ENGLISH

21 އޭޕްރީލު 2025

Advertisement

ކަރަންޓު ނުއުފެއްދިގެން މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިގެން ނުދާނެ: ފަހުމީ

16 މާރިޗު 2025

|

އާމިނަތު މައިހާ

ފޮޓޯ: ސްޓެލްކޯ

މި އަހަރުގެ ޕީކް ސީޒަނާ ދިމާކޮށް މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިގެން ނުދާނެކަމުގެ ޔަޤީންކަން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. އެމްޑީ މިފަދައިން ވިދާޅުވީ އިންޖީނުގެ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ފަހުމީ ވިދާޅުވީ އެހެން އަހަރުތަކާ އަޅާބަލާއިރު މިއަހަރުގެ ރަމަޟާން މަހު، ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެކަމަށް ލަފާނުކުރެވޭކަމަށެވެ. އަދި މި ރޯދަމަހު ސްކޫލްތައް ބަންދުވުމާއި، ފަހު ދިހައެއްގައި އޮފީސްތައް ބަންދުވާތީ މި އަހަރުގެ ޕީކް ރޯދަމަހު ނުފެށުނު ކަމުގައިވި ނަމަވެސް، މި ރޯދަމަސް ނިމިގެން ހޫނު މޫސުމާއެކު ޕީކް ސީޒަން ފެށޭނެކަމަށް ވެސް ވިދާޅުވިއެވެ.

އެމްޑީ އިތުރަށް ވިދާޅުވީ މި މަސައްކަތް ފެއްޓެވި ހިސާބުން ރައީސުލްޖުމަހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު  ވަރަށް ގާތުން އެމަސައްކަތްތައް ބައްލަވަމުންގެންދަަވާ ކަމަށެވެ. އެގޮތުން އިންޖީނުތައް ގެނައުމާއި، ކުރި ހުރިހާ މަސައްކަތެއް ވަރަށް ގާތުން އެމަނިކުފާނު ބައްލަވާފައިވާ ކަމަށް އެމްޑީ ފާހަގަކުރެއްވިއެވެ.

ސްޓެލްކޯއިން ބުނީ މި ޚިދުމަތަކީ ޓެކްނިކަލް ޚިދުމަތެއްކަމަށާއި، އެހެންކަމުން އިންޖީނަކަށް ދިމާވާ މައްސަލައެއްގެ ސަބަބުން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮތް ނަމަވެސް އެފަދަ ހާލަތެއްގައި ވީއެންމެ އަވަހަކަށް އަލުން ޚިދުމަތްދޭން ސްޓެލްކޯގެ މުވައްޒަފުން ތައްޔާރަށް ތިބޭނެކަމަށެވެ.

ޕީކް ސީޒަނާ ދިމާކޮށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމުގައި ބެލެވޭތީ، ހުޅުމާލޭގައި ގާއިމުކުރި ބެކަޕް އިންޖީނު މިހާރުވަނީ ހުޅުވާފައެވެ. އެ ކުންފުނިން ބުނީ މި އިންޖީނު ތަރައްގީކޮށްފަވަނީ މުވައްޒަފުންގެ ބުރަ މަސައްކަތާއި އެކު 10 ދުވަހުގެ ތެރޭގައިކަމަށެވެ. 

ސްޓެލްކޯއިން ބުނީ މިއަހަރުގެ ޕީކް ހޭންޑްލިންގއަށާއި، ގްރޭޓާ މާލޭ ޕަވަރ ބެކަޕްގެ ގޮތުގައި ތަރައްގީކުރި ސްޓެލްކޯ ހުޅުމާލެ އެނެކްސް 2 އިންޖީނުގެ ރޭ ރަސްމީކޮށް ހުޅުވާފައިވާކަމަށެވެ. ހުޅުވާފައިވަނީ 48000 އަކަފޫޓުގެ ބިމެއްގައި ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

މި އިންޖީނުގޭގައި 1.6 މެގަވޮޓްގެ 12 ޖަނަރޭޓަރު ސެޓް ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށް ވެސް ބުނެފައިވެއެވެ. މިކަމުގެ ސަބަބުން ގްރޭޓާ މާލޭ ގްރިޑްގެ ޔަޤީންކަން އިތުރަށް މިވަނީ ކަށަވަރު ކުރެވިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު