ENGLISH

13 ޖުލައި 2025

Advertisement

މިސްކިތްތަކާއި އިސްލާމީ މަރުކަޒާއި ޤުރުއާނާބެހޭ މަރުކަޒު ބިނާކުރުމުގެ 15 މަޝްރޫއުއެއް ފަށަން އެއްބަސްވުމުގައިސޮއިކޮށްފި

15 މާރިޗު 2025

|

އަޙުމަދު ޙަމީދު

މިސްކިތްތައް ބިނާކުރުމާއި އިސްލާމީ މަރުކަޒާއި ޤުރުއާނާބެހޭ މަރުކަޒު ބިނާކުރުމުގެ މަޝްރޫއުތައް ފެށުން

މިސްކިތްތައް ބިނާކުރުމާއި އިސްލާމީ މަރުކަޒާއި ޤުރުއާނާބެހޭ މަރުކަޒު ބިނާކުރުމުގެ 15 މަޝްރޫއުއެއް ފަށަން އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އިސްލާމީ މަރުކަޒު ހޯލުގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ޤުރުއާނާބެހޭ މަރުކަޒުގެ ދެ ގޮފި އިމާރާތްކުރުމަށް އެއްބަސްވުމުގައި ސޮއި ކުރުމާއި އިސްލާމީ މަރުކަޒެއް އިމާރާތްކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ އިތުރުން 11 މިސްކިތެއް އިމާރާތްކުރުމަށް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.

މި މަޝްރޫޢުތަކުގެ ތެރެއިން 11 މަޝްރޫޢު ހަވާލުކޮށްފައިވަނީ ފެނެކަ ކޯޕަރޭޝަނަށެވެ. އަނެއް ތިން މަޝްރޫއު ހަވާލުކޮށްފައި ވަނީ އެމްޓީސީސީ އަށެވެ.

މި މަޝްރޫއުތަކުގެ ތެރެއިން އިމާރާތް ކުރާ ހުރިހާ މިސްކިތްތަކަކީ ސަރުކާރުގެ ޚަރަދުގައި އަޅާ މިސްކިތްތަކެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން އިމާރާތް ކުރާ ޤުރުއާނާ ބެހޭ މަރުކަޒުތަކުގައި ތިން ކުލާސް ރޫމާއި ލައިބްރަރީ އަދި ހޯލު ހިމެނޭނެ އެވެ. އަދި އިސްލާމީ މަރުކަޒުގައި ނަމާދު ކުރާ ބައިގެ އިތުރުން ޖަލްސާކުރާ ހޯލާއި ލައިބްރަރީ އާއި ކުލާސް ރޫމް ހިމެނޭނެ އެވެ.

މިސްކިތްތަކުގައި ސޯލާއާ އޭސީ ހަރުކޮށް ވިނައިލް ފްލޯރިންގ އަޅާނެ އެވެ. އަދި ޤުރުއާން ކިޔަވައިދޭ ކުލާހެއް މިސްކިތުގައި ހެދޭނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ މިއަދު ހަވާލު ކުރެވުނު މަޝްރޫޢުތައް ކުރިއަށް އޮތް ދޮޅު އަހަރެއް، ނުވަތަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ. މިނިސްޓަރު ވަނީ އިސްލާމީ ދާއިރާ އިން މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ސަމާލުކަން ފާހަގަ ކުރައްވާފަ އެވެ.

މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރެއިން ތ. ހިރިލަންދޫ އާއި ސ. ފޭދޫ އާއި ނ. ހެނބަދޫ އާއި ތ. ވޭމަންޑޫ އާއި ރ. އިނގުރައިދޫ އާއި ހދ. ނެއްލައިދޫ އާއި ބ. ކުޑަރިކިއްޔާއި ހއ. ބާރަށާއި ބ. މާޅޮހާއި އއ. ފެރިދޫގައި އިމާރާތް ކުރަނީ 500 މީހުންގެ ޖާގައިގެ ތަނަވަސް މިސްކިތްތަކެކެވެ. ށ. ނޫމަރާގައި 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފި އިމާރާތް ކުރަނީ ލ. މާބައިދޫ އާއި ޅ. އޮޅުވެލިފުށީގަ އެެވެ. އިސްލާމީ މަރުކަޒު ބިނާކުރަނީ ށ. ފޯކައިދޫގަ އެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި މި މަޝްރޫއުތައް ހަވާާލުކުުރުމުގެ އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރޓޑ) މުހައްމަދު ނަޖާހު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރޓޑ) އަޙުމަދު ސައުދީ އެވެ.

ކިޔުންތެރިންގެ ހިޔާލު