ENGLISH
21 އޭޕްރީލު 2025
ފުލުހުންގެ 91 އަހަރުގެ ތާރީޚުގައި ހިންގޭ އެންމެ ބޮޑު އުމްރާނީ މަޝްރޫއު: 75 ރަށެއްގައި ފުލުސް މަރުކަޒު އަޅަން އެއްބަސްވުން ހަދައިފި
15 މާރިޗު 2025
|
ރައީސް ހއ. ތަކަންދޫ ޕޮލިސް ޕޯސްޓް ހުޅުވައި ދެއްވަނީ
ހަތްދިހަ ފަސް ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ބިނާކުރުމަށް ތިން ކުންފުންޏަކާ އެކު މިއަދު އެއްބަސްވުންތަކުގައި ސޮއިކޮށްފި އެވެ.
ފުލުހުންގެ ޚިދުމަތުގެ 91 އަހަރުގެ ތާރީޚުގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްޤީގެ މަޝްރޫޢު އަކީ މިއީ އެވެ. މި މަޝްރޫޢު އިފްތިތާޙު ކޮށްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ. އެ ދުވަހު ވަނީ އެ މަޝްރޫއުގެ ފަހުމުނާމާގައި ސޮއިކޮށްފަ އެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާ އިން މިއަދު ބުނީ އެ ދުވަހު ސޮއިކުރި ފަހުމުނާމާއާ އެއްގޮތަށް 75 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ބިނާކުރުމަށް ތިން ކުންފުންޏަކާ އެކު މިއަދު ވަކިވަކި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށެވެ.
މި މަސައްކަތްތައް ހަވާލުކުރީ ފެނަކަ ކޯޕަރޭޝަނާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއަށެވެ.
މި 75 މަޝްރޫއުގެ ތެރެއިން 40 މަޝްރޫޢު ހަވާލުކުރީ ފެނަކަ ކޯޕަރޭޝަނަށެވެ. ވިހި މަޝްރޫޢު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށެވެ. އަނެއް 15 މަޝްރޫޢު މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އަށެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާ އިން ބުނީ ނޮވެންބަރު 17, 2023 ގެ ނިޔަލަށް ފުލުހުންގެ އަމިއްލަ މަރުކަޒުތަކުގެ ގޮތުގައި ހުރީ އެންމެ 17 މަރުކަޒު ކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތް ޤާއިމު ނުކުރެވޭ 70 ރަށް އޮތް ކަމަށެވެ. މިހާ ކުރު މުއްދަތެއްގެ ތެރޭގައި މި ދާއިރާ އިން ހޯދޭ މި ބޮޑު ކާމިޔާބީއާއި ކުރިއެރުމަކީ ގައުމުގައި އަމާންކަން ޤާއިމު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްސަ ސަމާލު ކަން ހާމަވާ ކަމެއް ކަަމަށެވެ.