ENGLISH

21 އޭޕްރީލު 2025

Advertisement

އެމްޑީޕީގެ ވާހަކަތަކުގެ ސަބަބުން ދަރިފުޅުގެ ރައްކާތެރިކަން ކަށަވަރުނުވާ ވަރުގެ ކަންތަކަކަށް މަގުފަހިވޭ: ރައީސްގެ އާއިލާ

15 މާރިޗު 2025

|

އުމްނާ އިސްމާޢީލް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، ފޮޓޯ: ރައީސް އޮފީސް

އިދިކޮޅު އެމްޑީޕީން ސަރުކާރާ ދެކޮޅަށް މާލޭގައި ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާއެއްގައި ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނަށް އަމާޒުކޮށް ދެއްކި ވާހަކަތަކުގެ ސަބަބުން  " އޭނާގެ މުޅި މުސްތަގްބަލަށް ނޭދެވޭ އަސަރުތަކެއްކޮށް، އޭނާގެ ރައްކާތެރިކަން ކަށަވަރުނުވާވަރުގެ ކަންތަކަކަށް މަގުފަހިވެދާނޭފަދަ ފުރުޞަތުތައް " ހުޅުވިގެން ގޮސްފައިވާ ކަމަށް އެމަނިކުފާނުގެ އާއިލާއިން ވިދާޅުވެއްޖެ އެވެ.

ރައީސްގެ ދަރިކަލުންނާ ގުޅުވައިގެން އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކުގެ އިތުރުން ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނާނެ ގޮތަށް މަރިޔަމް ޒުބައިރު ދެއްކި ވާހަކަ ދިފާއުކޮށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ކުރި ޕޯސްޓަކާއި ގުޅިގެން އެމަނިކުފާނުގެ އާއިލާއިން ވަނީ ގާނޫނީ ފިޔަވަޅު އެޅުމަށް ނިންމަވާފަ އެވެ.

މިކަން ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސްގެ އާއިލާގެ ފަރާތުން ނެރުއްވި ނޫސްބަޔާނެއް އާއްމުކޮށްފައިވެ އެވެ. 

އެމްޑީޕީން ތުހުމަތުކުރާ ގޮތަށް، ރައީސް މުއިއްޒުގެ ދަރިކަލުންނަކީ ވޭޕް ނުވަތަ ދުންފަތުގެ އިސްތިޢުމާލުވެސް އެއްވެސް ގޮތަކަށް ކުރާ ނޫނީ ކޮށްފައިވާ ކުއްޖެއްނޫންކަމުގެ ޔަގީންކަން އަރުވަމުން ރައީސްގެ އާއިލާއިން ވިދާޅުވީ މިގޮތަށް އިދިކޮޅުން ދައްކަމުންދާ ވާހަކަތަކަކަކީ ދަރިކަލުންގެ ތައުލީމީ ހަޔާތަށާއި އިޖްތިމާއީ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުތަކެއް ކުރާނޭފަދަ ވާހަކަތަކެއް ކަމަށެވެ.  އަދި އެކަންތައްތަކުގެ ސަބަބުން އޭނާގެ މުޅި މުސްތަގްބަލަށް ނޭދެވޭ އަސަރުތަކެއްކޮށް، އޭނާގެ ރައްކާތެރިކަން ކަށަވަރުނުވާވަރުގެ ކަންތަކަކަށް މަގުފަހިވެދާނޭފަދަ ފުރުސަތުތައް ހުޅުވިގެންގޮސްފައިވާކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެ އެވެ.

"އެންމެ މުހިންމު ކަމެއްގެ ގޮތުގައި، އޭނާގެ ބައްޕަ އަދި އަޅުގަނޑުގެ ސިޔާސީ ނިންމުންތަކުގައި އެއްވެސް ބައިވެރިވުމެއް ނެތް އެއްވެސް ބާރުވެރިކަމެއްވެސް ނެތް، މަންމައާއި ބައްޕަގެ ބެލެނިވެރިކަމުގެ ދަށުގައި ހެދިބޮޑުވަމުން އަންނަ ކިޔަވާ ކުއްޖެކެވެ. މީގެ އިތުރުން، އަޅުގަނޑުގެ އެންމެ ދޮށީ ދަރިފުޅާއި، 8 އަހަރުގެ ހަގު ދަރިފުޅަށް ގަނާ (bully) ކުރުމާއި ފުރައްސާރަ (harass) ކުރުމުގެ މަސައްކަތްތަކެއް އިސްވެދެންނެވި ފަރާތްތަކުން މިހާރު ފަށާފައިވާކަމީވެސް ބަލައިގަންނަން އުނދަގޫކަމެއްކަމުގައި ދަންނަވަމެވެ" އެ ބަޔާނުގައި ވެ އެވެ.

މިއީ ޖިނާއީ މައްސަލައެއް ނަމަވެސް ރައީސްގެ އާއިލާގެ ފަރާތުން ވަނީ މި މައްސަލައިގައި އެމްޑީޕީ، އަދި އެ ޕާޓީގެ ޗެއާޕާސަން އަށް މަދަނީ ގޮތުން ފިޔަވަޅު އެޅުމަށް ނިންމާފަ އެވެ.  މިފަދަ ފިޔަވަޅެއް އެޅުމަކީ، ރައީސްގެ އާއިލާއިން ވިދާޅުވި ގޮތުގައި " މުސްތަޤްބަލުގައި މި ފަދަ މަޤާމެއްގައި ތިބޭނޭ ކުދިންގެ ރައްކާތެރިކަމަށްޓަކައިވެސް ކުރަންޖެހޭ ކަމެއްކަމަށް" ވާތީ އެވެ.

މި މައްސަލައިގައި ގާނޫނީ ފިޔަވަޅު އެޅުމަށް ރައީސްގެ އާއިލާަގެ ފަރާތުން ނިންމަވާފއިވާޢިރު ގިނަ ބަޔަކު އަންނަނީ އެމްޑީޕީގެ މި ނާތަހުޒީބު އަމަލު ކުށްވެރިކޮށް އެކަމާ ދެކޮޅަށް އަޑުއުފުލައި، ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބޭނެ އަމަލުތައް ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ހިންގުން ހުއްޓުވުމަށް ގޮވައިލަމުންނެވެ. .

ކިޔުންތެރިންގެ ހިޔާލު