ENGLISH

21 އޭޕްރީލު 2025

Advertisement

އެމްޑީޕީން ރައީސްގެ ދަރިކަލުންގެ ކަަރާމަތަށް އަރައިގަތުން ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ކުށްވެރިކޮށްފި

16 މާރިޗު 2025

|

ޝިފްޒާން އަޙްމަދު

ޗިލްޑްރެންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގު، ފޮޓޯ: މިހާރު

އިދިކޮޅު އެމްޑީޕީން ސިލްސިލާ ގޮތެއްގައި މާލޭގައި ބާއްވަމުން އަންނަ އިހުތިޖާޖުތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދަރިކަލުންނާ ގުޅުވައިގެން ދޮގު ވާހަކަތަކެއް ފަތުރައި އެބޭފުޅާގެ ކަރާމަތަށް އުނިކަން ލިބޭ ގޮތަށް ހިންގަމުންދާ އަމަލުތައް ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ އޮފީހުން ކުށްވެރިކޮށްފިއެވެ. 

އެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޤާނޫނުއަސާސީގެ ދެވަނަ ބާބުގެ 35 ވަނަ މާއްދާގައި ކުޑަކުދިންނަކީ އާއިލާގެ ފަރާތުންނާއި، ޖަމާއަތުގެ ފަރުދުންނާއި ދައުލަތުގެ ފަރާތުން ހާއްސަ ރައްކާތެރިކަން ލިބެންޖެހޭ ބައެއްކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. 

އަދި ޤާނޫނުއަސާސީގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިއްބައިދީފައި އޮތް ނަމަވެސް އެ ހައްގު ބޭނުންކުރުމުގައި އެހެން އެއްވެސް ފަރާތެއްގެ ހައްގަކަށް ނުވަތަ ކަރާމާތަށް އުނިކަމެއް ނާންނާނެކަން ކަށަވަރުކުރުމައި، މި ހައްގު ބޭނުންކުރުމުގައި ދިވެހިރާއްޖޭގައި ތަސްދީގުކޮށް އަމަލުކުރަމުންދާ ގަނޫނުތަކުގެ ތެރަހައިގެ ތެރެއިން އަމަލުކުރުމަކީ ދިވެހި މުޖުތަމައުގެ ހުރިހާ ފަރުދުންގެ މައްޗަށް ލާޒިމުކަމެއްކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. 

އިތުރަށް އެ ބަޔާނުގައި ބުނެފައިވަނީ ގާނޫނުއަސާސީއާއި ކުޑަކުދިންގެ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއަށް ރިއާޔަތްކޮށް އެކުލަވައިލާފައިވާ ކުޑަަަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް ބަލާއިރު، ދިވެހިރާއްޖޭގައި ކުޑަކުދިންނަށް ލިބިގެންވާ ހައްގުތަކާއި، އެ ކުދިންނާ މަތިކުރެވިފައިވާ ޒިންމާތަކާއި، ކުޑަކުދިންނާ ގުޅޭ ގޮތުން މައިންބަފައިންނާއި، ބެލެނިވެރިންނާއި، އާއިލާއާއި، މުޖުތަމައާއި، ދައުލަތާއި އެހެނިހެން ފަރާތްތަކުގެ މައްޗަށް އޮތް ޒިންމާތަކާއި ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އުސޫލުތައް ކަނޑައަޅާފައިވާކަމަށެވެ. 

އަދި ގާނޫނުއަސާސީގެ 33 ވަނ މާއްދާގެ ދަށުން އެމީހެއްގެ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ހައްގު ކޮންމެ މީހަކަށް ލިބިފައިވާއިރު، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސިޔާސީ ޕާޓީއަކުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ އެއްވުމެއްގެ ތެރެއިން ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަތުވެދާނެފަދަ ގޮތަކަށް ވާހަކަދެއްކުމާއި އަދި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިޔާއަކުން އެމަންޒަރާއި އަޑު ދައްކާފައިވާތީ، އެކަން އޮމްބަޑްސްޕާސަންގެ އޮފީހުން ކުށްވެރިކޮށްފައިވެއެވެ. 

އެ އޮފީހުން ބުނެފައިވަނީ ކުޑަކުދިންނާމެދު ހިންގާ އެފަދަ އަމަލުތަކަކީ އެކަމުގެ ސަބަބުން އެކުދިންގެ އަމިއްލަ ނަފުސަށް ކުރާ އިތުބާރު ހީނަރުވެ، ނަފްސާނީ ގޮތުން އެކުދިންނަށް ބޮޑެތި ނޭދެވޭ އަސަރުތައް ތަހައްމަލުކުރަންޖެހޭ ފަދަ ކަންކަން ކަމުގައެވެ. 

އަދި ކުޑަކުދިންގެ ކަރާމަތާއި މަސްލަހަތަށް އުނިކަން ލިބިދާނެ އެފަދަ އަމަލުތައް ނުކުރުމަށާއި، ގާނޫނުއަސާސީއާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، ކުޑަކުދިންގެ ހައްގުތަކާއި ބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކުޑަކުދިންނަށް ލިބިދޭންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ އެންމެހާ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ހުރިހާ ފަރާތްތަކަށް އެ އޮފީހުން އިލްތިމާސްކުރިއެވެ. 

އޮމްބަޑްސްޕާސަންގެ އޮފީހުން ދިވެހި މުޖުތަމައަށާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކޮށްފައިވަނީ ކުޑަކުދިންނަށް ލިބެންޖެހޭ ހިމާޔަތާއި ރައްކާތެރިކަމާއި އަޅައިލުން ފޯރުކޮށްދިނުމަކީ މުޅި މުޖުތަމައަށް ލާޒިމުކަމަށްވާތީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާއާ ހިލާފަށް، އެކުދިންގެ މަސްލަހަތަށް ބެލުމެއްނެތި ކުރެވޭ މިފަދަ އަމަލުތައް ތަކުރާރުވިޔަނުދިނުމަށެވެ. 

ކިޔުންތެރިންގެ ހިޔާލު