ENGLISH

02 އޭޕްރީލު 2025

Advertisement

ޖައްވުގައި ހޭދަކުރާ މުއްދަތުން އިންސާނާގެ ހަށިގަނޑަށް ކުރަނީ ކޮންކަހަލަ އަސަރެއް؟

21 މާރިޗު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ނާސާގައި މަސައްކަތްކުރާ އެކި ގައުމުތަކުގެ އެސްޓްރޮނެޓުން. -- ފޮޓޯ/ނާސާ

އެސްޓްރޮނޯޓުން ކަމަށްވާ ސުނީ ވިލިއަމްސް އާއި ބުޗް ވިލްމޯރް 2024 ވަނަ އަހަރުގެ ޖޫން މަހު ނިންމީ އައިއެސްއެސްގައި، އަށް ދުވަސް ހޭދަކުރާށެވެ. ނަމަވެސް، ކުރިން ނިންމި ގޮތާއި ޚިލާފަށް ވިލިއަމްސް އާއި ވިލްމޯރް އަށް ދިގު މުއްދަތަކަށް ޖައްވުގައި މަޑުކުރަން މަޖުބޫރުވިއެވެ. އެއީ އެމީހުން ދަތުރުކުރި ދެ އުޅަނދު ހަލާކުވުމުގެ ސަބަބުންނެވެ. 

އެސްޓްރޮނޯޓުންގެ ހަށިގަނޑަށް އެކިއެކި ބަދަލު އައިސް ނޭދެވޭ އަސަރުތައް ކުރާކަން ދިގު މުއްދަތެއްގައި ޖައްވުގައި ހޭދަކުރާ އެސްޓްރޮނޯޓުންގެ ކިބައިން ފާހަގަވެފައިވެއެވެ. 

ނާސާގެ އެސްޓްރޮނެޓެއް ކަމަށްވާ ފްރޭންކް ރުބިއޯ 371 ދުވަސް ޖައްވުގައި ހޭދަކޮށްފައިވެއެވެ. އެމެރިކާގެ އެސްޓްރޮނޯޓުންގެ ތެރެއިން އެންމެ ދިގު މުއްދަތެއް ޖައްވުގައި ހޭދަކުރުމުގެ ރިކޯޑު އޮތީ އޭނާގެ އަތުގައެވެ. އައިއެސްއެސްގައި އެންމެ ގިނަ ދުވަސް ހޭދަކުރުމުގެ ރިކޯޑު އޮތީ ރަޝިއާގެ ކޮސްމޮނޯޓުން ކަމަށްވާ އޮލެގް ކޮނޮނެންކޯ އާއި ނިކޮލައި ޗުބް އަތުގައެވެ. އެ ދެ މީހުން ވަނީ ޖައްވުގައި 374 ދުވަހު މަޑުކޮށްފައެވެ. މި ދެމީހުންގެ ތެރެއިން ކޮނޮނެންކޯ ވަނީ އޯބިޓްގައި 1،111 ދުވަސް ހޭދަކޮށްގެން ކޮމިއުލޭޓިވް ސްޕޭސްފްލައިޓް ރެކޯޑްވެސް ހަދައިފައެވެ. އެއީ ތިން އަހަރަށްވުރެ ދިގު މުއްދަތެކެވެ.

ޖައްވުގައި ގިނަ ވަގުތު ހޭދަކުރުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ތަފާތު ބަދަލުތައް އައިސް އަސަރުތައް ކުރެއެވެ. މިގޮތުން ފާހަގަ ކުރެވޭ އެއްކަމަކީ މަސަލް އެޓްރޮފީ އާއި ބޯން ޑެންސިޓީ ދަށްވުމެވެ.

ނާސާގައި ހޭދަކުރި ފްރޭންކް ރޫބިއޯގެ މިޝަނުން ލިބުނު މުހިންމު އެއް މައުލޫމާތަކީ، ކަސްރަތު ކުރުމަށް ބޭނުންކުރާ އާލާތްތަކުން ހަށިގަނޑަށް އަސަރުކުރާ ގޮތުގެ އަގުހުރި ޑޭޓާއެވެ. މިއީ މުސްތަގުބަލުގައި ޑީޕް ސްޕޭސް މިޝަންތަކަށް ތައްޔާރުވުމަށް ބޭނުންކުރެވޭނެ ވަރަށް މުހިންމު މައުލޫމާތުތަކެކެވެ. 

އެސްޓްރޮނޯޓުގެ ހަށިގަނޑަށް އަންނަ ބަދަަލުތަކާބެހޭ މި ހޯދުންތައް އަދި ޝާއިއުކޮށްފައެއް ނުވެއެވެ. ސޯލާ ސިސްޓަމްގެ ފުންމިން ހޯދުމަށް މިޝަންތަކަށް މީހުން ފޮނުވުމަށް ޖައްވީ އިދާރާތަކުން އަމާޒު ހިފާއިރު، މިފަދަ ހޯދުންތަކަކީ ވަރަށް ބޭނުންތެރި މައުލޫމާތެވެ. 

