ENGLISH

21 އޭޕްރީލު 2025

Advertisement

ދެ މަތިންދާބޯޓު ފައްތައި، ތާރީޚީ 'ކުޑަގިރި ދޫނިއާ ރެކް' ހުޅުވައިފި

15 މާރިޗު 2025

|

ޢަލީ ޝަހީމް

ކުޑަގިރި ޑައިވް ސައިޓަށް މަތިންދާބޯޓު ފައްތަނީ. ފޮޓޯ: އެޗްޑީސީ

ދަތުރު ދިއުމަށް ޚާއްޞަކޮށްފައިވާ ކ. ކުޑަގިރީގެ ފަޅުތެރޭގައި، އެއާ މޯލްޑިވްސްގެ ދުވަސްވަރު ބޭނުންކުރި ޑޯނިއާ 228 މަރުކާގެ ދެ ބޯޓު ފެއްތުމަށްފަހު، ޑައިވް ސައިޓަށް 'ކުޑަގިރި ދޫނިއާ ރެކް' ގެ ނަމުން ނަންދީ މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. 

ކުޑަގިރި ފަޅުތެރޭގައި ޑައިވް ސައިޓް ތަރައްްޤީކުރުމުގެ މަސައްކަތްކުރީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) އާއި އެޗްޑީސީގެ އިތުރުން އަދި އެމްޓީސީސީ ގުޅިގެންނެވެ. 

އެ ޑައިވް ސައިޓަށް ދެ މަތިންދާބޯޓު ފެއްތުމުގެ ތާރީޚީ އިވެންޓުގައި ފަތުރުވެރިކަމާއި، ތިމާވެއްޓާ ބެހޭ ވަޒީރު ތާރިޤު އިބްރާހީމާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު މައުރޫފް ޖަމީލު ވަނީ ބައިވެރިވަޑައިގެންފައެވެ. 

އެތަން ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެޗްޑީސީންނެވެ. އެކުންފުނިން ބުނީ 'ކުޑަގިރި ދޫނިއާ ރެކް' ގެ ނަމުން ނަންދިނީ ދިވެހި ބަހުގެ 'ދޫނި' ލަފްޒާއި ގުޅުވައިގެން ކަމަށެވެ. އެ ކުންފުނިން ބުނިގޮތުގައި 'އުދުހުން' ރަމްޒުވާގޮތަށް އެފަދަ ނަމެއް ދިނީ، އެ ސައިޓަކީ ރާއްޖޭގެ އޭވިއޭޝަން ތާރީޚުގައި މުހިއްމު ދައުރެއް އަދާކުރި ދެ މަތިންދާ ބޯޓު ފައްތައިގެން ތަރައްޤީކޮށްފައިވާ ސައިޓަކަށް ވާތީ ކަމަށެވެ. 

ފަޅުތެރެއަށް ފެއްތި ދެ މަތިންދާބޯޓާއެކު، އެ ސަރަޙައްދު ވެގެންދާނީ ރާއްޖޭގައި އޮންނަ ހަމައެކަނި އެއާކްރާފްޓް ރެކް ޑައިވް ސެންޓަރަށެވެ.

ބޯޓުތައް މިއަދު ފެއްތީ އެއްކޮށް ސާފުކުރުމަށްފަހު، އޮޔާއި ރާޅުން ދެ މަތިންދާބޯޓަށް އަންނަ ގުޑުން ކުޑަވާ ގޮތަށެވެ. އެގޮތުން، ފަޅުތެރޭގައި އޮންނައިރު މަތިންދާބޯޓުތައް ރައްކާތެރިކުރުމަށް ކޮންކްރީޓު ބަރުތަކެއް ހަރުކޮށްފައިވެއެވެ. 

އެތަނުގެ ޝައުގުވެރިކަން އިތުރުކުރުމަށް، އެޗްޑީސީން އެ ސައިޓުގައި މުރަކަ އިންދުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. 

ކިޔުންތެރިންގެ ހިޔާލު