ENGLISH

21 އޭޕްރީލު 2025

Advertisement

ސީލައިފަށް އެއްވެސް ބަދަލެއް ދޭކަށް ނުޖެހޭނެ، އެއްބަސްވުން ބާތިލުކުރީ ރަނގަޅަށް: ސިވިލް ކޯޓް

16 މާރިޗު 2025

|

ފަޒީލް ޢަބްދުލް ލަތީފު

އެޗްޑީސީ އޮފީސް--ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި 3،000 އެޕާޓްމެންޓު ޔުނިޓު ތަރައްގީ ކުރުމަށް ސީލައިފާއެކު ވެފައިވާ އެއްބަސްވުން، އެޗްޑީސީން ބާތިލުކުރީ ރަނގަޅަށްކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި އެއްބަސްވުމުގައި އެޗްޑީސީ އާއި ސީލައިފާ ދެމެދު ސޮއެ ކުރެވުނީ 2014 ވަނަ އަހަރުގައެވެ. ނަމަވެސް ސީލައިފުން އެތަކެއް ފަހަރު އެގްރީމެންޓާ ހިލާފުވެ، މަސައްކަތް ކުރިޔަށް ނުގެންގޮސް، ލިޔެކިޔުންތައް  ފޯޖުކޮށް، ޕާފޮމެންސް ގެރެންޓީއެެއް ހުށަހަޅާ، އޮޅުވާލައިގެން އެތައް ބައެއްގެއަތުން ފައިސާ ނަގާފައިވާތީ، އެޗްޑީސީއިން ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު މި އެއްބަސްވުން ބާތިލު ކޮށްފައެވެ.

އެޕާޓްމެންޓް ވިއްކުމުގެ ނަމުގަ ސީލައިފުން އެދުވަސްވަރު އާއްމުކޮށްފައިވާ ކުރެހުމެއް.

އެއްބަސްވުން ބާތިލު ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި، އަދި އެއްބަސްވުން ބާތިލު ކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް އެޗްޑީސީގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ސީލައިފުން، އެޗްޑީސީއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.

މި މައްސަލާގައި ސިވިލް ކޯޓުން މިއަދު ވަނީ، ސީލައިފާއި އެޗްޑީސީއާދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކޮށްފައިވަނީ ރަނގަޅަށް ކަމުގައި ކަނޑައަޅާ އަދި އެޗްޑީސީން ސީލައިފަށް މިކަމާއި ގުޅިގެން އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމަށްވެސް ކަނޑައަޅާފައެވެ.

ސީލައިފުން ވަނީ ފްލެޓް ވިއްކުމުގެ ނަމުގަ އެތައްސަތޭކަ ބަޔެއްގެ ފައިސާއަށް ހިޔާނާތްތެރިވެފައެވެ. ފްލެޓް ނުލިބި އަދި ފްލެޓް ގަތުމަށްދިން ފައިސާ އަނބުރާ ދީފައިނުވާތީ 200 އަށްވުރެ ގިނަ މީހުން ވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓްގައި ދަޢުވާކޮށްފައެވެ.

ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި 3000 ފްލެޓް އެޅުމަށް ސީލައިފްއާއި ހަވާލުކޮށްފައިވަނީ އެވަރުގެ މަޝްރޫއެއް ހިންގުމުގެ ޤާބިލުކަން އެ ކުންފުނީގައި ނެތްކަން އެނގިތިބެކަން އެޗްޑީސީން އެކުލަވާލާފައިވާ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ސީލައިފް ޕްރޮޖެކްޓުގެ އިތުރުން، ހުޅުމާލޭގައި ކުރިއަށް ގެންދާ މިފަދަ އެކިއެކި މަޝްރޫއުތަކުގެ އެއްބަސްވުމާއި ހިލާފަށް އަމަލުކުރާ ފަރާތްތަކާއި މެދުގައި އެޗްޑީސީން އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެކަމުގައި އެކުންފުނިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު