ENGLISH

21 އޭޕްރީލު 2025

Advertisement

ކުނި މެނޭޖުކުރުމަށް ބިޔަ މަޝްރޫއުއެއް: 75 ރަށެއްގައި މެނޭޖުކުރާ މަރުކަޒު ގާއިމުކުރަން ހަވާލުކޮށްފި

16 މާރިޗު 2025

|

އަޙުމަދު ޙަމީދު

ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމާއި އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކުުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ އެންވަރަމެންޓް މިނިސްޓްރީ

75 ރަށެއްގައި ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމާއި އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ބޮޑު މަޝްރޫޢު ރަސްމީކޮށް ފަށާ އެ މަސައްކަތް ކުންފުނިތަކާއި ހަވާލުކޮށްފި އެވެ.

މިއީ މި ދާއިރާ އިން ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫއު އެވެ. މިރޭ ދަރުބާރުގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި 75 ރަށެއްގައި ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމާއި އަޕްގްރޭޑް ކުރުމުގެ މަސައްކަތް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ހަވާލުކޮށްފައި ވަނީ އެމް.ޓީ.ސީ.ސީ އާއި އާރު.ޑީ.ސީ އަދި ފެނަކަ ކޯޕަރޭޝަނާ އެވެ.

މި މަސައްކަތް ކުންފުނިތަކާ ހަވާލުކުރިއިރު މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެ ރަށަކާއި އެކަށޭނަ ކުނި މެނޭޖްކުރާނޭ ނިޒާމެއް ޤާއިމުކޮށްދެއްވާނެ ކަމަށް އިޢުލާނުކުރައްވާފައެވެ.

މި އަމާޒަށް ވާޞިލުވުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ކުރިއަށްގެންދާ "މަގޭ ސާފުރާއްޖެ ޕްރޮގްރާމް" ގެ ތެރެއިން މި ތިން ކުންފުންޏާއި ޙަވާލު ކުރެވިފައިމި ވަނީ 75 ރަށެއްގައި ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކުރުމާއި އަޕްގްރޭޑް ކުރުމުގެ ކޮންޓްރެކްޓްތަކެވެ.

އަދި މިދިޔަ ހަފުތާގެ ތެރޭގައި ސަރުކާރުން ވަނީ 34 ރަށެއްގައި ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާއި ޙަވާލުކޮށްފައެވެ.

ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމާއި އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކުުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ އެންވަރަމެންޓް މިނިސްޓްރީ

އެހެންކަމުން، މިއަދު ޙަވާލުކުރެވުނު 75 ރަށާއި އެކު ޖުމްލަ 109 ރަށެއްގައި ވޭސްޓް މެނޭޖްމަންޓް އިންފްރާސްޓްރަކްޗާ ޤާއިމުކުރުމުގެ ނުވަތަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިހާރު ވަނީ ހަވާލުކޮށްފަ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި މިޕްރޮގްރާމްގެ ތެރެއިން ކުނި މެނޭޖްކުރުމުގެ އިންފްރާސްޓްރަކްޗަރ ޤާއިމު ކުރެވޭ 109 ރަށުގެ އިތުރުން ބާކީ ހުރި ރަށްރަށުގައި ވަނީ މިފަދަ އިންސްޓްރަކްޗަރ ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި، އެ މިނިސްޓްރީން ޤަބޫލުކުރާ މިންގަނޑަށް ޤާއިމުކުރެވިފަ އެވެ. ނުވަތަ އެރަށްރަށަކީ ބޭރުގެ އެހީގައި މިނިސްޓްރީން ހިންގާ މަޝްރޫޢުތަކުގެ ތެރެއިން އެމަސައްކަތް މިހާރު ކުރެވެމުންދާ ރަށްރަށާއި ޕްރޮކިއުމަންޓް މަރުޙަލާގައި ހުރި ރަށްތައް ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ މިހާރުވެސް ރޭވިފައިވާ ގޮތަށް މަސައްކަތް ކުރިއަށް ގެންގޮސް، މިއަހަރު ފަހު ކުއާޓަރގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި މި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

އަދި ރަށްރަށުގައި ޤާއިމު މިކުރެވޭ ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒުތަކަށް ބޭނުންވާ އިކްވިޕްމަންޓާއި ކުނި އުފުލާނެ އުޅަނދުތައް ވެސް އެފަދަ ތަކެތި މިހާރު ފޯރުކޮށްދެވިފައި ނުވާ ރަށްރަށަށް މިއަހަރުގެ ތެރޭގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ އަތޮޅުތެރޭގެ ރަށްރަށަށް ރައީސް ކުރެއްވި ދަތުރުފުޅުތަކުގައި އެންމެ ގިނަ ރަށްރަށުން ކަންބޮޑުވުން ފާޅުކުރި އެއް ކަމަކީ ކުނި ކޮއްޓެއް ނެތުމާއި ކުނި މެނޭޖު ކުރެވޭނެ ގޮތެއް ނެތުން ކަމަށެވެ.

މިފަދަ ވަސީލަތްތައް ގާއިމު ކުރެވިގެން ދިއުމަކީ ތިމާވެށީގެ އިތުރުން ލޯކަލް ޓޫރިޒަމަށް ވެސް މުހިއްމު ކަމެއްކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު