ENGLISH
13 ޖުލައި 2025
އެމްޑީޕީ އެކްޓިވިސްޓު މަރިޔަމް ޒުބައިރު ގަޔަށް ކަޅުތެޔޮ ޖެހުން މެޑަމް ސާޖިދާ ކުށްވެރިކުރައްވައިފި
17 މާރިޗު 2025
|
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަަލުން މެޑަމް ސާޖިދާ މުހައްމަދު، ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރުގެ ގައަށް ކަޅު ތެޔޮ ޖެހުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ކުށްވެރިކުރައްވައިފިއެވެ.
އިދިކޮޅު އެމްޑީޕީން ސިލްސިލާ ގޮތެއްގައި މާލޭގައި ކުރިއަށްގެންދަމުންދާ މުޒާހަރާތަކުގެ ތެރެއިން ރޭ ބޭއްވި މުޒާހަރާ ނިންމައިލުމަށްފަހު ދަންވަރު ގެެއަށް ސައިކަލުގައި ދަނިކޮށް، ހެލްމެޓު އަޅައިގެން ތިބި ބަަޔަކު އޭނާ ގަޔަަށް ކަޅުތެޔޮ ޖަހާފައިވާކަމަށް މަރިޔަމް ޒުބައިރު ބުނެފައިވެއެވެ.
އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެޑަމް ސާޖިދާ ވިދާޅުވީ އެމްޑީޕީ އެކްޓިވިސްޓު މަރިޔަމް ޒުބައިރުގެ ގަޔަށް ރޭ ބަޔަކު ކަޅުތެޔޮ ޖެހިޖެހުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.
އަދި މިފަދައިން މީހުންނަށް ހަމަލާދީ ދުއްތުރާކުރުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި މިފަދަ ވަގުތެއްގައި ނުތަނަވަސްކަން އިތުރަށް ބޮޑުވިޔަނުދިނުމަށް މެޑަަމް ސާޖިދާ އެންމެންނަށް އިލްތިމާސްކުރެއްވިއެވެ.
އެކަމަނާ އިތުރަށް އެދިވަޑައިގެންފަައިވަނީ އަދުލު އިންސާފު ގާއިމުކުރުމުގެ މަރުހަލާ ފުރިހަމައަށް ހިންގުމުގެ ޖާގައާއި ފުރުސަތު އެންމެންވެސް ދިނުމަށެވެ.
މަރިޔަމް ޒުބައިރުވަނީ އެމްޑީޕީގެ މުޒާހަރާއެއްގެ ތެރޭގައި ރައީސްގެ ދަރިކަލުންނާ ގުޅުވައިގެން ސާބިތުނުހިފޭ ވާހަކަތަަކެއް ދައްކައި އެބޭފުޅާގެ ކަރާމަތަށް އުނިކަން ލިބޭނެ ގޮތަށް އަމަލުކޮށްފައެވެ. އަދި އެމްޑީޕީއާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލުވަނީ މަރިޔަމް ޒުބައިރު ދިފާއުކޮށް، މަރިޔަމް ޒުބައިރުގެ ވާހަކަތަކަށް ހިތްވަރުދީފައެވެ.
އެކަމާ ގުޅިގެން ރައީސްގެ އާއިލާގެ ފަރާތުން މެޑަމް ސާޖިދާ ނެރުއްވި ބަޔާނެއްގައި މަންމައެއްގެ ހައިސިއްޔަތުން އަމިއްލަފުޅު ނިންމެވުމެއްގެ ގޮތުގައި، މަރިޔަމް ޒުބައިރާއި އެމްޑީޕީ އަދި ފައްޔާޒާ ދެކޮޅަށް މަދަނީ ދައުވާކުރައްވަން ނިންމަވާފައިވާކަން އިއުލާނުކުރެއްވިއެވެ.
ސިޔާސީ މަސައްކަތްޕުޅަށް ނުކުމެވަޑައިގެންނެވި ފަހުން، އަދި މާލެ ސިޓީގެ މޭޔަރުކަމާއި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލައްވއިގެން ކުރެއްވި ކެމްޕެއިންތަކުގައިވެސް ރައީސް ޑރ.މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ޢާއިލާ ފާހަގަވެފައިވަނީ ވާދަވެރިންނަށް ރައްދުނުދެއްވައި، ސިޔާސީ ގޮތުން އެއްވެސް ބޭފުޅެއްގެ އަބުރާ ބެހިވަޑައިނުގަންނަވާ ބޭފުޅުންތަކެއްގެ ގޮތުގައެވެ.
އަދި ސިޔާސީ ކަންކަމުގައި އަނިޔާވެރިކަން އިސްކުރުމާއި، ބަދަލުހިފުމުގެ ރޫހު ގެންގުޅުން ފަދަ ކަންކަމުން ދުރުުހެލިވުމަށް ރައީސް ގެންދަވަނީ ތަކުރާރުކޮށް ހުރިހާ ފަރާތްތަކަށް ވަސިއްޔަތްކުރައްވަމުންނެވެ.