ENGLISH
21 އޭޕްރީލު 2025
ސުޕްރީމް ކޯޓަށް ޝަހީދު އައްޔަނުކުރަން ކޮމިޓީން ރުހުންދީފި
18 މާރިޗު 2025
|
ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް، ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަން ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ރުހުންދިނުމަށް ފާސްކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަންކުރަން ފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއަށް ލަފާ އެރުވުމަށެވެ. އެއާއެކު ރައީސް ވަނީ އިއްޔެ، އެ މައްސަލަ މަޖިލީހަށް ފޮނުއްވާފަ އެވެ.
މިއަދުގެ ޖަލްސާގައި އެ މައްސަލަ އިއުލާނުކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، އެ މައްސަލަ ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވި އެވެ.
އެ މައްސަލަ ދިރާސާކުރުމަށްޓަކައި މިއަދު ކޮމިޓީ ބައްދަލުވުމެއް ބޭއްވި އެވެ. ގާތްގަނޑަކަށް 5 މިނެޓަށް ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ކޮމިޓީ މެމްބަރުން ނިންމެވީ ކަމާ ގުޅޭ އިޖުރާއަތްތައް ފުރިހަމަކޮށްފައިވާތީ އެ މައްސަލަ ވީހާވެސް އަވަހަކަށް ނިންމޭނެ ގޮތަށް އެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.
އެހެންވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަނުކުރަން ފެންނަ ކަމަށް ރައީސަށް ލަފާ އަރުވަން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ހުށަހެޅުއްވި ހުށަހެޅުން ފާސްކުރެއްވީ ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެން ތިއްބެވި މެމްބަރުންގެ އިއްތިފާގުން ނެވެ.
2018ގެ ޖުލައިގައި ފަނޑިޔާރުކަމުގެ ހުވާކުރެއްވި ޝަހީދު ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވީ 2022 ވަނަ އަހަރުގެ ނޮވެމްބަރުގަ އެވެ. އެ ކޯޓުގެ އިސް ފަނޑިޔާރަކަށް އޭނާ އައްޔަނުކުރީ 2023 ވަނަ އަހަރުގެ އޮކްޓޯބަރުގަ އެވެ.
ފަނޑިޔާރަކަށް އައްޔަނުކުރެެއްވުމުގެ ކުރިން ޝަހީދު ވަނީ ކްރިމިނަލް ކޯޓުގެ ލީގަލް އޮފިސަރުކަމާއި ފޭދޫ މެޖިސްޓްރޭޓްކަމާއި ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީކަން ވެސް ކުރައްވާފައެވެ.
ޝަހީދަކީ މިސްރުގެ އަލްއަޒުހަރު ޔުނިވަރސިޓީއާއި ކުއްލިޔަތުއް ދިރާސާތުލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރެއްވުމަށް ފަހު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.