ENGLISH

21 އޭޕްރީލު 2025

Advertisement

ސުޕްރީމްކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަންކުރުމުގެ މައްސަލަ ކޮމިޓީއަށް

18 މާރިޗު 2025

|

އުމްނާ އިސްމާޢީލް

ދިވެިހިރާއްޖޭގެ ހައި ކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު-ފޮޓޯ: މީސް މީޑިޔާ

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް، ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަން ކުރުމުގެ މައްސަލަ ދިރާސާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ، އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ހުސްނުއްސުއޫދު މި މަހުގެ 4 ވަނަ ދުވަހު އިސްތިއުފާދެއްވުމުން ނެވެ. އެ މަގާމަށް ފަނޑިޔާރަކު ހޯދަން ޖޭއެސްސީން ދެ ފަހަރަށް އިއުލާން ކުރުމުން ނަން ހުށަހެޅުއްވީ ޝަހީދުގެ އިތުރުން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އަދި ގާނޫނީ ވަކީލެއް ކަމަށްވާ ރުސްދުﷲ އިބްރާހީމެވެ.

އެ ތިން ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު، ޖޭއެސްސީން ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަންކުރަން ފެންނަ ކަމަށް ރައީސަށް ލަފާއަރުވާށެވެ. އެއާއެކު ރައީސް ވަނީ އިއްޔެ، އެ މައްސަލަ މަޖިލީހަށް ފޮނުއްވާފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަނުކުރުމަށް ޝަހީދުގެ ނަން ތަޅުމުގައި އިއުލާނުކުރި އެވެ. އެއަށްފަހު ރިޔާސަތުން ވަނީ، އެ މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފަ އެވެ.

ދެހާސް އަށާރަވަނަ އަހަރުގެ ޖުލައިގައި ފަނޑިޔާރުކަމުގެ ހުވާކުރެއްވި ޝަހީދު ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވީ 2022 ވަނަ އަހަރުގެ ނޮވެމްބރުގަ އެވެ. އެ ކޯޓުގެ އިސް ފަނޑިޔާރަކަށް އޭނާ އައްޔަނުކުރީ 2023 ވަނަ އަހަރުގެ އޮކްޓޯބަރުގަ އެވެ.

ފަނޑިޔާރަކަށް އައްޔަނުކުރެެއްވުމުގެ ކުރިން ޝަހީދު ވަނީ ކްރިމިނަލް ކޯޓުގެ ލީގަލް އޮފިސަރުކަމާއި ފޭދޫ މެޖިސްޓްރޭޓްކަމާއި ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީކަން ވެސް ކުރައްވާފައެވެ.

ޝަހީދަކީ މިސްރުގެ އަލްއަޒުހަރު ޔުނިވަރސިޓީއާއި ކުއްލިޔަތުއް ދިރާސާތުލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރެއްވުމަށް ފަހު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު