ENGLISH
21 އޭޕްރީލު 2025
ބްރޯޑްކޮމްއިން ފަޒީން އިސްތިއުފާ ދެއްވައިފި
17 މާރިޗު 2025
|
ބްރޯޑްކޮމް ބައްދަލުވުމެއްގައި ފަޒީން / ފޮޓޯ: ބޮރޯޑްކޮމް
ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސް، މުޙައްމަދު ފަޒީން ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށް އޭނާ މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އިސްތިއުފާގެ ސިޓީގައި ފަޒީން ވިދާޅުވެފައި ވަނީ، މިނިވަންކަމާ އެކު، ކޮމިޝަންގެ މެމްބަރެއްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަކީ މި ވަގުތަށް ވެވެން ނެތް ކަމަމެއްކަމަށާއި، އެހެންކަމުން މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އެހެންނަމަވެސް މިނިވަން ދިމިގްރާތީ މުޖުތަމައުއެއް ދެމެހެއްޓުމަށްޓަކައި ނޫސްވެރިކަމުގެ މިނިވަންކަމަށް ކެނޑިނޭޅި މަސައްކަތް ކުރާ މީހެއްގެ ގޮތުގައި އޭނާ ދެމިހުންނަވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.
ފަޒީންގެ ޤާނޫނީ ވަކީލު ވިދާޅުވީ ޖިންސީ ފުރައްސާރަކުރި ކަމަށް ބުނާ މައްސަލަ ތަހުގީގުކުރުމުން ވެސް "ބުނި، ބުނުން" ފިޔަވައި ގުޅުވާލެވޭނެ އިތުރު އެއްވެސް ހެއްކެއް އަދި ގަރީނާއެއް ވެސް ދެއްކިފައި ނުވާ ކަމަށެވެ. އަދި މަގާމަށް އައްޔަން ކުރެވުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް މަގާމުގެ މަސްއޫލިއްޔަތު އަދާކޮށްފައިވަނީ ވަކި ފަރާތަކަށް ނުޖެހި، ތެދުވެރިކަމާއެކުގައިކަމަށް ވަކީލު ވިދާޅުވިއެވެ.
ފަޒީން ބްރޯޑްކޮމްގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި މައްސަލަ ބަލަން ފަށާފައިވަނީ ޖަނަވަރީ މަހުއެވެ. މި މައްސަލައާ ގުޅިގެން ފަޒީން ވަނީ މަޖިލީހުގެ މިނިވަން މުއައްސަސަތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. އޭނާ މަގާމުން ވަކިކުރުމުގެ މަރުހަލާ ފެށުމަށް ކޮމިޓީން ނިންމައި، މަޖިލީހުގެ ޖަލްސާއެއްގައި ވަނީ އެ މައްސަލަ ތަޅުމުގައި އިއުލާނުކޮށްފައެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމަށް ފަޒީން އައްޔަންކުރީ 7 މާރޗް 2021 ގަ އެވެ. އަދި ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް އޭނާ އައްޔަންކޮށްފައި ވަނީ 19 ޖެނުއަރީ 2023 ގަ އެވެ.