ENGLISH

21 އޭޕްރީލު 2025

Advertisement

ޖާހުގެ އެއްބަސްވުން އުވާލާ، ތަން ހަވާލުކުރުމަށް އެކުންފުންޏަށް އެޗްޑީސީން އަންގައިފި

16 މާރިޗު 2025

|

ފަޒީލް ޢަބްދުލް ލަތީފު

"ދަ ގާޑަންސް" ގެ ނަމުގައި 2017 ވަނަ އަހަރުން ފެށިގެން ޖާހު އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ބިނާކުރަމުން އަންނަ ފްލެޓްތައް ނިންމުމަށް އެތައް ފުރުސަތެެއް ދިނުމަށްފަހު އެންމެފަހުން އެގްރީމެންޓް ބާތިލުކޮށް، ތަން ހަވާލުކުރަން މިއަދު އެޗްޑީސީން އެކުންފުންޏަށް އަންގައިފިއެވެ.

ޖާހް އިންވެސްޓްމެންޓްގެ ފަރާތުން ހުޅުމާލޭގައި 2017 އިން ފެށިގެން އިމާރާތް ކުރަމުންދާ "ދަ ގާޑެންސް" ފްލެޓތަކުގެ ވެބްސައިޓް

މަސައްކަތް ފެށިތާ 7 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މި އެޕާޓްމެންޓުތައް ނިންމުމަށް އެންމެފަހުން ދިން މުއްދަތަކީ މިއަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހެވެ. މިކަމާ ގުޅިގެން އެޗްޑީސީން ނެރުނު ބަޔާނުގައި ބުނީ އެކުންފުނިން ޖާހުއަށް ދިން އެންމެ ފަހުގެ ގާނޫނީ ނޯޓިސްގެ މުއްދަތު ހަމަވިއިރުވެސް މަސައްކަތް ނިންމާފައިނުވުމުގެ ސަބަބުން އެއްބަސްވުން ބާތިލުކޮށް ތަން ހަވާލުކުރަން މިހާރު އަންގާފައިވާނެކަމަށެވެ.

މިފިޔަވަޅު އަޅަން ނިންމީ، ވީއެންމެ އަވަަކަށް އެ ތަނުން އެޕާޓްމަންޓު ގަންނަން ފައިސާ ދައްކާފައިވާ މީހުންނަށް އެޕާޓްމަންޓުތައް ހަވާލުކުރަން މަގުފަހި ކުރުމަށްކަމަށް އެޗްޑީސީގެ ބަޔާނުގައި ބުނެފައިވެއެވެ.. އަދި، އެއްބަސްވުން ބާތިލުކުރުމަށް ފަހު، ޕްރޮޖެކްޓުގެ މަސައްކަތް ނިންމުމުގެ ކަންކަން ރޭވިފައިވާ ގޮތުގެ މައުލޫމާތު މި ޕްރޮޖެކްޓުން އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކާ ހިއްސާކުރާނެ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޖާހުގެ ފްލެޓުތައް ނުނިމި ލަސްވާ މައްސަލަ ހައްލުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިދިޔަ ޖެނުއަރީ މަހު، އެ މައްސަލައިގައި ހިމެނޭ މީހުން ތަމްސީލުކުރާ ލޯ ފާމް، ޝުނާނާ އެންޑް ކޯ އިން ވަނީ ސިޓީއެއް ފޮނުވާފައެވެ. މި ސިޓީގައި އެޗްޑީސީން ރިއަލް އެސްޓޭޓް ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ކުންފުނިތަކުންވާ އިހުމާލުތަކުގެ ސަބަބުން އެތައް ބަޔަކަށް ގެއްލުންތައް ލިބެމުންދާކަން ފާހަގަކޮށްފައިވެއެވެ. 

ހުޅުމާލޭގައި ކުރިއަށްގެންދާ މިފަދަ އެކިއެކި މަޝްރޫއުތަކުގެ އެއްބަސްވުމާއި ހިލާފަށް އަމަލުކުރާ ފަރާތްތަކާއި މެދުގައި އެޗްޑީސީން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެކަމުގައި އެކުންފުނިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު