ENGLISH
21 އޭޕްރީލު 2025
ސިޔާސީ ޕާޓީއެއްގެ ހުއްދަ ލިބުމަކީ ބޭނުންހާ ގޮތަކަށް އުޅުމަށް ދެވޭ ލައިސަންސެއް ނޫން : މުޞްތަފާ
16 މާރިޗު 2025
|
މެމްބަރު މުޙައްމަދު މުޞްތަފާ ބޮޑު ޚަބަރު ޕްރޮގްރާމުގައި.. ފޮޓޯ: އެމްއެމްޓީވީ
ސިޔާސީ ޕާޓީއެއްގެ ހުއްދަ ލިބުމަކީ ބޭނުންހާ ގޮތަކަށް ޤައުމު ތެރޭގައި އުޅުމަށް ދެވޭ ލައިސަންސެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުޙައްމަދު މުޞްތަފާ ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު މުޞްތަފާ ވިދާޅުވީ ސިޔާސީ ކޯޅުމަކަށް ކުޑަ ކުއްޖަކު ވެއްދުމަކީ ބޮޑު ކުށެއް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށެވެ. ހުދު އެމްޑީޕީއަކީ ވެސް ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ވަކާލާތުކުރަމުން އަންނަ ބައެއް ކަމަށް ވެސް މުޞްތަފާ ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް އެބައިމީހުންގެ ސިޔާސީ ހަސަދައިގެ ހުޅުގަނޑު ރޯވެ ހައްދުން ނެއްޓީކަމަށް މެމްބަރު ވިދާޅުވިއެވެ.
"އެކަމަކު މިއަދު މުޒާހަރާއަކަށް ނިކުމެ ކުޑަކުޑަ ކުއްޖަކު އެމީހުންގެ ހަސަދަވެރިކަމުގެ ތެރެއަށް ލައި ފުނޑާލައި ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އެއީކީ ސިޔާސީ މަސައްކަތް ކުރަނީކީ ނޫން. އެކަން ކުރާކަމަށް ވަންޏާ އެއީ ސިޔާސީ މަސައްކަތް ކުރަން ނޭގެނީ.ހަޤީޤަތުގައި މިއީ ވަރަށް ވަރަށް ހިތާމަވެރިކަމެއް މިއީ. 18 އަހަރު ނުފުރޭ ކުޑަކުއްޖެއް މުޖްތަމަޢު ތެރޭގައި މިހާ ބޮޑަށް ސިޔާސީ ނަފްރަތެއްގެ ތެރެއަށް ވައްދައި އެކުއްޖާ ނުކުރާ ކަންކަމުގެ ބަދުނާމު އެކުއްޖާގެ ބޮލުގައި އެޅުވުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން. " - މެމްބަރު މުޞްތަފާ
އެމްޑީޕީގެ ސީނިއާ އެކްޓިވިސްޓުން ތިބީ ފެއިލްވެފައިވާކަމަށް ވިދާޅުވަމުން މެމްބަރު ފާހަގަކުރެއްވީ އެމީހުންނަކީ ވަރަށް އަހުލާޤީ ފެންވަރު ދަށް ބައެއް ކަމަށެވެ. އަދި އެކަމަށް އެމްޑީޕީއިން ހިތްވަރުދިނުމަކީ ހަމަ ޔަގީނުންވެސް އެޕާޓީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމަށް މެމްބަރު ވިދާޅުވިއެވެ.
"އެކަން އެމްޑީޕީއިން ކުށްވެރިކުރި ނަމަ އަޅުގަނޑު ބުނާނަން ސިޔާސީ ޕާޓީއެއްގެ ރޯލު ސިޔާސީ ޕާޓީއަކުން އަދާކޮށްފިއޭ. އޭނަ ދިފާއުކޮށް އެއީ ރަނގަޅު ކަމެއް ކަމަށް މުޖްތަމަޢުއަށް ދައްކައިދިނީމަ މާދަމާ ވެރިކަމަށް އަންނަން މަސައްކަތްކުރާ ބަޔަކު ކުރަން ޖެހޭ ކަމެއް ނޫން އެއީކީއެއް. އެޔެއް ނޫން ޒިންމާދާރު ކަމާއެކު އޮޕޮސިޝަންއެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހޭނެ ގޮތަކީ " - މެމްބަރު މުޞްތަފާ
މި ޢަމަލާ މެދު ވީހާ ވެސް އަވަހަކަށް ފިޔަވަޅު އެޅުމަށް ގޮވާލައްވަމުން މުޞްތަފާ ވިދާޅުވީ މި ކުށަކީ ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުން ކުށްވެރިކުރާނެ ކުށެއް ކަމަށެވެ.