ENGLISH

21 އޭޕްރީލު 2025

Advertisement

ނަވާރަ ރަށެއްގެ ސްކޫލުތަކުގެ މަސައްކަތް ނިންމަން، ސަރުކާރު ހިއްސާވާ ތިން ކުންފުންޏަކަށް

16 މާރިޗު 2025

|

ފަޒީލް ޢަބްދުލް ލަތީފު

19 ރަށެއްގެ ސްކޫލުތަކުގައި ނުނިމިހުރި މަސައްކަތްތައް ނިންމަން ސަރުކާރު ހިއްސާވާ 3 ކުންފުންޏަކާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން__ފޮޓޯ: އެމްޓީސީސީ

މިއަދު އެޑިއުކޭޝަން މިނިސްޓްރީން 19 ރަށެއްގެ ސްކޫލުތަކުގައި ނުނިމިހުރި މަސައްކަތްތައް ނިންމަން ސަރުކާރު ހިއްސާވާ ތިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ތައުލީމީ ވުޒާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މަސައްކަތްތައް ޙަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އަދި ފެނަކަ ކޯޕަރޭޝަނާއެވެ.

މިގޮތުން ފެނަކަ ކޯޕަރޭޝަނާވަނީ 12 ރަށެއްގެ ސްކޫލުގެ މަސައްކަތް ހަވާލުކޮށްފައެވެ. އެރަށްތަކުގެ ތެރޭގައި ހދ.ވައިކަރަދޫ، ތ.ވޭމަންޑޫ، ފ.ބިލެއްދޫ އަދި ބ.ގޮއިދޫ ހިމެނެއެވެ.

އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ، ރ.އުނގޫފާރު، ހއ.އުލިގަމު، ކ.މާފުށި އަދި  ވ.ފުލިދޫގެ ސުކޫލުތަކުގައި ނުނިމިހުރި މަސައްކަތްތައް ނިންމުމަށެވެ. 

އާރްޑީސީއާ ހަވާލުކޮށްފައިވާ ދެ ސްކޫލަކީ ހއ.ފިއްލަދޫ އަދި ރ.ހުޅުދުއްފާރު ސްކޫލެވެ.

މި އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢުއެވެ. އެމްޓީސީސީން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީއެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙްއެވެ. އަދި އާރްޑީސީން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ރިޓަޔާޑް ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާރޑް އަލީ ޒުހައިރެވެ.

ނިމިދިޔަ ސަރުކާރުގައި މަސައްކަތްތައް ބަޖެޓްކޮށް ފަށާފައިވަނީ އެއްވެސް ކަހަލަ ރޭވުންތެރިކަމެއް ނެތިއެވެ. ނުނިމި، ނިންމާނެ ގޮތެއްވެސް ރޭވިފަ ނުވާ ކިތަންމެ މަޝްރޫއެއް މިސަރުކާރަށް ވާރުތަވިއެވެ.

 ރައީސް ޑރ.މުޢިއްޒުގެ އެންމެ ފަހުން ރާއްޖޭގެ އެކި ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި، މިގޮތަށް ނުނިމިހުރި މަސައްކަތްތައް އަވަސް މުސްތަގުބަލެއްގައި ފެށިގެންދާނެކަން އިއުލާނުކުރައްވާފައިވެއެވެ. އަދި ނިމިދިޔަ ސަރުކާރުން ފެށި މަސައްކަތްތައް ކުރިޔަށްނުދާ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ރައީސް ފާހަގަ ކުރައްވާފައިކަމަކީ، ކަމަށް އެކަށީގެންނުވާ ކުންފުނިތަކާ މަސައްކަތް ހަވާލުކުރުމެވެ. އަދި މަސައްކަތްތައް މެދުނުކެނޑި ކުރިޔަށް ގެންދިއުމަށްޓަކާ، ނުނިމިހުރި މަސައްކަތްތައް މިހާރުވެސް އެރަށެއްގަ އެކި މަސައްކަތްތަކުގައި ގާއިމުވެތިބި ސަރުކާރު ކުންފުނިތަކާ ހަވާލުކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން ގެންދަނީ ކަންކަން ތަރުތީބުކުރަމުން، ކުރީ ސަރުކާރުން ފެށުމަށްފަހު ކުރިއަށްނުގޮސް މަޑުޖެހިފައި ހުރި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދެވޭނެ ގޮތްތައް ފަހިކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު