ENGLISH
21 އޭޕްރީލު 2025
ސުޕްރީމްކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަންކުރަން ރައީސަށް ލަފާއަރުވަން ޖޭއެސްސީން ނިންމައިފި
17 މާރިޗު 2025
|
ދިވެިހިރާއްޖޭގެ ހައި ކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު-ފޮޓޯ: މީސް މީޑިޔާ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމާއިގުޅިގެން ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް، ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަން ކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ލަފާއަރުވަން ޖޭއެސްސީން ނިންމައިފި އެވެ.
ފަނޑިޔާރަކު ހޯދަން ޖޭއެސްސީން ދެ ފަހަރަށް އިއުލާން ކުރުމުން ނަން ހުށަހެޅުއްވީ ޝަހީދުގެ އިތުރުން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އަދި ގާނޫނީ ވަކީލެއް ކަމަށްވާ ރުސްދުﷲ އިބްރާހީމެވެ.
އެ ތިން ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު، ޖޭއެސްސީން ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަންކުރަން ފެންނަ ކަމަށް ރައީސަށް ލަފާއަރުވާށެވެ.
ފަނޑިޔާރަކަށް އައްޔަނުކުރެެއްވުމުގެ ކުރިން ޝަހީދު ވަނީ ކްރިމިނަލް ކޯޓުގެ ލީގަލް އޮފިސަރުކަމާއި ފޭދޫ މެޖިސްޓްރޭޓްކަމާއި ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްގެ މަގާމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީކަން ވެސް ކުރައްވާފައެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދު އައްޔަންކުރީ 2018 ވަނަ އަހަރުގައެވެ. އޭނާ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް އައްޔަނުކުރީ 2023 ވަނަ އަހަރުގައެވެ.
އަލްއުސްތާޛު ޙުސައިން ޝަހީދަކީ މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީއާއި ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރެއްވުމަށް ފަހު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.