ENGLISH
21 އޭޕްރީލު 2025
އައިޑީބީގެ ލޯނުގައި މިފްކޯގެ ގާބިލުކަން އިތުރުކުރަން ބޮޑު މަޝްރޫއެއް ފަށަނީ
16 މާރިޗު 2025
|
މިފްކޯ މަސްފިހާރަ، ފޮޓޯ: މިހާރު
އިސްލާމިކް ޑިވެލޮޕްމެންޓު ބޭންކުން 64.65 މިލިއަން އެމެރިކާ ޑޮލަރު ނަގައިގެން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ ގާބިލުކަން ވަރުގަދަކުރުމުގެ މަޝްރޫއެއް ހިންގުމަށް ނިންމައި އެކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން އިއުލާނުކޮށްފިއެވެ.
މި މަޝްރޫއުގައި 7 ބައެއް ހިމެނޭނެ ކަމުގައި މިފްކޯއިން މިއަދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި ޕްރޮކިއުމެންޓް ނޯޓިސްގައި ބުނެފައިވެއެވެ. އެ ކުންފުނިން ބުނި ގޮތުގައި އެ މަޝްރޫއުގައި ހިމެނޭ ހަތް ބަޔަކީ:
1- ރާއްޖޭގައި ފިނިކޮށް މަސް ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން އިހަވަންދޫގައި ގަނޑުކޮށް 1،000 މެޓްރިކްޓަން އަދި ލޮނުގައި ފިނިކޮށްގެން 50 މެޓްރިކްޓަނުގެ މަސް ރައްކާކުރެވޭނެ ގާބިލުކަން ގާއިމުކުރުމާއި، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި 500 މެޓްރިކްޓަަނުގެ މަސް ގަނޑުކޮށްގެން ރައްކާކޮށް، ލޮނުގައި ފިނިކޮށްގެން 50 މެޓްރިކްޓަނުގެ މަސް ރައްކާކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުން.
2- މަސް ބަންދުކުރުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން ކަނޑުއޮތްގިރީގައި 35 މެޓްރިކްޓަނުގެ މަސް ޕްރޮސެސްކޮށް ބަންދުކުރެވޭ ޔުނިޓެއް ގާއިމުކޮށް، އެ ރަށުގައި ހަކަތަ އުފެއްދުމުގެ ގާބިލުކަން އިތުރުކުރުމާއި، ފެލިވަރުގައި މުވައްޒަފުން ދިރިއުޅުމަށް 250 ޔުނިޓު އަދި ކޫއްޑޫގައި 100 ޔުނިޓު ގާއިމުކޮށް ބައިނަލްއަގުވާމީ މިންގަނޑުތަކަށް މުވައްޒަފުންގެ ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުން.
3- މަސްވެރިކަމުގެ ސިނާއަތުގެ ގާބިލުކަން އިތުރުކުރުމަށް މިފްކޯގެ މުވައްޒަފުން ތަމްރީނުކުރުމާއި މަސްވެރިންގެ ހޭލުންތެރިކަން އިތުރުކުރުމާއި، ދިހަ އަހަރުގެ ވިޔަފާރީގެ ޕްލޭނެއް އެކުލަވައިލުމާއި، އެންޓަޕްރައިޒް ރިސޯސް ޕްލޭނިން ނިޒާމެއް ތަންފީޒުކުރުން.
4- މަޝްރޫއު ހިންގުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޭނުންވާ ލަފާދިނުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމާއި، ހާއްސަ ޕްރޮޖެކްޓު މެނޭޖުމެންޓު ސެޕެޝަލިސްޓެއް މަޝްރޫއު ތަންފީޒުކުރުމުގެ ކަންކަން އިންތިޒާމުކޮށް ތަންފީޒުކުރުމަށް އައްޔަންކުރުން.
5- ދިވެހިރާއްޖޭގެ އޮޑިޓާ ޖެނެރަލްގެ އޮފީހުން މި މަޝްރޫއުގެ އޮޑިޓުތައް ހަންދަމުން ގެންދިއުން.
6- ކާރިސާތަކުން ކުރިމަތިވެދާނެ ކަންކަމާ ގުޅިގެން ކުރިމަތިވާ މާލީ މައްސަލަތައް ހައްލުކުރުމަށް ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ހާއްސަ ޕްލޭނެއް އެކުލަވައިލުން.
7- އަގުތައް އުފުލޭ ހާލަތްތަކުގައި އަމަލުކުރާނެ ގޮތާއި، އަންދާޒާކުރެވިފައިނުވާ އަގު އިތުރުވުންތަކާމެދު އަމަލުކުރާނެ ގޮތްތަކެއް ނިންމާފައި އޮތުން.
މި މަޝްރޫއުގެ ދަށުން ހޯދަންޖެހޭ މުދަލުގެ ތެރޭގައި މަސް ރައްކާކުރާ ވަސީލަތްތައް ތަރައްގީކުރުމަށާއި، މަސް ބަންދުކޮށް ޕްރޮސެސްކުރުމަށާއި، މިފްކޯގެ މަސައްކަތްތައް ބުރޫނާރާނެހެން ކުރިއަށްގެންދިއުމަށް ބޭނުންވާ އެންޓަޕްރައިޒް ރިސޯސް ޕްލޭނިން ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ތަކެތި ހިމެނެއެވެ.
އަދި މަޝްރޫއުގެ ތެރެއިން ކުރާނެ މަސައްކަތްތަކުގެ ތެރޭގައި އުމްރާނީ ވަސީލަތްތައް ގާއިމުކުރުން ހިމެނެއެވެ. އެއީ ގަނޑު މަހުގައި މަސް ރައްކާކުރެވޭނެ ނިޒާމުތަކާއި މަސް ބަންދުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި މުވައްޒަފުން ތިބޭ ތަންތަން ބިނާކުރުން ފަދަ މަސައްކަަތްތަކެވެ.