ޖައްވީ ރޭހުގައި އުޅޭ ފަރާތްތަކުން މިހާރު ރާވާފައިވާ ޕްލޭންތަކަށް ބަލާއިރު ރަތް ޕްލެނެޓް، މާސްއަށް އެނބުރި ދަތުރެއް ކުރުމަށް ގާތްގަނޑަކަށް 1،100 ދުވަސް (ތިން އަހަރެއްހާ ދުވަސް) ނަގާނެ ކަމަށް ބެލެވެ އެވެ.

މާސް އަށް ދަތުރުކުރަން ބޭނުންކުރާ އުޅަނދަކީ ކުޑަ އުޅަނދަކަށްވުމުން ޖިސްމާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުޑަ، ލުއި ކަސްރަތުތައް ކުރަންޖެހޭނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ޖައްވުގައި ގިނަ ވަގުތު ހޭދަކުރުމުން އިންސާނާގެ ހަށިގަނޑަށް ކުރާ އަސަރުތައް ދެނެގަތުމަށް ސައިންސްވެރިން އަންނަނީ މަސައްކަތްކުރަމުންނެވެ.

މަސްތަކާއި ކަށިތަކަށް ކުރާނެ އަސަރު

ޖައްވުގައި ގްރެވިޓީ ނެތުމުގެ ސަބަބުން އެސްޓްރޮނޯޓުންގެ މަސްތަކާއި ކަށީގެ ބަރުދަން ދަށްވެއެވެ. ޚާއްސަކޮށް ބުރަކަށި، ކަނދުރާ، މައިބަދަ، އަދި ކޮޑްރިސެޕްސް ފަދަ ކަށިތައް ލުއިވެ އެޓްރޮފީވުމަށް މަގުފަހިވެއެވެ. ޖައްވުގައި އެންމެ ދެ ހަފުތާ ހޭދަކުރުމުންވެސް އެޓްރޮފީވާން މަގުފަހިވެއެވެ. 

ޖައްވުގައި އުޅޭތާ ދެ ހަފުތާ ފަހުން މަސްތަކާއި ކަށީގެ މާސް 20 ޕަސެންޓަށް ދަށްވެއެވެ. އަދި ދިގު މިޝަންތަކުގައި ކަށީގެ މާސް 30 ޕަސެންޓާ ހަމައަށް ދަށްވެގެންގެއެވެ. ހަމައެފަދައިން، ކަށިތަކުގެ ބާރު ގެއްލި، ޑިމިނަރަލައިޒްވެ، އެސްޓްރޮނޯޓުންނަށް ކޮންމެ މަހަކު 1-2 ޕަސެންޓް ބޯން ޑެންސިޓީ ގެއްލުމުގެ ފުރުސަތު ބޮޑުވެއެވެ. މިހެންދިމާވާ އެސްޓްރޮނޯޓުން ދުނިޔެއަށް އެނބުރި އައުމަށްފަހު ކަށީގެ މަސް، އާންމު ހާލަތަށް ގެނައުމަށް ހަތަރު އަހަރު ނަގައެވެ.

މިކަމުން އަރައިގަތުމަށް އެސްޓްރޮނޯޓުން ދުވާލަކު 2.5 ގަޑިއިރު ކަސްރަތު ކުރަނީ ރެސިސްޓިވް އިކުއިޕްމަންޓާއި ކާޑިއޯވަސްކިއުލާ މެޝިން ބޭނުންކޮށްގެންނެވެ.

ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި މި ރޫޓީންއާ އެކުވެސް މަސްތަކުގެ މަސައްކަތްތަކާއި ސައިޒު ދަށްވެއެވެ. އަދި މީގެ ސަބަބުން އެސްޓްރޮނޯޓުންގެ މައިބަދަ ދިގުވެ އިސްކޮޅުން ވެސް ދިގުވެއެވެ. އެސްޓްރޮނޯޓުން ދުނިޔެއަށް އެނބުރި އައުމުން ބުރަކަށީގައި ރިއްސުން ނުވަތަ މައިބަދައިގެ ޑިސްކުތައް ފަޅައިގެންދިއުމުގެ ފުރުސަތު ބޮޑުވެއެވެ.

ބަރުދަނަށް ކުރާނެ އަސަރު

ޖައްވުގައި ދުޅަހެޔޮ ބަރުދަނެއް ހިފެހެއްޓުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެއީ ބިމަށް ދަމާބާރު ޖައްވުގައި ނުހުންނާތީއެވެ. ނާސާއިން އައިއެސްއެސްގައި ހައްދާ ދަނޑުތަކުން ހަށިގަނޑަށް ފައިދާހުރި ތަފާތު ވައްތަރުގެ ކާނާ ފޯރުކޮށްދިން ނަމަވެސް ބަރުދަން ހިފެހެއްޓުމުގައި އެސްޓްރޮނޯޓުންނަށް ދަތިތަކެއް ކުރިމަތިވެއެވެ. މިސާލަކަށް ދިގު މުއްދަތުގެ ސްޕޭސް ފްލައިޓް ދިރާސާއެއްގެ ދަށުން އައިއެސްއެސްގައި 340 ދުވަސް ހޭދަކުރި ސްކޮޓް ކެލީ، އޯބިޓްގައި ހޭދަކުރި ދުވަސްވަރު ހަށިގަނޑުގެ ބަރުދަން ހަތް ޕަސެންޓު ލުއިވިއެވެ.

