ENGLISH
21 އޭޕްރީލު 2025
މަޖިލީހުގެ ކޮމިޓީތަކަށް މީހުން ހާޒިރުކުރުން އަވަސްކުރަން ގަވާއިދު އިސްލާހުކޮށްފި
18 މާރިޗު 2025
|
މަޖިލީހުގެ އާއްމު ކޮމިޓީ
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް މީހުން ހާޒިރުކުރުމުގެ ކަންކަން އަވަސްވާ ގޮތަށް، 20 ވަނަ މަޖިލީހުގެ ގަވާއިދު މިއަދު އިސްލާހުކޮށްފި އެވެ.
އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު މަޖިލީހުގެ ގަވާއިދަށް ހުށަހެޅުއްވި އިސްލާހުތައް ދިރާސާކުރުމަށްފަހު އާއްމު ކޮމިޓީން އެކުލަވާލި ރިޕޯޓު މަޖިލީހުން ފާސްކުރީ 50 މެމްބަރުންގެ ވޯޓާ އެކު އެވެ.
މެމްބަރު އިސްލާހު ހުށަހެޅުއްވީ ގަވާއިދުގެ 180 ވަނަ މާއްދާ ނުވަތަ "ކޮމިޓީތަކަށް މީހުން ހާޒިރުކުރުން" މި މާއްދާއަށެވެ. އެގޮތުން، މެމްބަރު ހުށަހަޅުއްވާފައިވަނީ، ކޮމިޓީއަށް މީހަކު ހާޒިރުކުރުމުގެ ކުރިން ދޭންޖެހޭ ފަސް ދުވަހުގެ ނޯޓިސްގެ ބަދަލުގައި ތިން ދުވަހުގެ ނޯޓިސްއެއް ދޭ ގޮތަށް އެ މުއްދަތު ކުރުކުރެއްވުމަށެވެ. ލިޔުމުން މައުލޫމާތު ހޯދުމަށް އެދޭ ނޯޓިސް ވެސް ފަސް ދުވަހުން ތިން ދުވަހަށް ކުރުކުރުމަށް ހުށަހަޅުއްވާފައިވެ އެވެ.
ކޮމިޓީން ގަބޫލުކުރާގޮތުގައި މި އިސްލާހުތަކުގެ ސަބަބުން، ކޮމިޓީތަކުގެ މަސައްކަތްތައް އަވަސްވެގެން ދިއުމަށް މަގުފަހިވާނެ ކަމަށާއި، މުހިއްމު ނިންމުންތައް ނިންމުން އަވަސްވެގެންދާނެ އެވެ. އަދި ކޮމިޓީތަކަށް ބޭނުންވާ މައުލޫމާތު ހޯދުމަށާއި، ޖަވާބުދާރީކުރުމަށް ފަސޭހަވެގެންދާނެ ކަމަށް ވެސް ކޮމިޓީން ފާހަގަކޮށްފައިވެ އެވެ.