ENGLISH
21 އޭޕްރީލު 2025
ރައީސްގެ ދަރިކަލުންގެ ކަރާމާތަށް އަރައިގެން މައްސަލާގައި ދައުވާކޮށް ދިނުމަށް ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީން ގޮވާލައިފި
16 މާރިޗު 2025
|
ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ
އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުންގެ ކަރާމާތަށް އަރައިގެން މައްސަލާގައި އަޅަައިނުލައި ދޫނުކޮށްލުމުގެ ބަދަލުގައި ދައުވާކޮށް ހައްޤު އަދަބު ދިނުމަށް ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީން ގޮވާލައިފި އެވެ.
އެ ސޮސައިޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާތްވެގެންވާ އިސްލާމްދީނުގައި ވެސް ކުޑަކުދީންނަކީ ޚާއްސަ އޯގާތެރިކަމެއް ދޭން ޖެހޭ ބައެއް ކަމަށް ކަނޑައަޅާފައިވާއިރު އަދި ހަނގުރާމަތަކުގައި ވެސް ކުޑަކުދީން މަރާ ހެދުމަކީ ކުށެއްކަން ކަނޑައަޅާފައިވުމުން ހާމަކޮށްދެނީ ކުދީންގެ ކަރާމާތަށް ދީނުގައި ބާރުއަޅާފައިވާ މިންވަރު ކަމަށެވެ.
ނަމަވެސް މިހުރިހާ ކަމަކަށް ގޮންޖަހާ އެމްޑީޕީގެ މުޒާހަރާގައި ކުޑަކުއްޖެއްގެ ކަރާމާތަށް އަރައިގަނެ އެކުއްޖާއާ ގުޅޭގޮތުން ހަޤީޤަތާއި ޚިލާފު ވާހަކަތަކެއް ޢާންމު ތަނެއްގައި ފެތުރި ފެތުރުން އެ ޖަމިއްޔާއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
އަދި މިފަދަ ކަންކަމަކީ ސީރިއަސް ކުށެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށާ އެފަދަ ކަންކަމަކީ އަޅާނުލާ ދޫކޮށްލައިފިނަމަ މިހާރަށްވުރެ ބޮޑަށް މިފަދަ ކުށްތައް އާންމު ވެގެންދާނެ ފުރުސަތު އޮންނާނެ ކަމަށެވެ.
ސިޔާސީ ވާދަވެރިކަން ކިތަންމެ ބޮޑަށް އޮތް ނަމަވެސް އަދި ސިޔާސީ ގޮތުން އެއްބަޔަކު އަނެއްބަޔަކަށް ކިތަންމެ ފާޑުކީ ނަމަވެސް އެއްވެސް ފަރާތަކުން ކުޑަކުދީންނާ ގުޅޭގޮތުން އެފަދަ ވާހަކައެއް ދައްކާ، ކުދީންގެ ހައްގާއި ކަރާމާތް ގެއްލުވާލުމަކީ އެއްވެސް މިންވަރަކަށް ތަހަންމަލު ކުރެވޭނެ އަދި ބަލަން ތިބެވޭނެ ކަމެއް ނޫން ކަމަށެވެ.
"މި މައްސަލާގައި މި ޖަމިއްޔާއިން ބަޔާން ނެރުނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުންނަށް އަމާޒުކޮށް ދެއްކި ވާހަކައަކަށް ވީތީއެއް ނޫން. އެހެން ނަމަވެސް އެބޭފުޅާއަކީ ވެސް ކުޑަކުއްޖެއް ކަމުގައިވެފައި އެބޭފުޅާގެ ވެސް ހައްޤަކާއި އަބުރަކާއި އިއްޒަތަކާއި އަދި ކަރާމާތެއް ވާނެތީ،" ބަޔާނުގައި ބުނެފައިވެއެވެ.
އެފަދަ ހަޤީޤަތެއް ނެތް ވާހަކަ ދެއްކުުމުގެ ސަބަބުން ނަފްސާނީ ގޮތުން މި ހާދިސާ ރައްދުވާ ކުއްޖާއާ އެކުއްޖާގެ އާއިލާއަށް ވަރަށް ބޮޑަށް އަސަރު ކުރާނެ ކަމަށާ ވީއިރު ސިޔާސީ ބޭނުމެއްގައި ކުށެއްނެތް މައުސޫމް ކުއްޖެއްގެ އަބުރު ކަތިލާ ކަރާމާތް ގެއްލުވާލިކަމުގެ ކުށުގެ ދައުވާ އިން މަންދި ޒުބައިރުގެ މައްޗަށް ދައުވާ އުފުލާ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ގޮވާލާ ކަމަށެވެ.
އެ ޖަމިއްޔާ އިން ބުނީ އެ މައްސަލައަށް ތަދައްޚުލުވާނެ ކަމަށާ އެކަމަށް މިހާރު ތައްޔާރު ވަމުންއަންނަ ކަމަށެވެ.