ENGLISH
21 އޭޕްރީލު 2025
ފަނޑިޔާރުންގެ ބިލް ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފި
17 މާރިޗު 2025
|
ފޮޓޯ: ޕީއެސްއެމް
އަލުން ވިސްނެވުމަށް އެދިވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް 5 ވަނަ އިޞްލާހު ގެނައުމުގެ ބިލު އިތުރަށް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.
ފަނޑިޔާރުކަމުގެ މަޤާމަށް އެ މީހަކު ޤާބިލު ނޫންކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާބޫލުކުރެވިގެން، މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ ފަނޑިޔާރަކު ވަކިކުރުމަށް މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވިވެވަޑައިގަންނަވާ މެންބަރުންގެ ތިން ބައިކުޅަ ދެ ބައިގެ އަޣުލަބިއްޔަތުން ފާސްވުމުން، ކޯޓުތަކުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އިސްލާހު ގެނައީ މިދިޔަ ފެބްރުއަރީ 26 ގަ އެވެ.
ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންގެ އަދަދު 7 އިން 5 މަދުކުރުމަށް ހިމަނާފައިވާ އެ އިސްލާހާ މެދު އަލުން ވިސްނެވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހަށް އެ ބިލު ރައީސް އަނބުރާ ފޮނުއްވާލެއްވީ މިދިޔަ ހަފްތާގަ އެވެ.
އެ މައްސަލައާ މެދު މިއަދުގެ ޖަލްސާގައި ނެގުނު ވޯޓުގައި މެމްބަރުން އަގުލަބިއްޔަތުން ނިންމެވީ ބިލު އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުމަށެވެ. އެގޮތަށް 50 މެމްބަރުން ވޯޓު ދެއްވި އެވެ. ދެކޮޅަށް 7 މެމްބަރުން ވޯޓު ދެއްވި އެވެ.
އެ ބިލާ މެދު އަލުން ވިސްނަން އެދިވަޑައިގެން ރައީސް މަޖިލީހަށް ފޮނުއްވި ސިޓީ ވެސް ތަޅުމުގައި އިއްވި އެވެ. އެގޮތުން، ރައީސްގެ ސިޓީގައި ފާހަގަކުރެއްވި ކަންތަައްތަކުގެ ތެރޭގައި ފަނޑިޔާރުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަޤާމަށް އެ މީހަކު ޤާބިލު ނޫންކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާބޫލުކުރެވިގެން، މަޖިލީހަށް ހުށަހަޅައި، ފާސްވުމުންކަމަށް ބިލުގައި އޮތްއިރު، އެއީ ފަނޑިޔާރަކު ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތް ކުރާހާ ހިނދަކު މަގާމުން ވަކިކޮށްގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އުސޫލާ ފުށުއަރާގޮތަށް ހިންގޭނެ އިޖުރާއަތެއް ކަމަށް ބެލެވިދާނެކަން ހިމެނެ އެވެ.
މީގެއިތުރުން، ސުޕްރީމް ކޯޓްގެ ހަތް ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރަކު އިސްތިއުފާ ދެއްވާފައިވުމާއި ދެ ފަނޑިޔާރަކު ސަސްޕެންޝަނުގައި ތިބިމުން އަދި ޖިނާޢީ ތަޙުޤީޤެއް ހިންގަމުންދާތީ ދެން ތިބި ފަނޑިޔާރުންގެ ޤާބިލުކަން ވަޒަންކޮށް ގޮތް ނިންމުމަކީ އިންސާފުވެރި ގޮތަކަށް ނުވާނެ ކަމަށް އެ ސިޓީގައި ވެސް ބަޔާންކުރައްވާފައިވެ އެވެ.
ހަމައެއާއެކު، ބިލުގައި ފަނޑިޔާރުން ވަކިކުރަނީ މަގާމަށް ގާބިލުނޫން ކަމަށް ކަނޑައެޅުމަށްފަހު ކަމަށްވާއިރު، މަގާމުން ވަކިކުރެވޭ ފަނޑިޔާރުންނަށް ފަނޑިޔާރުންގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ޚާއްސަ އިނާޔަތްތަކާއި އިމްތިޔާޒްތައް ލިބިދެވޭނެ ގޮތަށް އޮތުމަކީ "ހަމަޖެހޭ" އުސޫލެއް ނޫން ކަން ވެސް ފާހަގަކުރައްވާފައިވެ އެވެ.