ENGLISH
21 އޭޕްރީލު 2025
މާލޭގެ ބައެއް މަގުތަކުގެ ކާނު ސާފުކޮށްފި
18 މާރިޗު 2025
|
މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ބައްލަވާލެއްވުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު، މަސައްކަތްކުރާ ސަރަޙައްދަށް ވަޑައިގަތުން. ފޮޓޯ: ސިޓީސް މިނިސްޓްރީ
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށް ގެންދާ މާލޭގެ ހުރިހާ މަގެއްގެ ކާނުތައް ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން މާލޭގެ ބައެއް މަގުތަކުގެ ކާނުތައް އެއްކޮށް ސާފުކޮށް ނިންމާލައިފައެވެ.
ކާނުތައް ސާފުކުރުމުގެ މަސައްކަތް އެއްކޮށް ނިމިފައިވަނީ ޗާންދަނީމަގުގެ ހުޅަނގާއި މަޖީދީ މަގުގައެވެ. މަޖީދީ މަގުގެ ދެފަޅީގެ ހުރިހާ ކާނުތަކެއް ސާފުކޮށް ނިމިފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި މިހާރުވެސް މި މަސައްކަތް ކޮންމެ ދުވަހަކު ހެނދުނު 9 އިން މެންދުރު ފަހު 2 އަށް ކުރިއަށްދާ ކަމަށް އެވުޒާރާއިން މައުލޫމާތު ދެއެވެ.
ކާނުތައް ސާފުކުރުމުގެ މަސައްކަތް އެވުޒާރާއިން ފަށައިފައިވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. މި މަސައްކަތަކީ ވާރޭ ވެހިއްޖެނަމަ މާލޭގައި ފެންބޮޑުވާ މައްސަލަ ޙައްލުކުރުމަށްޓަކައި ފެށި މަސައްކަތެކެވެ. ވާރޭވެހޭ ކޮންމެ ފަހަރަކު މާލޭގެ މަގުތަކުގައި ފެންބޮޑުވެ އާންމު ރައްޔިތުންނަށް އެ ކަމުގެ އުނދަގޫތައް ކުރިމަތިވެއެވެ.