ENGLISH
21 އޭޕްރީލު 2025
ސްކޭމްގެ މައްސަލަތައް ބަލަން މަރުކަޒެއް ޤާއިމްކޮށް ހޮޓްލައިނަކަށް 125 ހަމަޖައްސައިފި
18 މާރިޗު 2025
|
ފޮޓޯ: އިންޓަނެޓް
ދިވެހިރާއްޖޭގައި ފުޅާދާއިރާއެއްގައި މިހާރު ހިންގަމުން އަންނަ ސްކޭމްގެ މައްސަލަތަކަށް ހައްލެއް ހޯދުމުގެ މަޤްޞަދުގައި ދިވެހި ފުލުހުންގެ ޚިދުމަތުން 'އެންޓި-ސްކޭމް ސެންޓަރު' ގެ ނަމުގައި 2024 ވަނަ އަހަރު ޤާއިމުކުރި މަރުކަޒުގެ މަސައްކަތް ރަސްމީކޮށް ފަށައި، މައްސަލަތައް ރިޕޯޓުކުރާ ނަންބަރެއްގެ ގޮތުގައި 125 ހަމަޖައްސައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ރޭ އާއްމުކުރި ނޫސްބަޔާނުގައި ބުނީ، އެންޓި-ސްކޭމް ސެންޓަރު ޤާއިމުކުރީ 2024-2028 ގެ ސްޓްރެޓެޖިކް ޕޭލްގެ ދަށުން 2024 ވަނަ އަހަރުގެ ޖޫން މަހު ކަމަށެވެ. އެ މަރުކަޒުގެ މަސައްކަތް ރަސްމީކޮށް ފެށީ އިއްޔެއެވެ.
ނޫސްބަޔާނުގައި ފުލުހުން ބުނެފައިވަނީ އެ ސެންޓަރުން، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ހިންގާ ސްކޭމްގެ މައްސަލަތަކާ ގުޅޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި، އެހެނިހެން އިދާރާތަކާއެކު ކުރަންޖެހޭ މުޢާމަލާތްތައް މަރުކަޒީ ގޮތެއްގައި ބަލަހައްޓާނެ ކަމަށެވެ.
އެފަދަ މައްސަލަތައް ރިޕޯޓް ކުރުމަށް ޤާއިމްކުރި ކޯލް ސެންޓަރު މެދުވެރިކޮށް، މައްސަލައެއް ރިޕޯޓް ކުރުމާއެކު، ވަގުތުން މާލީ އިދާރާތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އެ އިދާރާތަކުން ލިބެންޖެހޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތް އެންޓި-ސްކޭމް ސެންޓަރުން ކުރިއަށްގެންދާނެ ކަމަށް ފުލުހުންގެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ޚިދުމަތް ރަސްމީކޮށް ފެށުމާއެކު ކޯލް ސެންޓަރުގެ ނަންބަރުގެ އިތުރުން، ނެޝަނަލް އިމަޖެންސީ ނަންބަރު 911 އާއި އެކްސްޓެންޝަން ނަންބަރު 2020 އަދި އީމެއިލް މެދުވެރިކޮށްވެސް، ރާއްޖެއާއި ރާއްޖޭން ބޭރުން ސްކޭމާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރެވޭނެއެވެ.
ސްކޭމްގެ މައްސަލަތަކަށް ޚާއްޞަ މަރުކަޒެެއް ގާއިމްކުރިޔަސް، ފުލުހުން ބުނީ މިހާރެކޭވެސް އެއްގޮތަށް މާލެ އާއި އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކަށް އެފަދަ މައްސަލަތައް ހުށަހެޅޭނެ ކަމަށެވެ.
ފުލުހުންގެ ބަޔާނުގައި ވަނީ، ފާއިތުވި ދުވަސްތަކުގައި ސްކޭމްގެ މައްސަލަތައް ހައްލުކުރުމަށް އެ ޚިދުމަތާއި މާލީ އިދާރާތަކުން ކުރަމުންދިޔަ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރުއަދާކޮށްފައެވެ.
ސްކޭމްގެ މައްސަލަތައް ހައްލުކުރުމަށް ފެށި ރަސްމީ މަސައްކަތާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށްޓަކައި އެފަދަ މައްސަލަތައް ވީ އެންމެ އަވަހަކަށް އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓްކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.