ލޮލުގެ ފެނުމަށް ކުރާނެ އަސަރު

ޖައްވުގައި ގްރެވިޓީ ނެތުމުގެ ސަބަބުން ލޭ ދައުރުވުމަށް އަސަރުކޮށް، އޮޕްޓިކް ނާރުގެ ވަށައިގެން ހިމެނޭ ގޮތަށް ބޮލަށް ފްލުއިޑް ޖަމާވެ، އެޑިމާ އަށް މަގުފަހިވެ، ލޮލުގެ ފެނުމަށް ބަދަލުތަކެއް އާދެއެވެ. ޖައްވުގައި އެންމެ ދެ ހަފުތާ ހޭދަކުރިޔަސް އެފަދަ ބަދަލުތައް އާދެއެވެ. އެފަދަ ބައެއް ބަދަލުތަކަކީ ދާއިމަށް އަންނަ އިޔާދަ ނުކުރެވޭ ބަދަލެވެ. މީގެ އިތުރުން ޖައްވުގައި ހުންނަ ކޮސްމިކް ރޭތަކާއި ސޯލާ ޕާޓިކަލްތަކަށް ހުށަހެޅުމުގެ ސަބަބުން ރެޓިނާ އާއި އޮޕްޓިކް ނާރުތަކުގައި މި ޕާޓިކަލްތައް ޖެހުމުގެ ފުރުސަތު ވެސް ބޮޑެވެ. 

ހަންގަނޑަށް ކުރާނެ އަސަރު

ޖައްވުގައި ދިގު މުއްދަތެއް ހޭދަކުރި އެސްޓްރޮނޯޓެއް ކަމަށްވާ ސްކޮޓް ކެލީގެ ފަރާތުން ސްޕޭސްފްލައިޓަށް ހަންގަނޑު ރިއެކްޓްކުރާ ގޮތުގެ އަގުހުރި މައުލޫމާތުތަކެއް ލިބުނެވެ. އޯބިޓްގައި 340 ދުވަސް ހޭދަކުރުމަށްފަހު އެނބުރި އައުމުން ކެލީއަށް ދިމާވި ކަންތައްތަކުގެ ތެރޭގައި ހަ ދުވަސް ވަންދެން ހަމުގެ ސެންސިޓިވިޓީ އިތުރުވެ، ހަމުގައި ރޭޝްތައް އުފެދުނެވެ. ދިރާސާވެރިން ލަފާކުރާ ގޮތުގައި ގްރެވިޓީ ނެތުމުން ހަންގަނޑު ސްޓިމިއުލޭޝަން ނުލިބުމަކީ އޭނާގެ ހަމުގެ މައްސަލަތައް މެދުވެރިވި ސަބަބަށް ވެދާނެ އެވެ.

ދިފާއީ ނިޒާމަށް ކުރާނެ އަސަރު

ޖައްވަށް ދިޔުމުގެ ކުރިން އަދި ޖައްވީ ދަތުރުން އެނބުރި އައުމަށްފަހު ވެކްސީން ޖެހުމުން ކެލީގެ ދިފާއީ ނިޒާމު އާދައިގެ މަތިން ރިއެކްޓްކުރިއެވެ.

ނަމަވެސް ދިރާސާތަކުން ދައްކާ ގޮތުގައި އެސްޓްރޮނޯޓުންގެ ލޭގެ ހުދު ސެލްތައް މަދުވެ، އޯބިޓްގައި އެމީހުންނަށް ކުރިމަތިވާ ރޭޑިއޭޝަނާ ގުޅިގެން ދުނިޔެ އައުމުން ދިފާއީ ނިޒާމަށް ބަދަލުތަކެއް އަންނާނެއެވެ.

މި ހޯދުންތަކާ އެކު ވެސް، ޖައްވީ ދަތުރުގެ ސަބަބުން އިންސާނުންނަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ގިނަ ސުވާލުތަކެއް އެބަހުއްޓެވެ.

ސައިންސްވެރިން އުއްމީދުކުރަނީ 371 ދުވަސް ޖައްވުގައި ހޭދަކުރި ނާސާގެ އެސްޓްރޮނެޓެއް ކަމަށްވާ ފްރޭންކް ރުބިއޯގެ މެޑިކަލް ޑޭޓާގެ ދިރާސާތަކުން އިތުރު މައުލޫމާތު ލިބޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު