ENGLISH
21 އޭޕްރީލު 2025
ފަނޑިޔާރުންގެ ބިލު ފާސްކުރި ސަބަބުތައް މެމްބަރުން ވިދާޅުވެދެއްވައިފި
17 މާރިޗު 2025
|
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު 7 އިން 5 އަށް ކުޑަކުރުމަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައީ، ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ މެދުގައި ރަނގަޅަށް މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ބައެއް މެމްބަރުން ވިދާޅުވެއްޖެ އެވެ.
އެ މެމްބަރުން މިފަދައިން ވިދާޅުވީ، ކޯޓުތަކުގެ ގާނޫނަށް މިދިޔަ ފެބްރުއަރީ މަހު މަޖިލީހުން ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގު ނުކުރައްވައި އަލުން އެ ބިލު މަޖިލީހަށް ފޮނުވާލެއްވި މައްސަލައަށް ބަހުސްކުރައްވަމުންނެވެ.
އެ ބިލާ ގުޅިގެން ވާހަކަދައްކަވަމުން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވަނީ، މަޖިލީހުން އެ ބިލުގެ މަސައްކަތްތއް ހިނގާ ދިޔަ ގޮތް ތަފްސީލުކޮށްދެއްވާފަ އެވެ. އެގޮތުން މެމްބަރު ވިދާޅުވީ، އެ ބިލާ މެދު ޕީއެންސީގެ ޕީޖީ ގްރޫޕުގެ މެދުގައި ވަރަށް ރަނގަޅަށް މަޝްވަރާ ކުރެވުނު ކަމަށާއި އެ ބިލު ފާސްކުރީ ރައީސް އަންގަވައިގެން ނޫން ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލާ ގުޅިގެން އެއީ ޤާނޫނުއަސާސީއާ ޚިލާފަށް ނިންމި ނިންމުމެއް ކަމަށް ބަލައި ސުޕްރީމް ކޯޓުން މައްސަލަ ބަލަން ފެއްޓުން އެއީ ހަގީގަތުގައި ރައްޔިތުންގެ މަޖިލީހުގެ ކަރާމާތާއި އިއްޒަތާއި ގަދަރާއި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ހުރަސްއެޅިގެންދާ ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް އޭރު ފާހަގަކުރެވުނީ،" އެ މައްސަލަ ޕީޖީ ގްރޫޕަށް ހުށަހެޅުނު ސަބަބު މުސްތަފާ ވިދާޅުވެ ދެއްވި އެވެ.
މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރުގެ ވާހަކައިގައި ވެސް އެ ބިލު އެގޮތަށް ފާސްކުރެއްވި ސަބަބުތައް ހިއްސާކުރެއްވި އެވެ. އެގޮތުން، ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމަށް ނިންމައި ގެނައި އިސްލާހާ ގުޅިގެން ވާހަކަދައްކަވަމުން 19 ވަނަ މަޖިލީހުގައި ވެސް އިންނެވި ޒަރީރު ފާހަގަކުރެއްވީ ރާއްޖޭގެ އާބާދީއާ ލިބޭ އާމްދަނީއަށް ބަލާއިރު، 7 ފަނޑިޔާރުން ބަހައްޓަން ދާ ޚަރަދު ބޮޑުވުމެވެ.
"އަޅުގަނޑުމެން 19 ވަނަ މަޖިލީހުގައި ތިބެ ދިރާސާކުރިއިރުގައި ސަރުކާރުގެ އެކި ވުޒާރާތަކުން އަޅުގަނޑުމެން މައުލޫމާތު ހޯދިއިރުގައި ދެ ފަނޑިޔާރުން އިތުރުކުރުމަށްޓަކައި އެބަދޭ 7.9 މިލިއަން ރުފިޔާ އަހަރެއްގެ މައްޗަށް. އެދުވަހުވެސް މިކަމާ ދެކޮޅު ހެދިން،" ޒަރީރު ވިދާޅުވި އެވެ.
މެމްބަރު ވިދާޅުވީ އެ ފަނޑިޔާރުންނަށް އެހާ ބޮޑު އަދަދެއް ހަރަދުކުރާއިރު އެ ކޯޓުތަކަށް ނަތީޖާ ނެރެވޭތޯ އެއީ ވެސް އުފައްދަން ރަނގަޅު ސުވާލެއް ކަމަށެވެ.
އެ ބިލާ މެދު އަލުން ވިސްނެވުމަށް އެދިވަޑައިގެން އަނބުރާ ފޮނުވާލެއްވުމަށް ރައީސް ނިންމެވި ނިންމެވުމަށް މަރުހަބާ ވިދާޅުވަމުން ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމް ވިދާޅުވީ އަވަސް އަރުވާލައިގެން ގާނޫނުތައް އިސްލާހުކުރުން ފަދަ ކަންތައްތައް މަޖިލީހުން ތަކުރާރުނުވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި މިހާރަށް ވުރެ ބޮޑަށް ވަގުތު ނަގައިގެން، ރައްޔިތުންގެ ޚިޔާލާއެކު މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ގޮވާލެއްވި އެވެ.
"ހަގީގަތުގައި ކޯޓުތަކަކީ ވެސް ވަރަށް މިނިވަންކަމާ އެކި ހިނގަންޖެހޭ ތަނަކަށް ވާންޖެހޭ. ހަމަ ރައްޔިތުންގެ މަޖިލީސް ވެސް ވަރަށް މިނިވަންކަމާ އެކު ހިނގަންޖެހޭ ތަނަކަށް ވާންޖެހޭ. އެއީ އަޅުގަނޑު ގަބޫލުކުރާ، އަޅުގަނޑުގެ އަމިއްލަ ރައުޔަކީ،" އަނާރާ ވިދާޅުވި އެވެ.
ފަނޑިޔާރުކަމުގެ މަޤާމަށް އެ މީހަކު ޤާބިލު ނޫންކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާބޫލުކުރެވިގެން، މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ ފަނޑިޔާރަކު ވަކިކުރުމަށް މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވިވެވަޑައިގަންނަވާ މެންބަރުންގެ ތިން ބައިކުޅަ ދެ ބައިގެ އަޣުލަބިއްޔަތުން ފާސްވުމުންކަމަށް ބަޔާންކޮށް ކޯޓުތަކުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އިސްލާހު ގެނައީ މިދިޔަ ފެބްރުއަރީ 26 ގަ އެވެ.
އެ އިސްލާހާ މެދު އަލުން ވިސްނެވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހަށް އެ ބިލު ރައީސް އަނބުރާ ފޮނުއްވާލެއްވީ މިދިޔަ ހަފްތާގަ އެވެ.