު 2025

|

އަޙުމަދު ޙަމީދު

ދިވެހީންގެ ބަޔަކު ހައްޖުގެ އަޅުކަމުގައި

އަލަށް ހައްޖުގެ އަޅުކަން އަދާކުރާ މީހުންނަށް އިސްކަންދޭ ގޮތަށް ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލު ބަދަލުކޮށް މިއަދު އާންމުކޮށްފި އެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނި ގޮތުގައި މި އުސޫލަކީ ދިވެހި ރާއްޖެއިން ޙައްޖުގެ އަޅުކަން އަދާކުރުމަށް މީހުން ގެންދިޔުމަށް ހުއްދަ ދިނުމާއި، ޙައްޖުގެ ކޯޓާއާ މެދު ޢަމަލުކުރާނެ ގޮތާއި ޙައްޖުގެ ކަންތައްތައް ބެލެހެއްޓުމާ ގުޅޭ އެންމެހައި ސިޔާސަތުތަކާއި އުސޫލުތައް ކަނޑައަޅައި، އެ ކަންކަމާ އެއްގޮތަށް ޙައްޖުގެ ޚިދުމަތްދޭ ފަރާތުން ޢަމަލުކުރަމުންދާކަން ކަށަވަރުކުރުމާ ގުޅޭގޮތުން އެކުވަލައިފައިވާ އުސޫލެކެވެ.

އާ އުސޫލުގައިވާ ގޮތުން އަލަށް ޙައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދޭން ޖެހެ އެވެ. މިއީ ވަރަށް ގިނަ ބަޔަކު އެދެމުން ދިޔަ ބަދަލެކެވެ. ބައެއް މީހުން ތަކުރާރުކޮށް ޙައްޖުގެ އަޅުކަން އަދާކޮށްފައިވާއިރު އެތައް ބަޔަކު ޙައްޖުގެ އަޅުކަމަށް ފައިސާ ދައްކާ ދެވޭނެ ދުވަހެއް ނޭނގި އެބަ ތިއްބެވެ.

އައު އުސޫލުގެ ސަބަބުން އެކަމަށް ބަދަލު އައިސް ޙައްޖު ކިއު ލިސްޓު ކުޑަކުރެވޭނެ އެވެ. ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހަކަށް އިތުރު ފުރުޞަތެއް ދެވޭނީ، އެންމެ ފަހުން ޙައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީ ސަނަތުން ފަސް އަހަރު ވެފައިވާނަމަ އެވެ.

އައު އުސޫލާ އެކު ޙައްޖާ ގުޅޭގޮތުން ރައްޔިތުންނަށް ލުއި އަގެއްގައި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމާއި، ޙައްޖަށް ދިއުމުގެ ގަސްތުގައި ރައްޔިތުން ދައްކާ ފައިސާ، ރައްކާތެރިކަމާއި އަމާނާތްތެރިކަމާއެކު ބެލެހެއްޓުމުގެ ގޮތުން، ޙައްޖަށް ދިއުމަށް ޓަކައި އެއްކޮށް ފައިސާ ދެއްކޭ ގޮތަށް ނުވަތަ ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކޭނެފަދަ ނިޒާމެއް ޤާއިމުކުރުވޭނެ އެވެ.

މީގެ އިތުރުން ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން އުމުރުން 65 އަހަރުން ފެށިގެން މަތީގެ މީހުންނަށް ކޮންމެ އަހަރަކު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ވަކި އިންސައްތައެއް ކަނޑައަޅަން ވެސް ވަނީ ހިމަނާފަ އެވެ.

އަދި ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ އުމުރުން 75 އަހަރުން ފެށިގެން މަތީގެ މީހުންގެ ތެރެއިން ޞިއްޙީ ހާލަތަށް ބަލައި އެހީތެރިއަކު ހަމަޖެއްސެއްމުގެ ފުރުޞަތު ދެވޭނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ ލިސްޓުގައި އާއިލާ މީހަކު ހިމެނޭ ނަމަ (ޙައްޖުގެ އަޅުކަން ކުރިން އަދާކޮށްފައިނުވާ) އެ މީހަކަށް ނުވަތަ އެހީތެރިއެއްގެ ގޮތުގައި ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހެއް ހަމަޖެއްސުމަށް ފުރުޞަތު ދެވޭނީ، ޙައްޖު ކޯޕަރޭޝަނުގެ ލިސްޓުގައި ބުނެވިދިޔަ ފަދަ އާއިލާގެ މީހެއް ނެތިފައި، ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ މީހަކު އޭނާއަށް ލިބެން ނެތް ހާލަތުގައި ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

މި އުސޫލުގައިވާ ގޮތުން ދިވެހިރައްޔިތުން ހައްޖަށް ގެންދިޔުމުގެ ޚިދުމަތް ފޯރުކޮށްދޭނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ ޙައްޖު ކޯޕަރޭޝަންގެ ކިއު ލިސްޓުން ޖާގަ ކަށަވަރުކޮށްފައިވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ސިޔާސަތުގެ ދަށުން ވީ އެންމެ އަވަހަކަށް ޙައްޖަށް ދިޔުމުގެ ފުރުސަތު ފަހިކޮށްދިމާއި ހައްޖުގެ ކަންކަން ހަރުދަނާ ކުރުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު